ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނު ރިޔާދު ސީޒަން ޓީމު ބަލިކޮށް ރިޔާދު ސީޒަން ކަޕް ފްރާންސްގެ ޕީއެސްޖީން ކާމިޔާބުކޮށްފި އެވެ.
ރޭ ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 4-5 ގެ ނަތީޖާއިންނެވެ.
ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް ޕީއެސްޖީންނެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީން މެޗުގެ ލީޑުނެގިއިރު، މި ލަނޑު ކާމިޔާބު ކުރީ ލިއޮނެލް މެސީއެވެ. ރިޔާދު ސީޒަން ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ޕެނަލްޓީ ރިޔާދު ޓީމަށް ލިބުނީ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގެ 39 ވަނަ މިނިޓްގައި ޕީއެސްޖީގެ ފުލްބެކް، ހުއާން ބެނާޓަށް ސީދާ ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ޕީއެސްޖީން ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ޕީއެސްޖީން މެޗުގެ 43 ވަނަ މިނިޓްގައި އަލުން ލީޑު ނެގިއެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން މާކީނިއޯސް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ނޭމާ ފޮނުވާލި ޕެނަލްޓީ ރިޔާދު ސީޒަން ޓީމުގެ ކީޕަރު، މުހައްމަދު އުވައިސް ވަނީ މަތަކޮށްފަ އެވެ.
ރިޔާދު ސީޒަން ޓީމުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑުވެސް އެޓީމަށް ޖަހައިދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ދެ ވަނަ ފަހަރު ލިބުމުން ރޮނާލްޑޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 54 ވަނަ މިނިޓްގައި، ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ސާޖިއޯ ރާމޯސް ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހާފައެވެ. އޭގެ ދެ މިނިޓް ފަހުން، ރިޔާދު ސީޒަން ޓީމަށް މެޗުގައި ތިން ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޑިފެންޑަރު ހިޔުން ސޫ ޖަންގްއެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ކޯނަރެއްގައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.
ޕީއެސްޖީން މެޗުގެ 60 ވަނަ މިނިޓްގައި އަލުން ލީޑުނެގީ ޕެނަލްޓީ އަކުން އެމްބާޕޭ ޖެހި ލަނޑުންނެވެ. މިއީ މެސީ ފޮނުވާލި ހަމަލާއެއް ރިޔާދު ސީޒަން ޓީމުގެ އަލީ ބޫލާހީ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ލަނޑަށް ފަހު، ދެޓީމުންވެސް ގިނަ ބަދަލުތަކެއް ގެނައިއިރު، ޕީއެސްޖީން ވަނީ މެސީ، އެމްބާޕޭ، ނޭމާ، ރާމޯސް އަދި ކެޕްޓަން މާކީނިއޯސް ބަދަލުކޮށްފައެވެ. އަދި ރިޔާދު ސީޒަން ޓީމުން ވަނީ ރޮނާލްޑޯ އާއި އެކު އިތުރު ތިން ކުޅުންތެރިން ބަދަލުކޮށްފަ އެެވެ.
ޕީއެސްޖީން އެޓީމުގެ ފަސް ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބު ކުރީ ހޫގޯ އެކިޓިކޭ އެވެ. ރިޔާދު ސީޒަން ޓީމަށް ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އެންޑަސަން ޓަލިސްކާއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިޔާދު ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް