ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގުޅޭގޮތުން ދޮގު ތުހުމަތުތަކެއްކޮށް ހަބަރު ލިޔުނު މައްސަލައިގަ އެންމެ ސުލްހަވެރި ހައްލެއްގެ ގޮތުން މައާފަށް އެދި ތުހުމަތުތައް އުނިކުރުމަށް އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމު ތަމްސީލް ކުރާ ދަ ލިޓިޖަންޓްސް ލޯ ފާމުން އަންގައިފި އެވެ.
އެ ފާމުން މިހެން ބުނީ މި މައްސަލައިގަ އެންމެ ސުލްހަވެރި ހައްލުގެ ގޮތުގައި ކުރެވިދާނެ ކަންކަން ބަޔާންކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދުމުންނެވެ. އެމްއެމްސީން މިގޮތަށް އެންގީ ދަ ލިޓިޖަންޓްސް ލޯ ފާމުން އެ ހަބަރުގެ މައްސަލަ އެމްއެމްސީއަށް ހުށަހެޅުމުންނެވެ.
އެކަމަނާ އާއި ގުޅޭގޮތުން ހަބަރު ލިޔެފައިވަނީ “މޯލްޑިވްސް ނިއުސް ނެޓްވޯކް” އިންނެވެ.
ދަ ލިޓިޖަންޓްސް ލޯ ފާމުން އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްއެންއެން އިން ގާނޫނާ ހިލާފުވެފައިވާ ކަމަށް މީޑިއާ ކައުންސިލްގެ ގާނޫނީ ވަކީލުވެސް ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އެމްއެންއެން އިން ބުނެފައިވަނީ ލިޔުން ޝާއިއުކުރިފަހުން، ފުޓް ނޯޓެއްގައި ކަންކަން އިސްލާހު ކޮށްފައިވާނެ ކަމަށާއި ފަޒްނާ އާމެދު ލިޔެފައިވާ ވާހަކަތައް މުސްތަގިއްލު ގޮތެއްގައި ވެރިފައިކޮށްފައި ނުވާނެކަމަށް އެ ފުޓްނޯޓުގައި ބަޔާންކޮށްފައި ވާނެކަމަށެވެ. އަދި ލިޔުމުގައި ހުރި ކަންކަން އެއީ ތެދުތޯ ނުވަތަ ނޫންތޯ އެނގޭނެ މީހަކު ނެތްކަމަށާއި، ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާއިރު މައާފަށް އެދެން ނުޖެހޭނެ ކަމަށް ވެސް އެމްއެންއެން އިން ބުނެފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެމްއެންއެންއިން ފަޒްނާއާ ގުޅޭގޮތުން ޝާއިއު ކޮށްފައިވާ އާޓިކަލްގައިވާ އެކަމަނާގެ ފޮޓޯއާއި އެކަމަނާއާ ބެހޭ ގޮތުން ޝާއިއު ކޮށްފައިވާ އެންމެހާ ނައްސުތައް އާޓިކަލް އިން އުނިކުރުމަށާއި، އާޓިކަލްއާ ގުޅިގެން ފަޒްނާގެ އަރިހުން މައާފަށް އެދި، އެމްއެންއެންގެ ފަރާތުން، އެކަން އާންމުކޮށް އިއުލާނުކުރުމަށް ވަނީ އެދިފަ އެވެ.
އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ކުންފުންޏަކުންނެވެ. އަދި ފަސްޓްލޭޑީ ފަޒްނާގެ ފައިސާތަކެއް މޮރިޝަސް އަށް ބަދަލުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް