ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި އެވެ.
އެމެރިކާގެ ގާނޫނު އަހަދާ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިޑަންއަށް ރައީސްކަމުގެ ހުވާ ލައި ދެއްވީ އެގައުމުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. ބައިޑަން އަކީ އެމެރިކާގެ 46 ވަނަ ރައީސެވެ.
މި ރަސްމިއްޔާތުގައި އެ ގައުމުގެ ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ކުރައްވާފައިވެ އެވެ. އެކަމަނާއަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޮމަޔާ އެވެ.
ހެރިސް އަކީ އެމެރިކާގެ ތާރީހުގައި ނައިބު ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން އަދި ކަޅު ނަސްލުގެ ނައިބު ރައީސެވެ.
ބައިޑަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ކުރީގެ ރައީސުންގެ ތެރޭގައި ބިލް ކްލިންޓަން، ޖޯޖް ޑަބްލިއު ބުޝް އަދި ބަރަކް އޮބާމާ ހިމެނިވަޑައިގެންނަވަ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވަޑައި ނުގެންނަވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
މިއީ ފާއިތުވި 150 އަހަރު ތެރޭ، އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކު އާ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ. ޓްރަމްޕް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވިޔަސް އޭރުގެ ނައިބު ރައީސް މައިކް ޕެންސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮންމެ ފަސް އަހަރަކުން އެމެރިކާގައި ބާއްވާ އެންމެ ކުލަގަދަ ހަފްލާގެ ތެރޭގައި ހިމެނޭ ރައީސް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކޯވިޑް-19 އާއި ގުޅިގެން މިފަހަރު ބައިބެރިވެފައިވަނީ މަދު އަދަދެއްގެ ބައެކެވެ. އަދި މިފަހަރުގެ ރަސްމިއްޔާތުގައި ސެކިއުރިޓީ ސަަބަބައްޓައިވެސް ގިނަ ބަޔަކު ބައިވެރި ނުކުރަން ނިންމި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް