މާތް ﷲ މީސްތަކުންގެ މެދުގައި ރިޒްޤު ބައްސަވާފައި ވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންޖެހޭ ފަދަ ގޮތަށް ކަމަށް މަޝްޙޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
މާތް ﷲގެ މަގުުގައި މުދާ ހޭދަކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝައިޚް ވިދާޅުވީ މުދާވެރިކަން ލިބިފައި ނުވާ ފަގީރުންނާއި ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމަށާއި، މުޖުތަމައަށް ފައިދާ ހުރި ކަންތައްތަކުގައި މާލީ ގޮތުން ބައިވެރިވާން ޖެހޭނެ ކަމަށެވެ.
މުދަލުގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށާއި، އެހެން ކަމުން އެކަލާނގެ އަންގަވާފައިވާ ގޮތުގެ މަތިން އެ މުދަލުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
ލިބިފައިވާ ތަނަވަސް ކަމުން މިސްކިތް ބިނާ ކުރުމާއި މިސްކިތްތަކަށް އެހީވުމަށް ޝައިޚް ވިދާޅުވިއެވެ. އަދި މިސްކިތަކީ ބިންމަތީގައިވާ އެންމެ މުގައްދަސްތަން ކަމަށާއި، އެކަން ކަމަށް ހޭދަކުރުމުން ގިނަގުނަ ދަރުމަ އާއި ސަވާބު ލިބޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޝައިޚްގެ ވާހަކަފުޅުގައި މުދަލާއި ތަނަވަސް ކަމަކީ މާތް ﷲ ދެއްވާފައިވާ އަމާނާތެއް ކަމަށާއި، އެތަނަވަސްކަން ތިމާގެ ކިބައިން ނެތިގެން ދިއުމުގެ ކުރިން ނުވަތަ ތިމާ އެ ތަނަވަސް ކަން ދޫކޮށް ދިއުމުގެ ކުރިން، އެ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހޭދަކުރުމަށްް ވެސް ނަސޭހަތްތެރި ވެފައިވެއެވެ.
މުދަލަކީ އެއްވެސް ހާލެއްގައި ރައްކާކޮށްގައި ބަހައްޓަންވީ އެއްޗެއް ނޫން ކަމަށާއި، މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު ﷲގެ މަގުގައި ހޭދަކުރުމަށް ޝައިޚް ގޮވާލެއްވިއެވެ.
މުދާވެރިކަމާއި ތަނަވަސް ކަމަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ގިނަ ގުނަ ނިއުމަތްތަކުގެ ތެރެއިން މަތިވެރި ނިއުމަތަކަށްވުމުން، އެ ތަނަވަސްކަން އެކަލާނގެ އަންގަވާފައިވާ ގޮތަށް ހޭދަކުރުމަކީ ސުވަރުގެ ހާސިލް ކުރުމުގެ މަގު ކަމަށް ވެސް ޝައިޚް މެންކް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް