އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުހައްމަދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ހުސައިން ނިޔާޒެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އެމަނިކުފާނު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރ އޮފް ޑިފެންސް އާ ބައްދަލްކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއިއެކު ޖޮއިންޓް މީޓިންގއެއް ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ.
މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހް ކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް މި ކުރައްވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށެވެ. މިއީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖެއަށް ވަޑައިގަންފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް