ގއ. ވިލިނގިލި މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.
އެ ރަށް މޮނިޓަރިންއަށް ލީ އެ އަތޮޅު ދާންދޫ ކޯވިޑް ކްލަސްޓާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެވެ. މޮނިޓަރިންގެ ހާލަތުން އެ ރަށް ނެގީ އިއްޔެ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ވިލިނގިލީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތު ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތަށް ނެތް ކަމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގައި މޮނިޓަރިން އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި ދެ މީހަކު ވިލިނގިލިން ކޯވިޑަށް ޕޮސިޓިވްވި އެވެ. އެ ދެމީހުންގެ ހާލު ރަނގަޅެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި 73 މީހުން މިހާތަނަށް ވަނީ ޕޮސިޓިވްވެފައި އެވެ. އެ ކްލަސްޓާ އާއި ގުޅުން ހުރި މީހުން ޕޮސިޓިވްވެފައިވާ ރަށްތަކުގެ ތެރޭގައި ދެއްވަދޫ އާއި ވިލިނގިލީގެ އިތުރުން ހުޅުމާލެ، ލ، ފޮނަދޫ އަދި ގއ. ދާންދޫ ހިމެނެ އެވެ.
ދެއްވަދޫ ފިޔަވާ އެ ކްލަސްޓާ އާއި ގުޅުން ހުރި މީހުން އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ދާންދޫއިންނެވެ. އެގޮތުން ދެއްވަދޫއިން 55 މީހަކު ޕޮސިޓިވްވެފައިވާއިރު ދާންދޫއިން 11 މީހުން ޕޮސިޓިވް ވެފައި ވެއެވެ.
ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެން މިހާރު މޮނިޓަރިންގައި އޮތީ އެ ރަށާއި ދާންދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް