އިންޑިއާއިން ރާއްޖެއަށް ދެނީ ކޯވިޑް-19 ވެކްސިންގެ އެއް ލައްކަ ޑޯޒް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ “ކޮވިޝީލްޑް” އެވެ. އެ ވެކްސިން އަކީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އެކަމަކު އިންޑިއާގެ ވެކްސިންއެއް ނޫނެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 100،000 ޑޯޒުގެ ވެކްސިން ހިފައިން އިންޑިއާގެ ފްލައިޓު މިއަދު ރާއްޖެ އަންނާނެ ކަމަށެވެ. އަދި ކޯވިޑް ވެކްސިން އިންޑިއާއިން ރާއްޖެއަށް ދެނީ ހިލޭ އެހީގެ ދަށުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯވިޑް ވެކްސިން ދޭން ފެށުން ވެގެން ދާނީ ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމުގެ ފެށުން ކަމަށެވެ. އިތުރަށް ވިދާޅުވީ ރާއްޖެއަށް ދިމާވާ މިފަދަ ކޮންމެ ހާދިސާއެއްގައި އެންމެ ފުރަތަމަ އެހީވާ ގައުމުގެ ގޮތުގައި އަވައްޓެރި އިންޑިއާ ހިމެނޭ ކަމަށެވެ.
އެގޮތުން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއް ބަޣާވާތާއި މާލެއިން ފެން ކެނޑުނު ހާދިސާގެ އިތުރުން ކޯވިޑް-19 ގެ ހާލަތުގައިވެސް އެންމެ ފުރަތަމަ އެހީވި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
https://twitter.com/MohamedNasheed/status/1351760397703946240
ރާއްޖެއަށް އިންޑިއާއިން ކޯވިޑް ވެކްސިން މިއަދު ފޮނުވާކަން ހާމަ ކުރީ އެ ގައުމުގެ ނޫސްތަކުންނެވެ. ރާއްޖެއިން އިންޑިއާއިން ކޯވިޑް ވެކްސިން ދޭ ފުރަތަމަ ގައުމެވެ. އިންޑިއާއިން ރާއްޖެއަށް ދޭ “ކޮވިޝީލްޑް” ވެކްސިނަކީ ކޮވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 ޕަސެންޓަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނުމިނުގައި ގެންގުޅެވޭ ވެކްސިނެކެވެ.
މިއަދު ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ހިިފައިގެން އަންނަ އެއާ އިންޑިއާގެ ފްލައިޓު މިއަދު މެންދުރު 2:00 ގައި ރާއްޖެ ޖައްސާނެ ކަމަށެވެ. މިކަމަށް ޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަލާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް