ފްލެޓް ތަކެއް ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށްބުނެ ވޮއިސްގައި ލިޔެފައިވަނީ ހަގީގަތް އޮޅޭގޮތަށް: އެމްޕީއެލް

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓް ވިޔަފާރީގެ އުސޫލުން ވިއްކާލާފައިވާކަމަށްބުނެ ލިޔެފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތ...

20 Feb 2021 | 09:07

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓް ވިޔަފާރީގެ އުސޫލުން ވިއްކާލާފައިވާކަމަށްބުނެ ލިޔެފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމުގައި އެ ކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވޮއިސް ނޫހުގައި އިއްޔެ ލިޔުނު އެ އާޓިކަލަށް، މީޑިއާއަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ އެއްވެސް އޮފިޝަލެއް، ކަން ހިނގާފައިވާ ގޮތާ ހިލާފަށް މައުލުމާތެއް ދީފައެއް ނުވާނެއެވެ.

"ކަން ހިނގާފައިވާގޮތާ ހިލާފު މިފަދަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައިނުވާނެކަމުގެ ޔަގީންކަން މި ކުންފުނިން އަރުވަމެވެ" އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ކަމުގެ ހަގީގަތް ނުހޯދާ މިފަދަ ހަބަރެއް ލިޔެފައިވާތީ އެކަން މި ކުންފުނިން ކުށްވެރިކުރަމެވެ. އަދި މިފަދަ ހަބަރުތައް ޒިންމާދާރުކަމާއެކު އާންމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން އިލްތިމާސްކުރާކަމަށްވެސް ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނެފައިވާގޮތުގައި އެފަދަ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް އެ ކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގާ ވޮއިސް ނޫހުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެ ކުންފުނީގެ ފަރާތުން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެއެވެ.

އެ ކުންފުނިން އިމާރާތް ކުރަމުންދާ ފްލެޓް ތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އިމާރާތް ކުރަމުންދާ ފްލެޓްތަކެއް ކަމަށާއި އެ ފްލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް