ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މައި ހުޅުމާލެ ގުޅިގެން ކުރިއަށްގެންދާ ސާފު ހުޅުމާލެ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ހަރަކާތް ކުރިއަށްދިޔައީ މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު އެކެއް ސަރަޙައްދުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު މި ސަރުކާރު ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބޭއްވިގެން ދިޔައީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއްކަން ރައީސުލްޖުމަހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް -19 އިން ވެސް އަޅުގަނޑުމެނަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަމުގައި ފާހަގަކުރައްވައި، ދިވެހި ހުރިހާ ރައްޔިތުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭކަމުގައި ވިދާޅުވެފައެވެ.
މިއަދު މި ފެށި ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަޙައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް