"މަންމާ، އަހަރެންނާއި މަންމަގެ އެހެން ދަރިންނާއި ތިހާ ތަފާތު ކުރަނީ ކީއްވެތަ؟

ދަރިންނަކީ މާތް ﷲ އަހަރެމެންނަށް ދެއްވާ އަގުބޮޑު ނިޢުމަތެކެވެ. ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެކެވެ. އެހެން ކަމުން ދަރިން ހެޔޮގޮތުގައި ބަލާ ތަރުބިއްޔަތު ކުރމަކީ ކޮންމެ ބަޔަކާއި ބަފައެއްގެ މައްޗަށް ...

19 Jan 2021 | 20:25

ދަރިންނަކީ މާތް ﷲ އަހަރެމެންނަށް ދެއްވާ އަގުބޮޑު ނިޢުމަތެކެވެ. ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެކެވެ. އެހެން ކަމުން ދަރިން ހެޔޮގޮތުގައި ބަލާ ތަރުބިއްޔަތު ކުރމަކީ ކޮންމެ ބަޔަކާއި ބަފައެއްގެ މައްޗަށް ބޮޑުވެގެންވާ ވާޖިބެކެވެ. ހަމަ އެގޮތައް ދަރިންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެ ދަރިން ބޭކާރުކޮށް އެކަހެރިކޮށްލުމަކީ އެއްވެސް މަޔަކާއި ބަފަޔަކު ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ.

ކަން މިހެން ހުރިނަމަވެސް މިފަދަ ރަުހމު ކުޑަ ޢަމަލުތައް އަޅުގަނޑުމެންގެ މި މުޖުތަމައުންވެސް މަދުން ނަމަވެސް ފެނެއެވެ. ދުނިޔޭގެ ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 70 އިން ސައްތަ ބެލެނިވެރިން އެބައިމީހުންގެ ދަރިންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެއެވެ. މިހެން ކަންތައް ކުރމުގެ ސަބަބުން ތުއްތު އިރުންސުރެއް ފަށައިގެން މިކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ކުރެއެވެ. އަދި މިކަމުގެ ސަބަބުން އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި ވެސް ތަފާތު ގިނަ މައްސަލަތައް ޖެހޭ ގޮތްވެއެވެ.

ހަޤީޤަތަކީ މިކަމުގެ ނޭދެވޭ އަސަރު މުޅި އާއިލާއަށް ކުރެއެވެ. ފުރަތަމަ ކަމަކަށް ބެލެނިވެރިންނަށް އެނގެންޖެހޭ ހަގީގަަކީ ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެވޭ ވަރަށް ގޯސް އާދައެއް ކަމެވެ. އެއް ކުއްޖެއްގެ މައްޗަށް އަނެއް ކުއްޖަކު އިސްކޮށް، ދެ ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެއެވެ.

ދެވަނަ ކަމަކަށް މި ގޮތަށް ކަން ހިނގާނަމަ ބޮޑަށް ލޯބި ލިބުނު ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް، އެ ކުދިންނަށް އިހުސާސް ކުރެވޭނީ އެ ކުދިންގެ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ ދައްތަ ދެކެ މައިންބަފައިން ލޯބިނުވާ ކަމަށެވެ. އަދި މަދުން ލޯބި ލިބުނު ކުއްޖާ، މައިންބަފައިންގެ ލޯބި ނުލިބުނީ އެ ކުދިންގެ ސަބަބުން ކަމަށް ހީކޮށް އަމިއްލަ ނަފުސު ކުށްވެރިކުރަން ފަށައެވެ.

ނަތީޖާއެއްގެ ގޮތުން އާއިލާ ތެރޭގައި މުއާމަލާތް ކުރުން ކުޑަވެ، އެއް ކުއްޖަކު އަނެއްކުއްޖަކާ މައްސަލަ ޖެހި އާއިލާ ރޫޅެން މެދުވެރިވެއެވެ.

ކުޑަކުދިންނަކީ މީހުންގެ ސަމާލުކަން ހޯދަން ވަރަށް މަސައްކަތް ކުރާ ބަޔެކެވެ. އަދި އެ ކުދިން ދުރައްލައިފިނަމަ އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ހޯދަން މަސައްކަތް ކުރެއެވެ. އަދި މި ގޮތަށް ސަމާލުކަން ހޯދަން އުޅުމުގެ ތެރޭގައި ގިނަ ފަހަރަށް މި ކުދިންނަށް ނޭނގި ގޯސްމަގު އިހުތިޔާރު ކުރެވެއެވެ.

މި ގޮތަށް ސަމާލުކަން ހޯދަން އުޅުމުގެ ތެރޭގައި މި ކުދިން ރުޅިގަދަވެ، ބޮޑާހާކާ ހަދައެވެ. އަދި މި ގޮތަށް ބޮޑާހާކާ ހަދާއިރު، މައިންބަފައިން އެ ކުދިންނަށް ސަމާލުކަން ދޭނަމަ، އެ ކުދިން މިކަން ތަރުކާރު ކުރެއެވެ. އަދި މި ކުދިން ބޮޑެތިވުމުން، ނަފުސާނީ ބޮޑެތި މައްސަލަތައް މިކުދިންގެ ކިބައިން ފެނެއެވެ.

މި ކުދިންނަށް މަދުން ލޯބި ލިބުމުގެ ސަބަބުން މި ކުދިން ބޮޑެތިވުމުން މައިންބަފައިންނާއި ގުޅުން ކުޑަވެ، އެމީހުންނަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުވަތަ އަޅާލުމެއް ނުދެއެވެ.

މި ލިޔުމުގައި މިފަދަ ކުޑަ ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ.

ދެކުނުގެ ރަށަކަށް އުފަން ކުއްޖެކެވެ. މިހާރު ބޮޑުވެ ކައިވެންޏެއް ކޮށްގެ އުޅުނު ނަމަވެސް އަދިވެސް އެ ތަފާތުކުރުން އޭނާގެ މައިންބަފައިން ގެންގުޅޭކަމަށް ވެއެވެ.

އޭނާ ކިޔައިދިން ގޮތުގައި އޭނާ ކިރިޔާ ހަނދާންވާފެށި އިރުވެސް މައިންބަފައިން ގޭގެ އެހެން ކުދިންނާއި ތަފާތުކުރުންތައް ގެންގުޅެއެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ ގޭގެ އެހެން ކުދިންނާއި އަޅާބަލާއިރު، ހަންގަނޑުން ކަޅު ކުއްޖެކެވެ. ދެން ތިބީ މުޅީންވެސް ދޮން ކުލައިގެ ބުރުސޫރަ ރީތި ކުދިންނެވެ. އެއް ބަނޑު އެއްބަފާ ހުރީ އެއްމެ ފިރިހެން ކޮށްކޮއެވެ. ދެން ތިބީ ހަތަރު އަންހެނުންނެވެ.

" އަހަރެން އަދިވެސް ވަރަށް ދެރަވޭ. އަހަރެން މިއުޅެނީ ދުރު ރަށެއްގެ މީހަކާ ކައިވެނި ކޮށްގެން ދެ ދަރިންވެސް އެބަތިބި. ފިރިމީހާ ރަށުގައި ދިރިއުޅޭތާ ހަތަރު ވަރަކަށް އަހަރުވެއްޖެ. އެހެން ނަމަވެސް އާއިލާގައި ހުންނަ ފިރިހެން ކޮށްކޮ ފިޔަވާ އެކަކުވެސް އަހަރެންނާއި ގުޅާވެސް ނުލާ. އެކަމާ އަހަރެން ވަރަށް ދެރަވޭ." އެ މީހާ ކިޔައިދިނެވެ.

ކުޑަ އިރުގެ ހިތި ހަނދާންތައް އައުކުރަމުން އެ މީހާ ކިޔައިދިނެވެ.

" އަހަރެން މީ މަންމައާއި ބައްޕައަށް ލިބުނު ދެވަނަ ދަރިފުޅު. ހަނގަޑުން ކަޅު ހުތުރު ސިފައެއް ލިބިފައިވާ ހަމަ އެކަނި ދަރިފުޅު. އެހެންވީމަކަން ނޭންގެ ތަފާތު ކުރަނީ. އަހަރެން އެންމެ ހިތްތަތިވީ ބައްޕަ އާއި މަންމަ އަހަރެންނަށް ފޮރުވައިގެން ގޭ ދެންތިބި ކުދިންނަށް ހަދިޔާއާއި ލާނެ ރީތިހެދުން ގަނެދޭތީ. ނަމަވެސް އަހަރެން އެވާހަކަ މަންމަ ގާތު ބުނީމަ މަންމަ ބުނަނީ އެއީ ރައްޓެއްސަކު އެކުދިންނަށް ހަދިޔާއަކަށް ދިން އެއްޗިއްސޭ. ވިޔާނުދާ ކުދިންނަށް މީހުން ހަދިޔާއެއް ނުދޭނެ ނޫންހޭ. އަހަރެންނަކަށް ނޭންގެ އަހަރެން ވިޔާ ނުގޮސްގެން ކުރި ކަމެއް. ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަނީ އަހަރެން. ކެއްކިޔަސް. އެއްޗިސް ދޮތަސް. އިސްތިރިކުރިޔަސް. ސްކޫލުން ދޭ ފިލާވަޅުވެސް ހަދާލާނެ ވަގުތެއް ގިނަ ފަހަރު ނުލިބޭ. ދުވަހަކުވެސް ވިޔާނުދާ ގޮތަކަށް ނޫޅެން. އެހެން ނަމަވެސް.......

" އަހަރެންގެ އުމުރުން 14 އަހަރުގައި އަހަރެން ވަރަށް ބަލިވި. ހުސްއައިސް ގައިގަ ރިއްސާ އޮތްތަނުން ނުވެސް ތެދުވެ އޮތީ. އެކަމަކުވެސް މަންމަ އައިސް އަހަރެން ގަދަކަމުން ނަގާ ގޭ މީހުންނަށް ކައްކާ އެއްޗިސް ދޮވެދީ ހެދުމަށް ބުނާނެ. އެންމެ ކުޑަމިނުން ބަލިވެތޯ އަހާވެސް ނުލާ. އަބަދު އެނދު ހުރަސްބަލި ޖެހިފައޭ ކިޔާފަ އެއްޗިސް ކިޔާނީ. އަހަރެންނަކާ އަޅައެއް ނުލާ. އަހަރެން މަންމަ ކައިރީ ރޮއެ އާދޭސް ކުރިން. މަންމާއޭ އަހަރެންނަށް ތިހެން ނުހަދާށޭ ކިޔާފަ. މަންމާއޭ އަހަރެންނާ ގޭ އެހެން ކުދިންނާ ތަފާތު ކުރަނީ ކީއްވެހޭ ކިޔާފަ. މަންމަ ދެނީ ބީރުކަންފަތް. އަހަރެން ރޯ ރުއިމަކަށް ކިޔާ އެއްޗަކަށް މަންމަ ނުބަލާނެ. ބައްޕަވެސް ހަމަ އެގޮތް. ގޭ އެހެން ކުދިންވެސް ހަމަ އެގޮތް. ހިތައް އެރި ދުނިޔެއަށް އުފަން ނުވިނަމައޭ. އެހާ ހިތްދަތިވި." އަސަރާއި އެކު އެ މީހާ ކިޔައިދިނެވެ.

ރޮމުން ގިސްލަމުން އިތުރަށް އެ މީހާ ކިޔައިދިނެވެ. " އަޅެ ކީއްވާނީ، އަރަނެނާއި ގުޅާލާ ހާލު ބަލާލާ ދަރިފުޅާއޭ ކިޔާފަ ގޮވާލަންވެސް. އަހަރެން ކިތެންމެ ހުތުރަސް ކަޅަސް ދުވަހަކުވެސް މަންމަ އާއި ބައްޕައާއި ދެންތިބި އެއްވެސް ކުއްޖަކާ ދިމާއަށް އެއްޗިސް ގިވާފައެއް ނޯންނާނެ. ނުވެސް ކިޔާނަން. ރުޅި މޫނެއް ނުދައްކާނަން. އަހަރެންވެސް މީ އިންސާނެއް. އޮތީ ނިކަމެތި ހިތެއް. އެމީހުންވެސް އެނބުރިދާނީ ﷲގެ ހަޟުރަތައް. އަހަރެންވެސް ދާނީ ﷲގެ ހަޟުރަތައް. ކީއްތަވާނީ އެންމެ ފަހަރުނަމަވެސް ގުޅާފަ ދަރިފުޅާއޭ ކިޔާފަ ވާހަކަ ދައްކާލަން. އަހަރެންގެ މި ނިކަމެތި ކުޑަ ދެކުދިން ދުވަހަކުވެސް އާއިލާގެ މީހަކު ލޮލުންވެސް އަދި ނުދެކޭ. ވަރަށް ހިތްދަތިވޭ. އެހެން ނަމަވެސް އަހަރެން ބުނެލާނީ އަހަރެން އެއްވެސް މީހަކަށް ހިތް ބުރައެއް ނޫނޭ. މަންމައާއި ބައްޕައަށް ވެސް ހިތް ހެވޭ. އެންމެންނަށް ވެސް މާތް ﷲ ހެޔޮ ރަހުމަތް ލައްވާށެ." އެ މީހާ ދެލޮލުން ކަރުނަ ފޮހެމުން ވާހަކަ ކުރުކޮށްލިއެވެ.

މިއީ މި މުޖުތަމައުގައި މަދުން ނަމަވެސް ހިނގާ ހިތާމަވެރި ރަހުމު ކުޑަ އަމަލުތަކެކެވެ. މިފަދަ ކަންކަން ކުރާ ބައިނަބަފައިންނަށް ހެޔޮ ވިސްނުން ދެއްވާށެ. އާމީން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް