ތުއްތު ދަރިފުޅު ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރުމަށް މިކަންކަން ކޮށްލާ

ތުއްތު ކުދިން ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރުމުގެގޮތުން ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ؟ އެކުދިން ނިންދެވުމުގެ ކުރިން ކަންތައް ކުރަންވީ ކިހިނެއްތޯ؟ އަދި ހުރިހާ ސުންފާ ކަމަކުންނާއި ނުބައި...

19 Dec 2021 | 02:10

ތުއްތު ކުދިން ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރުމުގެގޮތުން ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ؟ އެކުދިން ނިންދެވުމުގެ ކުރިން ކަންތައް ކުރަންވީ ކިހިނެއްތޯ؟ އަދި ހުރިހާ ސުންފާ ކަމަކުންނާއި ނުބައި ކަމަކުން އެކުދިން ސަލާމަތް ކުރުމަށް ކަންތައް ކުރާނީ ކިހިނެއް؟

ކުޑަކުދިން ޖިންނި ޝައިޠާނުންގެ ކިބައިން، ޖިންނި ޝައިޠާނުން އެކުދިންގެ މައްޗަށް ވެރިވެގަތުމުން ޙިމާޔަތް ކުރުމުގެ މައުޟޫގައި ބުނަމެވެ.

1. އެންމެ ފުރަތަމައީ ދަރިން ހޯދުމަށް ޖިމާޢުވާހިނދުން ފަށައިގެން މިކަމަށް ފިޔަވަޅު އެޅުން ވެއެވެ. ފަހެ، ފެށުމުގައި އިހުމާލުވެއްޖެހިނދު އެއަށްފަހު ބުނާނީ ކީކޭ ހެއްޔެވެ؟ ابن عَبَّاس رضي الله عنهما ވިދާޅުވިއެވެ. رسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

(لَـوْ أَنَّ أَحَدَهُـمْ إِذَا أَرَادَ أَنْ يـَأْتِيَ أَهْلَـهُ قـَالَ بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا، فـَإِنَّهُ إِنْ يُـقَدَّرْ بَيْنَـهُمَا وَلَـدٌ فِـي ذَلِـكَ لـَمْ يَـضُرَّهُ شَـيْطَانٌ أَبــَدًا) البخاري 6388 ومسلم 1434

“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވާ ހިނދު، بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا (މި ޛިކުރު) ކިޔައި އެ ދެމީހުންނަށް ދަރިއަކު ލިބުމަށް މިންވަރުކުރައްވައިފި ކަމުގައިވާނަމަ، ޝައިޠާނާއަށް ދުވަހަކު ވެސް އެ ދަރިއަށް ގެއްލުމެއް ނުދެވޭނެއެވެ”.

القاضـي عيـاض رحمه الله ވިދާޅުވިއެވެ. “ބުނެވިފައި ވެއެވެ. ޝައިޠާނާއަށް ދުވަހަކު ވެސް އެ ދަރިއަކަށް ގެއްލުމެއް ނުދެވޭނެއެވެ. ބުނެވެއެވެ. ޝައިޠާނާ އެދަރިއަކާ އަވަނުލާނެއެވެ. އަދިވެސް ބުނެވެއެވެ. ޝައިޠާނާ އެދަރިއަކު އެނޫން ދަރިންނާ ޚިލާފަށް، ވިހެއުމުގައި ގެއްލުމެއް ނުދޭނެއެވެ. އަދި ވިދާޅުވިއެވެ. ޢިލްމުވެރިންގެ ތެރެއިން އެއްވެސް ޢިލްމުވެރިއެއް މި ޙަދީޘްގެ މާނައަކީ ޢާންމުވެގެންވާ ގޮތުގައި އެންމެހައި ގެއްލުންތަކުންނާއި، ވަސްވާސްއިން އަދި މަގު އޮޅުވާލުމުން ރައްކާތެރިވެގެންވުން ކަމުގައި ވިދާޅުވެފައެއް ނުވެއެވެ” (نقله النووي في شرح مسلم 10/5).

2. ދަރިން ޖިންނި ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރި ކުރެއްވުމަކީ ﷲގެ ނަބީބޭކަލުންނާއި ރަސޫލުން عليه السلام ގެ މަންހަޖެކެވެ. ފަހެ، އެހިނދު އެއީ ކޮންފަދަ މުހިންމުކަން ދެވިގެންވާ ޢަމަލެއްކަމުގައި ބަޔާންވެއެވެ. އިމާމް البخاري 3371، ابن عباس رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެއްގައިވެއެވެ. كان النبي صلى الله عليه وسلم يعوذ الحسن والحسين، ويقول: إن أباكما كان يعوذ بها إسماعيل وإسحاق: أعوذ بكلمات الله التامة، من كل شيطان وهامة، ومن كل عين لامة [ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم، އެ ނަބިއްޔާގެ ދެ ކާފަ ދަރިކަލުން الحسن ޙަސަން އަދި الحسين ޙުސައިން، ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރައްވާ (ދުޢާ، ޛިކުރު) ވިދާޅުވެއެވެ. އަދި ޙަދީޘް ކުރެއްވި އެވެ. ހަމަކަށަވަރުން (ތިޔަ ދެ ކުދިންގެ ) ބައްޕާފުޅު -ޔަޢުނީ إبراهِيم- عليه السلام- އެ ނަބިއްޔާގެ ދެ ދަރިކަލުން سماعيل އަދި إسحاق އަށް މި (ދުޢާ، ޛިކުރު) ވިދާޅުވެ ރައްކާތެރިކަން ހޯއްދަވައެވެ. (އެ ޛިކުރަކީ) أَعُوذُ بكَلِمَاتِ اللَّهِ التَّامَّةِ، مِن كُلِّ شيطَانٍ وهَامَّةٍ، ومِنْ كُلِّ عَيْنٍ لَامَّةٍ އެވެ]. ފަހެ، މިއީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން އެބޭކަލުންގެ ދަރިންކަލުންނާއި ކާފާ ދަރިކަލުން ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރި ކުރުމަށް ﷲއަށް ދަންނަވައި ރައްކާތެރިކަން ހޯއްދަވާ ކަމުގައި ވުމުން މިކަމުގެ މަޤާމާއި ބޮޑުކަން ކޮންމެ މުއުމިނު އަޅަކަށް ބަޔާންވެގެން ދެއެވެ. ފަހެ، އެހިނދު ރޭގަނޑާއި ދުވާލުގައި އެދަރިންނަށް ރައްކާތެރިކަން ލިބިގެންވާނެ ކަމުގައި ވެއެވެ. ފަހެ، އެހެން ވުމުން މި ޛިކުރު ކިޔުން ހުއްޓެވެ.

3. އިރު އޮއްސޭ ދަޅައަށް ކުޑަކުދިން ބޭރަށް ނުނެރުމާއި، ގެތަކުގައި ޤާއިމްވެ ދެމިތިބުމެވެ. رسول الله ﷺ ޙަދީޘް ކުރެއްވިއެވެ. (لا ترسِلوا فَواشيَكُم وصبيانَكُم إذا غابتِ الشَّمسُ حتَّى تذهبَ فحمةُ العِشاءِ، فإنَّ الشَّياطينَ تنبعِثُ إذا غابتِ الشَّمسُ حتَّى تذهبَ فحمةُ العِشاءِ)

”އިރު އޮއްސި ޢިޝާގެ އަނދިރިކަން ހިގައްޖެއުމަށް ދާންދެން ތިޔަބައިމީހުންގެ ނަޢަމްސޫފި ތަކާއި ކުޑަކުދިން ބޭރަށް ދޫކޮށް ނުލާށެވެ. ފަހެ، އިރު އޮއްސި އަނދިރިވެގަންނަ ހިނދުން ފެށިގެން (ޢިޝާގެ އަނދިރިކަން) ފިލައިފުމަށް ދާންދެން ޝައިޠާނުންތައް ބިންމަތީގައި ފެތުރިގަނެއެވެ“(رواه مسلم : 2013).

4. ގޭގައި ގިނަގިނައިން ބަޤަރާ ސޫރަތް ކިޔެވުން ހުއްޓެވެ. رسول الله ޙަދީޘް ކުރެއްވި އެވެ. (اقرؤوا سورةَ البقرةِ في بيوتِكم، فإنَّ الشيطانَ لا يدخلُ بيتًا يُقْرَأُ فيه سورةُ البقرةِ) ”ތިޔަބައިމީހުންގެ ގެތަކުގައި سُوْرةُ البَقَرةِ ކިޔެވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެ ގެއެއްގައި سورةُ البقرةِ ކިޔަވާ ގެއަކަށް ޝައިޠާނާ ނުވަންނާނެއެވެ“ (السلسلة الصحيحة 1521). އަބަދުވެސް ބަޤަރާ ސޫރަތް ކިޔުމުގައި ގޭތެރޭގައި ކިޔުމުގައި ދެމިހުރުމެވެ. ޞޫރަތް ނިމުމުންވެސް އަނެއްކާވެސް ކިޔުމެވެ. މާނައަކީ ކިޔެވުން ދޫކޮށް ނުލުމެވެ.

5. ގެތަކަކީ ޙަރާމް ވެގެންވާ ޞޫރަ ބެހެއްޓުމާއި ކުއްތާ ގެންގުޅެވޭތަންތަން ކަމުގައި ވެއްޖެހިނދު އެއީ ޝައިޠާނުން ޙާޟިރުވާ ތަންތަން ކަމުގައި ވެއެވެ. ފަހެ، ފޮޓޯ އާއި ޞޫރަތައް ބެހެއްޓުން މިއީ މި ޒަމާނުގައި ޢާންމުވެފައިވާ ބޮޑުވެގެންވާ ފިތުނަ އެކެވެ. رسول الله ﷺ ޙަދީޘް ކުރެއްވިއެވެ. (لا تدخل الملائكة بيتا فيه كلب ولا صورة ”އެ ގެއެއްގައި ޞޫރަ ބެހެއްޓިފައި އަދި ކުއްތާއެއް ވެއްޖެ ގެއަކަށް މަލާއިކަތުން ނުވަންނާނެތެވެ” (صحيح البخاري 3322). ފަހެ، އެތަންތަނަކީ މަލާއިކަތުން ނުވަންނާނެ ތަންތަން ކަމުގައި ވެއްޖެހިނދު، އެތަނަށް ވެގެންދާނީ ކޮންތަކެއްޗެއް ވަންނަ ތަންތަނެއް ގޮތުގައި ހެއްޔެވެ؟

ހަމައެފަދައިން، ލަވަ އާއި މިއުޒިކަކީ ޝައިތާނާ އެތަނުގައި ޙާޟިރުވެ ގަދަވެގަންނާނެ ކަމުގައިވާ ސަބަބެކެވެ. މިއީވެސް މިއަދު ދިމާވެފައިވާ ކޮންފަދަ ބޮޑު ވަބާއެއް ތޯއެވެ؟

6. ޝައިޠާނުންގެ ކިބައިން ރައްކާތެރިކަން ލިބުމުގައި އެންމެ ގަދަފަދަ ވިރުދު ތަކާއި ޛިކުރުތައް ކުޑަކުދިން އުނގަންނައި ދީ އެފަދައިން ތަރުބިއްޔަތު ދިނުމެވެ. އެގޮތުން آية الكرسي އާޔަތުލް ކުރްސި، الإخلاص އިޚްލާޞް ސޫރަތް المعوذتين ސޫރަތުލް-ފަލަޤް އަދި ސޫރަތުލް- އައްނާސި ފަދަ ޛިކުރުތައް އުނގަންނައި ދިނުމެވެ. ޙަދީޘްގައި ވެއެވެ. عقبة بن عامر އަށް ރަސޫލު الله صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. [އޭ عقبة بن عامر އެވެ! މި ދެ ސޫރަތުން ރައްކާތެރިކަން ހޯދާށެވެ. ރައްކާތެރިކަން ހޯދާ މީހަކަށް ރައްކާތެރިކަން ހޯދުމަށް މިފަދަ އެހެން ސޫރަތްތަކެއް ނުވާނެއެވެ]–(صحيح أبي داوود 1463).

7. މި ސޫރަތްތައް ކިޔުމަށްފަހު ހަށިގަނޑަށް ފުމެލުމެވެ. عائشة رضي الله عنها ވިދާޅުވެފައިވެއެވެ. [ހަމަކަށަވަރުން ނަބިއްޔާ صلّى الله عليه وسلّم އާލާސްކަންފުޅުގައި އުޅުއްވާ ހިނދު، އަމިއްލަ ނަފްސަށް المعوّذتين ވިދާޅުވެ ހަށިކޮޅަށް ފުމެލައް ވައެވެ] (رواه مسلم 2192). ފަހެ، އަމިއްލައަށް ނުކިޔޭވަރު ތުއްތު ކުއްޖެއް ކަމުގައިވާނަމަ، ކުއްޖާ ބޭއްވުމަށްފަހު މަންމަ ނުވަތަ ބެލެނިވެރިޔާ ސޫރަތްތައް ކިޔުމަށްފަހު ކުއްޖާގެ ހަށިގަނޑަށް ފުމެލައި އަތް އުނގުޅައިލުން ހުއްޓެވެ.

8. ނިދުމުގެ ކުރިން ޢަމަލުފުޅު ކުރުމަށް ވާރިދުވެގެންވާ ވިރުދު ތަކުގައި ދެމިހުރުމެވެ. عائشة رضي الله عنها ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلّى الله عليه وسلّم ކޮންމެ ރެއެއްގައި އެނދު ދާންކޮޅަށް އަރާވަޑައިގަތުމަށް ފަހުގައި، ދެއަތްޕުޅު އެއްކުރަށްވާ ދެ އަތްޕުޅަށް ފުމެލައްވައެވެ. އަދި الإخلاص ، الفلق ، الناس މި 3 ސޫރަތް ކިޔަވާ ވިދާޅުވެއެވެ. އަދި އެއަށްފަހު، ހަށިގަނޑުގައި ކުޅަދާނަވީ ހިސާބެއްގައި އަތްޕުޅު ބީއްސަވައެވެ. ފައްޓަވަނީ ބޯފުޅާއި މޫނުފުޅުންނެވެ. މިފަދައިން 3 ފަހަރަށް ތަކުރާރު ކުރަށްވައެވެ. އަމިއްލައަށް ނުކިޔެވޭ ކުއްޖާގެ މަންމަ ނުވަތަ ބަލަހައްޓާ ފަރާތުން މިފަދައިން ޢަމަލު ކުރެވިދާނެއެވެ.

9. ﷲ ގެ ޙަޟުރަތަށް ރުޖޫޢަވެ، ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުން ގިނަ ކުރުމެވެ. ދަރިންނަކީ ރައްކާތެރިވެގެންވާ އަދި އިންސާނުންނާއި ޖިންނީންގެ ތެރެއިންވާ ނުބައި ފަރާތްތަކުން ސަލާމަތްވެގެންވާ ދަރިން ގޮތުގައި ވުމަށް ގިނަގިނައިން ދުޢާ ކުރުމެވެ. ފަހެ، މިއީ ނުހަނު ތަނަވަސް ވެގެންވާ ގޮތުގައި ވާހަކަ ދެއްކިދާނެ ބާބެއް ކަމުގައި ވެއެވެ. ފަހެ، މަންމަ އަދި ބަލަދުވެރިން ކޮންމެ ބަހަކުން ދުޢާ ކުރިކަމުގައި ވީނަމަވެސް ﷲ އެ ދުޢާ އައްސަވައި ވޮޑިގަންނަވާނެއެވެ. އިޖާބަ ކުރެވޭ ވަޤުތުތަކަށް އިސްކަން ދިނުން ވެސް ހުއްޓެވެ.

10. މި ނުކުތާގައި، އަހަރެމެންގެ ޢަމަލުތަކުގެ ސަބަބުން ކުޑަ ޅަދަރިންގެ މައްޗަށް ޖިންނީގެ އުނދޫ ކުރިމަތިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ބަޔާން ކުރަމެވެ. މިއީ ނުހަނު ޢާންމުވެގެންވާ ޢަމަލެކެވެ. ކުޑަ ކުދިން ނުކެއުމުން، ބިރުގެންނެވުމާއި، ބުނާގޮތް ނުހެދުމުން ބިރުގެންނެވުން ފަދަ ޢަމަލުތަކެވެ. العلامة محمد بن صَالح العثيمِين- رحمه الله – ވިދާޅުވެފައި ވެއެވެ. “ޖާހިލުކަމުގައިވާ ބައެއް މީހުން އެބައިމީހުންގެ ދަރިން އެކިއެކި ތަކެތީގެ މައްޗަށް ބިރުގަންނަ ވައެވެ. މިވަނި އެއްޗެއް އައިސްފިއެވެ. އެވަނި އެއްޗެއް އައިސްފިއެވެ”. އަދި ކުޑަ ދަރިފުޅުގެ ހިތުގައި އެ ބިރުވެރިކަން ދާއިމަށް، މެދު ކެނޑުމެއްނެތި ބިރެއްގެ ގޮތުގައި، ހާސްކަމެއްގެ ގޮތުގައި އަދި މޮޅިވެރިކަމެއްގެ ގޮތުގައި ހުރެއެވެ.

މިއީ ޙަޤީޤަތުގައި ބައްޕަގެ ކިބައިން އޭނާގެ ދަރިފުޅުގެ މައްޗަށް ހިންގާފައިވާ ޖިނާޔަތެކެވެ. އަދި މިއީ މަންމަގެ ފަރާތުން އޭނާގެ ފިރިހެން ނުވަތަ އަންހެން ދަރިފުޅުގެ މައްޗަށް ހިންގައިފައިވާ ޖިނާޔަތެކެވެ. އަދި ކިޔެއްތަ، މިއީ ބުއްދިހަމަނުޖެހޭ މީހުން ކުރާނެ ޢަމަލެކެވެެ. އަހަރެމެންނަށް އަޑުއިވިފައިވާ ގޮތުން، ބައެއްފަހަރު ދަރިފުޅަށް ކުށް ކުރެވުމުން، އެ ކުޑަކުއްޖާ ކުޑަ ކޮޓަރިއަކަށް ވައްދައި އެތަނުގެ ދޮރުލައްޕާފައި ބަހައްޓައެވެ. އަދި އެ ކުއްޖާ އެތާ ތެރޭގައި ރޮއި ހޭރެއެވެ. އެހެނަސް އެ ކުއްޖާގެ މައްޗަށް އެއްވެސް ރަޙްމެއް ނުކޮށް އަދި ދޮރެއް ނުހުޅުވައެވެ.

މިއީ ދަރިންގެ މައްޗަށް ޖިންނީން ވެރިވެގަންނަން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތަކެވެ. ޖިންނި އަވަލާފައިވާ ބައެއް މީހުންގެ ދުލުން މިފަދައިން ޖިންނި ބުނެފައިވެއެވެ. އެގޮތުން ޖިންނި ބުނެއެވެ. “ތިމަންނަ އޭނާގެ ހަށިގަނޑުގެ ތެރެއަށްވަނީ، އޭނާގެ ބައްޕަ އޭނާ އެތަނަކަށް ވައްދައި ދޮރުލައްޕައި ބަހައްޓާ އޭނާ އެތަނުގައި ރޮއި ހޭރެމުން ދިޔަ ހިނދުގައެވެ.” ފަހެ އެހިނދުގައި ޖިންނި އަވަލީއެވެ.

ފަހެ، އެހެންވުމުން އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މިއަދު އެތައް ބަޔެއްގެ ފާޅުވެފައިވާ މި ނުރައްކާތެރި ސަބަބަށް ވާޞިލްކޮށްދޭ އެންމެހައި މިފަދަ ޢަމަލުތަކުން ސަލާމަތްވުމެވެ”.

މި ލިޔުމަށް މަޢުޟޫމާތު ނަގާފައިވަނީ އަބޫއަނަސްއެމްވީ ޑޮޓްކޮމްއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް