ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި ފްލެޓެއް ނިންމާ ދައްކާލައިފި

ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކުރި ފްލެޓެއް ނިންމާލުމަށްފަހު ފްލެޓުގެ އެތެރެ ހުރި ގޮތް ދައްކާލައިފި އެވެ. ފަހި ދިރިއުޅުން ކޯޕަރޭ...

20 Jan 2023 | 17:41

ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކުރި ފްލެޓެއް ނިންމާލުމަށްފަހު ފްލެޓުގެ އެތެރެ ހުރި ގޮތް ދައްކާލައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓް ތަރައްޤީކުރަމުން އަންނައިރު ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓު ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓު ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކޮށް ނިންމާފައިވާ ފްލެޓެއް ބައްލަވައިލެއްވުމަށް ވަޑައިގެންފަ އެވެ.

އެގޮތުން ރައީސް އޮފީހުން ކުރެއްވި ޓްވީޓްގައި ފެންނަ ފޮޓޯތަކުން އެ ފްލެޓް ހުރީ ހަދައި ނިމި މީހުން ދިރިއުޅެވޭ ގޮތަށް ހުރިހާ މަސައްކަތެއް ނިންމާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ވެރިންނާއި ހައުސިން މިނިސްޓްރީގެ ވެރިންގެ އިތުރުން އެޗްޑީސީގެ ވެރިންވެސް ވަނީ ރައީސް ޞާލިހްގެ އަރިހުގައި ފްލެޓް ބައްލަވާލައްވާފަ އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ދެ މަޝްރޫޢުއެއްގެ ގޮތުގައި ދެ ކުންފުންޏަކުން 4000 ފްލެޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް