ޙާލަތު ބަދަލުކުރުމަށްޓަކައި ވިސްނުން ބަދަލުކުރުން މުހިންމު!

ޙާލަތު ބަދަލުކުރުމަށްޓަކައި ވިސްނުން ބަދަލުކުރުން މުހިންމެވެ. އަމިއްލަ ޝުޢޫރުތައް ކޮންޓްރޯލްކުރުމަށްޓަކައި ވޭތުވެދިޔަ ތަނުގައި ހިނގާފައިވާ ނޭދެވޭ ކަންކަމުގެ މަތިން ހަދާން ނައްތާލަންޖެހެއެވެ. ޚާއްޞަކޮށ...

20 Jan 2023 | 11:44

ޙާލަތު ބަދަލުކުރުމަށްޓަކައި ވިސްނުން ބަދަލުކުރުން މުހިންމެވެ.

އަމިއްލަ ޝުޢޫރުތައް ކޮންޓްރޯލްކުރުމަށްޓަކައި ވޭތުވެދިޔަ ތަނުގައި ހިނގާފައިވާ ނޭދެވޭ ކަންކަމުގެ މަތިން ހަދާން ނައްތާލަންޖެހެއެވެ.

ޚާއްޞަކޮށް އެ ޝުޢޫރުތަކަކީ ތިމާއަށް ހިތްދަތިކަމާއި ވޭން އިޙުސާސްކުރަން ޖައްސާފައިވާ ޝުޢޫރުތަކެއް ނަމައެވެ. އޭރުން މުސްތަޤްބަލުގެ އުޖާލާކަމާއި ފާގަތިކަން ތަޞައްވުރުކުރަން ފަސޭހަވާނެއެވެ.

މި ދާއިރާގެ ތަޖްރިބާކާރުން ބުނާގޮތުގައި ނެގެޓިވް ޝުޢޫރުތަކަކީ އަހަރެމެން އެންމެންވެސް އެއިން ވޭންތަކެއް ތަޙައްމަލްކޮށްފައިވާ ތަޖުރިބާތަކެކެވެ. ދިރިއުޅުމުގެ އެކި ދާއިރާތަކުން މިފަދަ ނެގެޓިވް ޝުޢޫރުތައް އެކިފަހަރުމަތިން އަހަރެމެންނާ ބައްދަލުކުރެއެވެ.

މި ޝުޢޫރުތައް ގެނެސްދޭ އެންމެ މުހިންމު ދޮރަކީ މާޒީގެ ހިތި ހަދާންތަކަށް ހުޅުވާލެވޭ ދޮރެވެ. އަންނަންއޮތް މުސްތަޤްބަލުގައި ދިމާވެދާނެ ކަންކަމާމެދު ފިކުރު ބޮޑުވުމެވެ. އަދި އަހަރެމެންގެ މިއަދުން މިއަދަށް ގެއްލުންވަމުންދާ ޙާލަތްތަކެވެ.

ވަރަށް ގިނަމީހުން ދިރިއުޅުމުގެ ކަންކަމާމެދު ވިސްނާ ބަލަނީ ހިތްދަތި ނަޒަރަކުންނެވެ. އަދި އެ ނަޒަރުން ވިސްނުމުގައި މުޅި ދުވަސް ދުއްވާލައެވެ. އަހަރެމެންގެ މުޅި ޙަޔާތުގައި މިގޮތަށް ވިސްނުން ބަހައްޓައިފިނަމަ މީހާގެ ނަފްސާނީ ދުޅަހެޔޮކަން ފުނޑުފުނޑުކޮށްލާފާނެއެވެ. އޭރުން ދުވަސްތައް ހޭދަވާނީ ހާސްކަމާއި ވޭނުގެ ތެރޭގައެވެ. އެހެންވީއިރު އަހަރެމެންގެ ނޭދެވޭ ވިސްނުންތަކާ ދެކޮޅަށް ތެދުވެ ޝުޢޫރުތައް ކޮންޓްރޯލްކުރާނީ ކިހިނެއްހެއްޔެވެ؟ އަދި ދުޅަހެޔޮގޮތަކަށް އެފަދަ ވިސްނުންތަކުން މިންޖުވާނީ ކިހިނެއްހެއްޔެވެ؟

ތިރީގައި މި ބަޔާންކޮށްލަނީ މި ދާއިރާގެ ތަޖްރިބާކާރުންގެ ބައެއް ނަޞޭޙަތެވެ.

ބަދަލުކުރަން ބޭނުންވަނީ ކޮން ވިސްނުންތަކެއްކަން ދެނެގަންނާށެވެ.

އެއްވެސް ޝައްކެއްނެތްގޮތުގައި ތިމާގެ ސިކުނޑީގައި ހިނގާ ޝުޢޫރުތަކުގެ މައްޗަށް ކޮންޓްރޯލް ބޭއްވުމަށްޓަކައި، ކޮންޓްރޯލް ކުރަން ބޭނުންވަނީ ކޮން ފިކުރުތަކެއްކަން ދެނެގަނެ އެނގެންޖެހޭނެއެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އެކިއެކި ވަގުތުގައި ދިރިއުޅުމުގެ ބައެއް ހިތްދަތި ތަޖްރިބާތަކާ ކުރިމަތިލާންޖެހެއެވެ. މިވަގުތުވެސް ތިބާގެ ހިތަށް ވެރިވެފައިވަނީ ދިރިއުޅުމުގެ އެކިއެކި ގޮންޖެހުންތައް ކަމުގައިވާނަމަ ސިކުނޑީގައި ފުނިޖެހެމުން އަންނަ ވިސްނުންތަކުގެ މައްޗަށް ކޮންޓްރޯލް ބެހެއްޓުމަށް ދަތިވާނެއެވެ.

ހިތުގެ ތެރެއަށް ވެރިވެގަންނަ ނޭދެވޭޝުޢޫރުތަކުގެ އަސަރު އެކިފަހަރުމަތިން ތަޖްރިބާކުރުމަކީ ޠަބީޢީކަމެކެވެ. ބައެއްފަހަރު އެއީ ވަރަށް ވޭނާއި ތުރާޖައްސާ ވިސްނުންތަކަކަށްވެސް ވެދާނެއެވެ. މި ޝުޢޫރުތައް މުޅި ހަށިގަޑަށް ވެރިވެގަނެގެން އުޅޭހެން ހީވިޔަސް އިރުކޮޅަކުން އައިތަނަކަށް ހިނގައިދާނެއެވެ. ނަމަވެސް އެއީ އެފަދަ ވިސްނުންތަކަށް މާބޮޑު އަޅާލުމެއްދީ ނުހަދާނަމައެވެ. މިފަދަ ފިކުރުތަކަށް ޖާގަދެވޭ ސަބަބުތަކެއްވެސް ހުރެއެއެވެ. އޭގެތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  • އަމިއްލަ ނަފްސާމެދު ނެގެޓިވްކޮށް ދުށުމާއި އެފަދަ ވާހަކަދެއްކުން
  • ދިމާވާ ކަންކަމުގައި މާއަވަހަށް ވަކިފަރާތަކަށްޖެހި ވިސްނުން ގެންގުޅެވުން ހިމެނެއެވެ. އޭރުން އެކަންކަމުގެ ނަތީޖާ ބަލައިގަނެވެނީ ތެދުވެރި ސިފައެއްގައެއް ނޫނެވެ.
  • ކަންކަމާ މެދު އަބަދު ޕެސިމިސްޓިކް ނަޒަރަކުން ބެލެވުމަކީ މިފަދަ ކަމެކެވެ. ދިރިއުޅުމުގެ ކަންކަމާމެދު އަބަދު ބަލަންވާނީ ކޮންމެކަމެއްގެ ނަތީޖާ ގޯސްކޮށް ނިކުންނާނެކަމަށް ވިސްނައިގެނެއް ނޫނެވެ.

ހިތްހަމަނުޖެހޭ ވިސްނުންތައް ވެސް ބަލައިގަންނާށެވެ.

އިންސާނުންގެ ޠަބީޢަތުގައިވެސް ވޭންތަކާ ދުރުވާން ބޭނުންވާނެއެވެ. އެހެންވުމުން ހިތްހަމަނުޖެހޭކަންކަމާމެދު ވިސްނާ ބެލުންވެސް ދުރުކޮށްލާހިތްވާނެއެވެ. ތިމާ ހިތްހަމަނުޖެހޭ ވިސްނުންތަކާ މެދުވެސް ކޮންމެ ފަހަރަކު ހަތިޔާރު ބަހައްޓަން އާދަކުރުމުގެ ބަދަލުގައި ޗެލެންޖެއްކަމުގައި ބަލައި އެފަދަ ފިކުރުތައް ޤަބޫލުކުރާނެ ޖާގައެއް އޮތްތޯވެސް ބަލާލާށެވެ. ބިރުގެ ސަބަބުން ކުރިއަށް އޮތް ފިޔަވަޅު އަޅަން ހުރަހަކަށް އެ ބިރު ނުހަދާށެވެ.

މަޑުމައިތިރި ހިމޭންތަނެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

ނެގެޓިވް ވިސްނުންތަކާ މެދު ވިސްނާލާ އެއިން މިންޖުވާން މިފަދަ މަޑުމައިތިރި ތަނެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވަރަށް ރަނގަޅު އާދައެއްކަމުގައި ތަޖްރިބާކާރުން ބުނެއެވެ. މި ގޮތަށް ތަނެއްގައި މަޑުމައިތިރިކަމާއެކު ވިސްނާލަން އިނުމަކީ ސިކުނޑި އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެނެވޭކަމެއްކަމުގެ އިޙްސާސް ނުކުރެވިދާނެއެވެ. ނަމަވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެއެވެ. މިގޮތުން ސިކުނޑި ސާފުކޮށްލަން އިންނަ އިނުމުގައިވެސް ނޭދެވޭ ފިކުރުތައް ސިކުނޑިއަށް ވެރިވެގެންފާނެއެވެ. ނަމަވެސް މިކަމުން ޙަޤީޤީ މަޑުމައިތިރިކަމެއްގެ ވަގުތުކޮޅެއް ހޭދަކުރަން ދަސްވުމަކީ މިކަމަށް އޮތް ފަރުވާއެކެވެ.

ކަންކަމާމެދު ވިސްނާގޮތް ބަދަލުކުރާށެވެ.

އެމީހެއްގެ އަމިއްލަ ޒާތާ ދެކެވޭ ވާހަކައިގެ ސަބަބުން ވިސްނުން ބަދަލުކުރުމަށް ބާރުއެޅޭނެއެވެ. ނަމަވެސް އަމިއްލަ ނަފްސާ ވާހަކަދައްކާގޮތް މުހިންމުވާނެއެވެ. އަމިއްލަ ނަފްސާ މުޚާޠަބްކުރަނީ މުޅިން އެހެން މީހެއްކަމުގައި ބަލާށެވެ. މި ފަދަގޮތަކަށް ނަފްސާ މުޚާޠަބްކޮށް ވާހަކަ ބައްޓަން ކުރެވިދާނެއެވެ. [މީގެ ކުރިންވެސް ދިމާވި ހިތްދަތި ދަނޑިވަޅުތަކުގައި ތިބާ ހުރީ ސާބިތުކަންމަތީގައެވެ. އެގޮތުގައި އެތައް ރާޅެއް ބޯމަތިން ދުއްވާލާ ސާބިތުކަމާއެކުއެވެ. ބައެއް ރޯޅިތައް އައުމުން ބޯގުދުކޮށްލީއެވެ. ނަމަވެސް ރޯޅި މަޑުވުމުން އަލުން ހިންދެމިލައި ޙަޔާތުގެ ނަވާއެކު ދަތުރު ކުރިއަށް ގެންދިޔައީއެވެ.]

އީޖާބީ ސިފައެއްގައި ވިސްނުން ގެންގުޅޭށެވެ.

ޕޮޒިޓިވްކޮށް ވިސްނުމުގެ މާނައަކީ އެއްވެސް ކަމެއް ގޯސްނޫންކަމަށް ދުށުމެއްވެސް ނޫނެވެ. އަދި މައްސަލަތަކާ ކުރިމަތިލައި ނާކާމިޔާބުތަކުން އަރައިގަތުމަށް މަސައްކަތް ނުކޮށް ހުރުމެއްވެސް ނޫނެވެ. ނަމަވެސް އަލިކަން ފެންނަ އުދަރެހާ ދިމާއަށް ބެލުމެވެ. ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބުގެ އައްސޭރިއަށް ވާޞިލުވެވޭނެކަމުގެ ފުރިހަމަ އުއްމީދުކޮށް އެކަން ޙާޞިލުވުމުގެ ކުރިންވެސް އެ އުފަލުގެ ބައެއް ރަހަތަށް ބެލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް