ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އިލެކްޓްރިކް ބަހުގެ ހިދުމަތް ވިލިމާލޭގައި މިއަދު ފަށައިފިއެވެ. ބަހުގެ މި ހިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާއި ރައްޓެހި ހަ (އިލެކްޓްރިކަލް) އީ.ވީ ބަހެވެ.
އާރްޓީއެލްގެ މައި ކުންފުނި، އެމްޓީސީސީން ބުނެފައިވާގޮތުގައި މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދި މީގެ އިތުރުން ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަވެސް ހުންނާނެއެވެ. ވީމާ ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީ.ވީ ބަސްތަކުގައި ހުންނާނެއެވެ. މި ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ އާއްމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވިސްނައި، މި ހިދުމަތް ބޭނުންކުރުމުގައި ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަވާނެ ގޮތްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށާއި ރޫޓާއި ޝެޑިއުލް އެކުލަވާލިއިރު، ސްކޫލްތަކާއި، ބީޗު ސަރަހައްދާއި، އޮފީސްތަކާއި، ސިނާއީ ސަރަހައްދާއި، ހަސްފަތާލާއި، ފެރީ ޓާމިނަލަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކަށް ވާނީ ބެލިފައި ކަމުގައި އެމްޓީސީސީން ބުނެއެވެ. އަދި ވިލިމާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނުކަމުގައި ވީނަމަވެސް، ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ވިލިމާލޭގެ 1.52 ކިލޯމީޓަރު ދިގު އިންޓާނަލް ރޫޓްގެ 10 ސަރަހައްދަކަށް ބަސް ހުއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސިން ބުނެއެވެ.
އާރް.ޓީ.އެލް ވިލިމާލޭ ބަހުގެ ހިދުމަތް ހަފްތާއަކު ހަތް ދުވަހު ހެނދުނު 5:35 އިން ރޭގަނޑު 00:00 އަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވ. އަދި ބަހުގެ ހިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް ފަސް މިނެޓާއި 10 މިނެޓާއި ދޭތެރޭގެ ވަގުތުކޮޅެއްގައި ލިބިގެންދާނެއެވެ. މިއަދުން ފެށިގެން ފުރަތަމަ ދެ ހަފްތާގައި މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމުގައި އެމްޓީސީސީން ބުނެއެވެ. އަދި އާރް.ޓީ.އެލް ވިލިމާލެ ބަހުގެ ހިދުމަތުގެ އަޖުމަ ބައްލަވާލެއްވުމަށްވެސް އެމްޓީސީސީން ދައުވަތު އަރުވައެވެ.
"އަޖުމަ ބެލުމަށް ހަމަޖެހިފައިވާ ޓްރައިއަލް މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ މައުލޫމާތަށް ބެލުމަށްފަހު، ރޫޓްތަކަށް ބަދަލެއް ގެންނަންޖެހޭކަމަށް ފެންނަނަމަ، އެ ބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮންނާނެކަންވެސް ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ވިލިމާލޭގައި އާރް.ޓީ.އެލް ބަހުގެ ހިދުމަތް ހިލޭ ފޯރުކޮށްދެވޭ ހިދުމަތް ނިމުމުން މާސްޓަރކާޑް/ވިސާކާޑް ބޭނުންކުރައްވައިގެންނާއި ކިއުއާރް ޓިކެޓިންގެ ޒަރީއާއިން އަދި ފައިސާ ދައްކާފައި ޓިކެޓް ބައްލަވައިގަނެގެން، ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން އުފަލާއެކު ދަންނަވަމެވެ. ޓްރައިއަލް މުއްދަތު ނިމުމުގެ ކުރިން ވިލިމާލެ، އީ.ވީ ބަހުގެ ހިދުމަތް ކަނޑައެޅިފައިވާ އަގު ކަސްޓަމަރުންނަށް ހާމަކުރެވޭނެއެވެ." އެމްޓީސީސިން ބުނެފައިވެއެވެ.
ޓްރައިއަލް މުއްދަތަށްފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް، 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އަދި ހާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށާއި މީގެ އިތުރުން ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމުގައި އެމްޓީސީސީން ބުނެއެވެ. އަދި އާރް.ޓީ.އެލް ވިލިމާލޭ ބަހުގެ ރޫޓް މެޕާއި ޝެޑިއުލް، އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލައިލެވެން ހުންނާނެ ކަމަށާއި ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގްސަދަކީ އެކަށީގެންވާ އަގެއްގައި ލުއި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމުގައި އެމްޓީސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް