ހާލާއެކު މި އަހަނީ ކޮން އަހުވާލެއްގެ ވާހަކައެއްތަ ؟

މުސްލިމުންނަކީ އެކަކު އަނެކަކާ ދިމާވާހިނދު ހާލު އަހާލާ ސަލާންކޮށްލުމުގެ ރިވެތި ސިފަ ގެންގުޅޭ ބައެކެވެ. ދިވެހިންނަކީވެސް މި ރިވެތި ސިފަ ގެންގުޅޭ ބައެއް މެއެވެ. ނަމަވެސް ހާލު އަހާލާއިރު އާންމުކޮށް މި އަ...

20 Jan 2021 | 08:57

މުސްލިމުންނަކީ އެކަކު އަނެކަކާ ދިމާވާހިނދު ހާލު އަހާލާ ސަލާންކޮށްލުމުގެ ރިވެތި ސިފަ ގެންގުޅޭ ބައެކެވެ. ދިވެހިންނަކީވެސް މި ރިވެތި ސިފަ ގެންގުޅޭ ބައެއް މެއެވެ.

ނަމަވެސް ހާލު އަހާލާއިރު އާންމުކޮށް މި އަހައިލެވެނީ "ހާލު އަހުވާލު ކިހިނެއް؟" ދޮއްތޯ؟ އެވެ. ހާލަކީ ސިއްހީ ގޮތުން ހާލު ކިހިނެއްތޯ އަހާލުންކަން ސާފެވެ. ނަމަވެސް ހާލާ ގުޅި ލާމެހިގެން މި އަންނަ އަހުވާލަކީ ކޮބައިކަން ކިޔުންތެރިންނަށް އެނގޭތޯއެވެ؟

ދިވެހި ބަހާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭ ފޭސްބުކް ގްރޫޕެއް ކަމުގައިވާ "ބަސް ޖަގަހަ"އިގާ މީހަކު މިއަދު މި ސުވާލު ކޮށްފައިވެއެވެ.

" ހާލު ގެ ފަހަތަށް އެއަންނަ އަހުވާލަކީ ކޮންއެއްޗެއްތޯ؟" އަބްދުﷲ ޝަފީއު ސުވާލުކޮށްފައިވެއެވެ.

އެ ޖަގަހައިގާ ބަހުގެ ފުންނާބު އުސް އެތައް ބަޔަކު އުޅެއެވެ. އަދި ބަހާއިމެދު އާންމުކޮށް ކުރެވޭ ގިނަ ސުވާލުތަކަކަށް ވަރަށް އެކަށީގެންވާ ޖަވާބުވެސް އާންމު ގޮތެއްގައި އެ ގްރޫޕްގެ ތެރެއިން ލިބެއެވެ. މީގެ އިތުރުން ނޫސްތަކުގައި ލިޔާ ކުށް ބަސް ބަހާއިމެދުވެސް އެ ޖަގަހައިގާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއެވެ.

ކޮންމެއަކަސް އަހުވާލަކީ ކޮބައިތޯ އުފެދުނު ސުވާލަށް ބައެއް ފަރާތްތަކުން ބައެއް މަޖާ މާނަވެސް ދީފައިވެއެވެ. އެގޮތުން އެކަކު ބުނެފައިވަނީ އެއީ " އަޚުންނާއި ވާލުން.. އެއީ އާއިލާ އާއި ގާތް އެކު އުޅޭ މީހުން ކަމަށްވަނީ. މިތުރުން ވެސް ކިއިދާނެ؟" ކަމަށެވެ.

ނަމަވެސް އަހުވާލު މި ބަހުގެ އެންމެ ރަނގަޅު މާނަކަމަށް ބެލެވޭ މާނައެއް ދީފައިވަނީ އެ ޖަގަހައިގެ އެއް އެޑްމިން ކަމުގައިވާ ނާޖިހް ދީދީ އެވެ. އޭނާ ވަނީ އަހްވާލްގެ އަރަބި ލަފްޒު އަދި އޭގެ މާނަ ލާފައެވެ. އަރަބި އަހްވާލްގެ އިނގިރޭސި މާނައަކީ "ސާކަމްސްޓޭންސް" އެވެ. އެހެންކަމުން މި ބަސް ދިވެހިކުރާނަމަ އެއީ "ހާލަތު" މި ބަހެވެ.

އެހެންކަމުން ހާލު އަހުވާލު ކިހިނެއްހޭ އަހާލާ އަހާލުމަކީ ހާލާއި ހާލަތު ކިހިނެއްހޭ އަހާލާ އަހާލުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް