ދުނިޔޭގެ މަޖަލާއި އުފަލުގައި ، ދުނިޔެ ހޯދުމުގެ އެކި ކަންކަމުގައި ތިބާ ހޭބޯނާރާ އުޅޭ އިރު، މިއަދު ކިތައް ފަހަރު ތިބާގެ މަންމަޔަށް ނޫނީ ތިބާގެ ބައްޕަޔަށް ގުޅާލިން ހެއްޔެވެ؟ ބުރައާއި ވޭނުގައި ތިބާ ބަލާ ބޮޑުކުރި އެ ނިކަމެތި މަންމަ އާއި ބައްޕަގެ ހާލު ބަލާލިން ހެއްޔެވެ؟ މަންމަ އުޅެނީ ކޮންފަފަދަ ހާލެއްގަތޯ ބައްޕަ އުޅެނީ ކޮންފަދަ ހާލެއްގައިތޯ އަދި އެދަމިރިން ކައިފިތޯ އަދި ކެއީ ކޯއްޗެއްތޯ ބަލައިލިން ހެއްޔެވެ؟
މަންމައާއި ބައްޕަގެ ދެލޮލުގެ ނޫރުފަދަ ތި ދަރިފުޅުގެ ހާލު މަންމަޔަށް އަންގައި ދިނިން ހެއްޔެވެ؟ މަންމައާއި ބައްޕަގެ ތި ދަރިފުޅު އުޅެނީ އުފަލުގައި ހިންހަމަ ޖެހިގެންތޯ ނުވަތަ ބަލިވެތޯ މަންމަ އާއި ބައްޕަ އެގެން ބޭނުންވާނެ ވަރު ތަޞައްވަރުކޮށްލިން ހެއްޔެވެ؟ މި ސުވާލުތަކުގެ ތެރެއިން ތިބާއަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޖަވާބު ދެވޭނީ ކިތަށް ސުވާލަށްކަން އަމިއްލަ ނަފުސާއި ސުވާލު ކޮށްލާށެވެ.
މި އަދުގެ ގިނަ ޒުވާނުންގެ ހާލަތެވެ. ތިބާ ބަނޑު އަޅާ ވިހައި އެކަނި މައި އެކަނި ބުރަ އެތަކެއް އަހަރުތަކެއް އެފަކީރު ހޭދަކޮށް ތިބާ ބަލާ ބޮޑުކުރި ތިބާގެ މަންމަ ގެ ޚަބަރެއް ނުވެގެން ކަންބޮޑެއް ނުވޭތޯއެވެ ؟ ހާހެއް ވެސް ނުވޭތޯއެވެ.؟
އޭ ޒުވާނާއެވެ. ތިބާއަށް މިދުނިޔެ މަތީގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ތެދުވެރި ލޯބި، ތިބާއަށް ލިބިގެންދާނެ ހަމަ އެކަނި ފަރާތަކީ ތިބާގެ ނިކަމެތި މަންމައެވެ.
އިންސާނާ މި ދުނިޔެ މައްޗަށް ގެންނަށް އުފުލި ހުރިހާ ބުރަޔަކާ ވޭނެއް އުފުލާފަވަނީވެސް ހަމަ އެމަންމަ އެވެ. ތިބާއަށް ރީތި ފޭރާމާއި ބޭނުންވާހާ ތަކެތި ލޯބޯ ފިއްސައިގެން ހޯދައިދީ ތިބާގެ ހިންހަމަ ޖައްސައިދެނީ ހަމަ އެ ނިކަމެތި ބައްޕައެވެ. އެހެންކަމުން ދުވާލަކު އެންމެ ފަހަރަކު ނަމަވެސް އެ މަންމައާއި ބައްޕަ އަށް ގުޅާލުން އެއީ ބުރަޔަކަށް ނުހަދާށެވެ.
އިސްލާމް ދީނުގައި، މަންމަޔަށް ކިޔަމަންތެރިވެ އިޚްތިރާމް އަދާކުރުމަކީ ނަމާދާއި ރޯދައިގެ މުހިންމުކަމާއި އެއްވަރުގެ އަހަންމިއްޔަތުކަން ދެއްވާފައިވާ ކަމެކެވެ. އެއްވެސް ގޮތަކުން ކިތައްމެ ކުޑަ މިންވަރަކަށްވިޔަސް މަންމަގެ ހިތުގައި ޖެއްސުމަކީ، ﷲއަށް ޝަރީކު ކުރުން ފިޔަވައި، ކުރެވޭނެ އެއްމެ ބޮޑު ފާފައެވެ. ގިޔާމަތް ދުވަހުން މި ފާފައިގެ އަޒާބު ގަދަފަދަވެގެން ވެއެވެ. އަދި ދުނިޔަވީ އިބުރަތެއްގެ ގޮތުގައި ދުނިޔޭގައިވެސް އެކަމުގެ އުގޫބާތް ބައެއް މީހުންނަށް ދައްކަވައެވެ.
އަހަރެމެން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް މަންމަ އަހަރެމެންނަށް ކޮށްދީފައިވާ ކަންތައްތަކުގެ އަގު އަދާ ނުކުރެވޭނެއެވެ. އެހެން ނަމަވެސް އެއްމެ ކުޑަމިނުން އެ އަގު އަދާކުރެވޭތޯ މަސައްކަތް ކުރުމާއެކު، އެބަދަލު ﷲ ގެ ހަޒުރަތުން މަންމަޔަށް މިންވަރުކޮށްދިނުމަށް އެދި ދުއާކުރުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވާކަމެކެވެ. މަންމަޔަކީ ﷲގެ ހަޒުރަތުން އަހަރެމެންނަށް ދެއްވި މަތިވެރި ނިއުމަތެކެވެ. އެހެންކަމުން މަންމަ ދުނިޔޭގައި ހުއްޓާ އެ މަންމަޔަށް ހެޔޮކޮށް ހިތާށެވެ. ދުނިޔަވީ ކާމިޔާބީއާއި، ސުވަރުގެ ހޯދުމަށް ލިބިފައިވާ ރަނުގެ ފުރުސަތު ނަގާނުލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް