ޖެނީވާގައި މިހާރު ކުރިއަށްދާ 9 ވަނަ ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގައި ބައިވެރިވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު ޖެނިވާއަށް އާދީއްތަ ދުވަހު ވަޑައިގަންނަވައިފިއެވެ.
ރައީސް ނަޝީދުގެ އޮފީހުގެ ވެބްސައިޓްގައިވާގޮތުން ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އިންސާނީ ޙައްޤުތަކާ ގުޅޭ މި ސަމިޓުގައި ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ސިޔާސީ ކުށްވެރިންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރައްވާ މުހިއްމު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއަހަރުގެ ސަމިޓުގައި ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ތުރުކީ، ރަޝިޔާ، ވެނެޒުއޭލާ، އީރާން، ވިއެޓްނާމް، ޓިބެޓް، ކޮންގޯއާއި ހައްދުފަނަޅާފައިވާ އިސްލާމިކް ސްޓޭޓްގެ ޝިކާރައަކަށްވި ޝިރިން ބައިވެރިވެވަޑައިގަންނަވާނޭކަމަށާއި މި ސަމިޓުގައި އަންގާރަ ދުވަހު ޖެނީވާ ސަމިޓުގެ ހިއްވަރުގަދަ އެވޯޑު ރައީސް މުޙައްމަދު ނަޝީދަށް އެރުވުމަށް ވަނީ ހަމަޖެހިފައިކަމުގައި އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުންނާއި އެމަނިކުފާނުގެ މަސައްކަތްޕުޅާއި ޚުދުމުހުތާރު ވެރިކަމާ އަނިޔާވެރިކަމާ ގުޅޭ ގޮތުން ރައީސް މުޙާއްމަދު ނަޝީދު ތަޤްރީރުކުރައްވާނޭ ކަމުގައި ރައީސް ނަޝީދުގެ އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ޖެނީވާގައި މަސައްކަތްކުރައްވާ އެކިއެކި ޤައުމުތަކުގެ ސަފީރުންނާއި އދ.ގެ އެކިއެކި ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމުގައިވެސް ރައީސް ނަޝީދުގެ އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް