ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލެސްޓާ ސިޓީ ކުޅުނު މެޗުން 2-0 އިން ޗެލްސީ ބަލިވިއިރު، ޗެލްސީގެ ކޯޗް ލަމްޕާޑްގެ މަގާމު ގެއްލިދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. ރޭގެ މޮޅާއެކު ލެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ 1 ވަނައަށް އެރިއިރު، ޗެލްސީ އޮތީ ތާވަލުގެ 8 ވަނައިގައެވެ. އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން ޗެލްސީއަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. 3 މެޗުން ވަނީ ބަލިވެފައެވެ.
ޓްރާންސްފާ ބޭންގެ ސަބަބުން ކުޅުންތެރިން ނުގަނެ، ޗެލްސީން ފާއިތުވި ސީޒަންގައި، ކްލަބްގެ ތާރީޚް ދުށް އެންމެ މޮޅު އެންމެ ކުޅުންތެރިޔާގެ އިރުޝާދުގެ ދަށުން ގަދަ 4 ގައި ނިންމާލުމުން ގިނަ ބައެއްގެ ތަޢުރީފު އޮހުނެވެ. އެހެނަސް، ގަދަ ކަނޑަކާ ޖެހުމުން، ޗެލްސީގެ ތަޖުރިބާ މަދު ކޯޗު ލަމްޕާޑްއަށް އޮޑީގެ ހުންގާނު ހިފަހައްޓާ ނުލެވިގެން އުޅޭ މަންޒަރު މި ވަނީ ފެންނަން ފަށާފައެވެ. އޮޑި ދިޔަވާން ފެށިތާ ކިތަންމެ ދުވަހެކެވެ. އެހެނަސް، ލަމްޕާޑަކީ ކްލޮޕެއް ނޫނެވެ. އެހެންކަމުން މި ފެންނަނީ ކުއްލިއަކަށް މިސްރާބު އަނބުރާލާ އޮޑި ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ލަމްޕާޑު ނުކުޅެދިފައިވާ މަންޒަރެވެ.
ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕް ލިވަޕޫލްއާ ހަވާލުވިއިރު، ލިވަޕޫލްއަށް އެކަށީގެންވާ ކާމިޔާބެއް ނުލިބޭތާ އޮތީ ގިނަ އަހަރުތަކެއް ވެފައެވެ. ކްލޮޕް ހަވާލުވުމާއެކު ލިވަޕޫލްއަށް ކާމިޔާބުތައް އޮހެން ފެށީއަކީ ވެސް ނޫނެވެ. އެހެނަސް، ދިމާވި ދަތި އުނދަގޫ ހުރަސްތަކާއެކު ވެސް އަހަރުތަކަކުން ކްލޮޕް އެވަނީ ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ވިދާލާނެ ޓީމަކަށް ލިވަޕޫލް ހަދާފައެވެ. ޓްރާންސްފަރ މާކެޓްގައި ކްލޮޕް ވެސް ހަރަދު ކުރިއެވެ. އެހެނަސް އޭނާ ވަނީ ޓީމެއް ބިނާކޮށްފައެވެ. 30 އަހަރަށްފަހު ލިވަޕޫލްއަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދާ ދީފައެވެ. ޗެމްޕިއަންސް ލީގުގެ ތަށި ވެސް އުފުލާލާފައެވެ. އެހެނަސް، ލަމްޕާޑަށް އެ މަގުން ހިނގިދާނެކަމާމެދު ޝައްކެވެ.
ކޯވިޑް19 ގެ ސަބަބުން ދިމާވި މާލީ ދަތިކަމާހުރެ ގިނަ ކްލަބުތަކުން ޚަރަދުކުރަން ޖެހިލުންވެފައި ތިއްބާ، ޗެލްސީ މި ސީޒަނާ ކުރިމަތިލީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަތުމަށް 220 މިލިޔަން ޔޫރޯ ޚަރަދު ކޮށްލާފައެވެ. ވިދަމުން އައި ޒުވާން ހުނަރުވެެރި ޓިމޯ ވާނާ، ހަކީމް ޒިއެކް، ކައި ހަވާޓްޒް ފަދަ ކުޅުންތެރިން ގަނެގެންނެވެ. އަނެއްކޮޅުން މިހާރު އޮތް ޗެލްސީގެ ޔޫތު އެކަޑަމީއަކީ ވެސް ދުނިޔޭގައި އޮތް އެންމެ އުންމީދީ ޒުވާން ކުޅުންތެރިން ގިނަ އެއް ޔޫތު އެކަޑަމީއެވެ. އެހެނަސް ނަތީޖާއަކީ ކޮބައިތޯއެވެ. ބޮޑު ޚަރަދުކޮށްގެން ފެށި ސީޒަންގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރަށް މެޗު ކުޅެވުނުއިރު، ޗެލްސީގެ ނަތީޖާތައް ދުވަހުން ދުވަހަށް ދަނީ ދަށަށެވެ. ޖުމްލަ 19 މެޗު ކުޅުނުއިރު، މޮޅުވީ އެންމެ 8 މެޗުންނެވެ. 6 މެޗުން ވަނީ ބަލިވެފައެވެ.
5 - Chelsea have kept a clean sheet in just 17% of their away games in the Premier League under Frank Lampard (5/29); among those to have taken charge of 10+ away games in the competition, this is the lowest percentage of any Chelsea manager. Struggle. pic.twitter.com/px6jhXBWeO
— OptaJoe (@OptaJoe) January 19, 2021
ހާލާތު ރަނގަޅު ވޭތޯ ޗެލްސީގެ ފޭނުން އުންމީދު ކޮށްކޮށް ވަރުބަލިވާހާ ވެއްޖެއެވެ. ކްލޮޕް ފަދައިން ނަތީޖާ ބަދަލުކޮށްލާ، ޓިމު ގޮވައިގެން އަރާ ބޮޑެތި ކާމިޔާބީތައް ހޯދޭނެ މަންޒަރެއް ލަމްޕާޑުގެ ކިބައިން ނުފެނެއެވެ. ފެންނަނީ ގޮތް ހުސްވެ، މާޔޫސް ވެފައިވާތަނެވެ. ލަމްޕާޑަކީ ޒުވާން ކޯޗެކެވެ. ވަގުތު ދޭން ޖެހޭނެކަން ގަބޫލު ކުރަމެވެ. އެހެނަސް، ޗެލްސީގައި ދެން ނަތީޖާ ބަދަލުކުރަން ލަމްޕާޑަށް ގިނަ ދުވަސްތަކެއް ލިބޭނެކަމަކަށް ނުބެލެވެއެވެ. އެއީ ލަމްޕާޑަކީ ކްލޮޕް ނޫން ވީމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް