ޕްރިޒަން އޮފިސަރަކު ގަވައިދާ ހިލާފަށް ޖަލަށް އެއްޗެއް ވައްދައިދޭ އަގު އެނގޭތަ؟

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތައް ކަމަށްވާ މާފުށީ ޖަލަށާއި މާލޭ  ޖަލަށް ގަވައިދާ ހިލާފަށް އެއްޗެހި ވައްދައިގެން ފަޅާ އަރާ އަޑު ދޭތެރެ ދޭތެރެއިން އިވެ އެވެ. ބައެއް ފަހަ...

20 Feb 2017 | 07:34

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތައް ކަމަށްވާ މާފުށީ ޖަލަށާއި މާލޭ  ޖަލަށް ގަވައިދާ ހިލާފަށް އެއްޗެހި ވައްދައިގެން ފަޅާ އަރާ އަޑު ދޭތެރެ ދޭތެރެއިން އިވެ އެވެ.

ބައެއް ފަހަރު އެފަދަ މައްސަލަތަކުގައި ޕްރިޒަން އޮފިސަރުންވެސް ހައްޔަރު ކުރެ އެވެ. ޖަލު ހުންނަ އިމާރާތުގެ ގޭޓުން ވަންނަ އިރު އެ ވައްދަނީ ކޯޗެއްތޯ ރަނގަޅަށް ބަލާ ފާސް ކުރެ އެވެ. އެކަން ކުރަން ޕްރިޒަން އޮފިސަރުން ތިބޭއިރު ގަވައިދާ ހިލާފަށް ޖަލަށް އެއްޗެއް ވެއްދިގެން ނުވާނެކަން އެންމެންނަށްވެސް ޔަގީން ވާނެ އެވެ.

އެކަމަކު ފައިސާގެ އަވައިގަ ޖެހި ބައެއް ޕްރިޒަން އޮފިސަރުން ގެންދަނީ ޖަލަށް ވެއްދުން މަނާ އެތައް އެއްޗެއް ޖަލުގެ ގޭޓުތައް ހުރަސްކޮށް ގައިދީންނާއި ހަމައަށް ފޯރުކޮށްދިނުމުގައި އެހީތެރިވަމުންނެވެ. މިފަދަ ބޮޑު އަދި ރިސްކީ ކަމެއް ކުރާނީ ހަމަ ގައިމުވެސް ކުޑަ އަގެއްގައި ނޫންކަން އެންމެންވެސް ދަންނާނެ އެވެ.

މާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކު ދުވަހާއި މައުލޫމާތު ހިއްސާ ކުރަމުން ބުނީ މާފުށީ ޖަލަށް ތަކެތި  ވެއްދުމަށް އެހީތެރިވާ ޕްރިޒަން އޮފިސަރުންގެ އެކައުންޓު ބެލެންސުން ވަރަށް ރަނގަޅަށް އެކަން ފާހަގަވެގެން ދާނެ ކަމަށެވެ. އޭނާއަށްވެސް އެފަދަ ހުށަހެޅުންތަކެއް މީގެ ކުރިން އައި ކަމަށާއި އެކަމަކު އެކަން ނުކުރަނީ އަމިއްލައަށް އެއީ ރަނގަޅު ގޮތެއް ނޫންކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

"އަޅުގަނޑަށް އައި ފޯނެއް އެއް ދުވަހު، ބުނީ މީނަ މީހަކު ބުނެގެންނޭ. އަދި މިހާތަނަށް އެޗެއް ނުވައްދަން ދޯއޭ ޖަލަކަށް. އެހެންވީމަ ކޮބައިހޭ ފެށޭ އަގަކީ،" އެ ޕްރިޒަން އޮފިސަރު ބުންޏެވެ.

އޭނާ ބުނީ އެންމެ ދަށްކޮށް ފުރަތަމަ ފަހަރަށް އޮފިސަރަކު ގައިދީއަކާއި ހަމައަށް އެއްޗެސް ގެންގޮސްދޭނީ 20،000 ރުފިޔާއަށް ކަމަށެވެ. އަދި އެއަށްފަހު ކޮންމެ ފަހަރަކުވެސް އަދަދު މަތި ކުރާ ކަމަށެވެ. އޭނާ ބުނީ އާންމުކޮށް ޕްރިޒަން އޮފިސަރެއްގެ މުސާރައަކީ 12،000 ރުފިޔާ ކަމަށް ވާނަމަ ގަވައިދާ ހިލާފަށް ޖަލަށް ތަކެތި ވައްދައިދޭ ޕްރިޒަން އޮފިސަރެއްގެ އެކައުންޓުގައި މަސް ނިމޭއިރު 50،000 ށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށެވެ.

މިކަން ކުރަނީ ދެތިން ޕްރިޒަން އޮފިސަރުން ނޫންކަން ފާހަގަ ކުރަމުން އޭނާ ބުނީ އެތައް އޮފިސަރުންނެއް ނުގަވައިދުން ޖަލަށް އެއްޗެހި ވައްދަން އެހީވާ ކަމަށެވެ.

އާއިލާތަކުން ގައިދީންނާއި ބައްދަލު ކުރަން ދާއިރު ގެންދާ ބައެއް ތަކެތީގެ ތެރެއިން ޖަލަށް ވެއްދުން މަނާ އެއްޗެހި ގެންދާތީ މިހާރު އެ މައްސަލަ ބޮޑުވެ އާއިލާތަކުން އެއްޗެހި ގެންދިއުން ވަނީ މަނާކޮށްފައި އެވެ. އެންމެންވެސް ނިންމީ ނުގަވައިދުން ޖަލަށް އެއްޗެހި ވެއްދުން އެހިސާބުން ނިމުނީ އެވެ.

އެކަމަކު އެ ޕްރިޒަން އޮފިސަރު ބުނީ އާއިލާއިން ގެންދާ އެއްޗެހި ވެއްދުން މަނާ ކުރުމަކުން އެކަން ކޮންޓްރޯލް ނުވާނެ ކަމަށެވެ. އެއީ އެކަމުގެ އަޑީގައި ކަރެކްޝަނަލް ސާވިސްގެ އިސް އޮފިސަރުންވެސް ޝާމިލް ވާތީ ކަމަށެވެ.

އޭނާ ބުނީ ބޮޑެތި ކުށްކުށުގައި ޖަލުގައި ތިބޭ މީހުންނަށް އެއްޗެހި ފޮނުވަނީ ބޮޑެތި ގޭންގުތަކުން ކަމަށްވާނަމަ އެ އެއްޗެހި ވެއްދުމަށް ސީނިއާ އޮފިސަރުންނަށްވެސް ފައިސާއިން ބައެއް އަޅަން ޖެހޭ ކަމަށެވެ. އަދި ދަށް ލެވެލްގެ އޮފިސަރުން އެއްޗެހި އެ ވައްދައިދެވެނީ ސީނިއާ އޮފިސަރުގެ ހުއްދަ ލިބި އޭނާގެ ބެލުމުގެ ދަށުންކަން އެނގޭނެ ކަމަށެވެ.

"އަސްލު އެންމެ އަޑީގައި މިކަމުގައތި ތިބެނީ ބައެއް ސީނިއާ އޮފިސަރުން. އެމީހުން އަންގައިގެން ދަށް ލެވެލް ތަކުގެ އޮފިސަރުންނަށް ގުޅާފައި އެއްޗެއް ވައްދައިދޭ އަގު އެ އަހަނީ، އެހެންވީމަ އަދި ވިސްނާލަ އޮފިސަރުންނަށް ލިބޭނެ ވަރު،" އޭނާ ބުންޏެވެ.

އޮފިސަރު ބުނީ އެފަދަ ކުށްކުށުގައި ބައިވެރިވެފައިވާ ސީނިއާ އޮފިސަރުންތަކެއްގެ މައްސަލަ މީގެ ކުރިން ބަލައި ފިޔަވަޅު އެޅިކަމަށެވެ. އަދި އާންމު ނުވި ނަމަވެސް ބައެއް އޮފިސަރުން ވަޒީފާއިންވެސް ވަކިކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ހުސައިން ލުގުމާން އަށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވާފައި އެއްނުވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުންދާ ޖަލެއް ފަޅާލައި ގައިދީންތަކެއް ފިލިޔަސް އަދި ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގައިވެސް އޮފިސަރުންގެ އަތެއް ނެތި ނުވެއްދޭނެ ކަމަށް ގިނަ މީހުން އެއްބަސްވެ އެވެ. އެކަމަކު އޮފިސަރުންގެ މިފަދަ އަމަލުތަކުން ކޮރަޕްޝަނަށް އިތުރު ދޮރުތައް ހުޅުވި، ޖަލު ބެލެހެއްޓުމުގައި ކަމާ ބެހޭ ފަރާތްތަކުން އިހުމާލުވާ މަންޒަރު ނޫނީ ނުފެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް