ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އިންސްޓަގްރާމްގައި ބަނޑުބޮޑުކޮށް ހުންނަ ފޮޓޯއެއް ހިއްސާ ކުރުމުން އާންމުންގެ ނުރުހުމާއި މަލާމާތް ރައްދުވަމުން ދަނިކޮށެ ފޮޓޯގެ ހަގީގަތް ހާމަކޮށްފި އެވެ.
އިއްޔެ އަންމު ކުރި އެ ފޮޓޯގައި ފިރިމީހާ ރޯހަން ޕްރީތް ސިންގް ގައިގަ ލައްގަނެލައިގެން ހުންނަ އިރު، ހުރީ ދެ އަތުން ބަނޑުގައި ހިފަހައްޓާލައިގެންނެވެ. އެ ފޮޓޯއިން އޭނާގެ ބަނޑަށް ގާތްގަނޑަކަށް ހަތަރެއް ނުވަތަ ފަސް މަސް ވެދާނެ ކަން އެނގެ އެވެ.
މި ފޮޓޯ އާންމު ކުރުމާއި އެކު ސޯޝަލް މީޑިއާ އާއި އިންޑިއާގައި ހިޔާލު ފާޅު ކުރާ ޕްލެޓްފޯމްތަކުގައި ނޭހާ އާއި ރޯހަންއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައި އެވެ. އެގޮތުން ކައިވެނި ކުރީ ބަނޑު ބޮޑުވުމުންތޯ ސުވާލު ކޮށްފައިވެ އެވެ.
އަދި ނޭހާ ބަނޑުބޮޑުވިލެއް އަވަސް ކަމުން ގިނަ ބަޔަކު މަލާމާތް ކޮށްފައިވެ އެވެ. އެކަމަކު މި މަލާމާތްތަކާއި ފުރައްސާރަތަކަށް ނޭހާގެ ދެމަފިރިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ފޮޓޯގެ ހަގީގަތް އެނގޭވަރު ވީ މިއަދު އެވެ. ނޭހާ މިއަދު ވަނީ އިއްޔެ އާންމުރި ފޮޓޯގެ ބެކްގްރައުންޑް މުޅިން ތަފާތުކޮށްލައި އާ ލަވައިގެ ޕޯސްޓަރު ދައްކާލާފައި އެވެ.
މި މަހުގެ 22 ގައި އާންމުކުރާ މި ލަވަ ކިޔާފައި ވަނީ ވެސް ދެމަފިރިންނެވެ. ދެ މީހުންގެ ލޯބި ފެށުނީ ވެސް އެކީގައި ކުޅުނު އަދި އޮކްޓޯބަރު 24 ގެ ކައިވެނީގެ ކުރިން ނެރުނު "ނޭހޫ ދާ ވިއާ" އެވެ. އެ ލަވައިގެ މިޔުޒިކް ހަދައި އަދި ޅެން ވެސް ލިއުނީ ނޭހާ އެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ މިއަހަރުގެ ކޯވިޑް-19ގެ ލޮކްޑައުން ތެރެއިންނެވެ.
ނޭހާ ވަނީ ޕްރޮމޯޝަނަކަށް މިފަދަ ކަމެއް ކުރިންވެސް ކޮށްފައި އެވެ. އޭނާ ފަނޑިޔާރުކަން ކުރާ "އިންޑިއަން އައިޑޮލް" ޕްރޮމޯޓު ކުރުމަށް މިއަހަރު ކުރީކޮޅު އޭނާ ވަނީ އެ ޝޯ ހޮސްޓް ކުރާ އަދިތިޔަ ނަރަޔަން އާއި ކައިވެނި ކުރަން އުޅޭކަން ދައްކައި އަންމުން ވަރަށް ބޮޑަށް ވާ ވައްދާފައި އެވެ. އެ ޝޯ ބަލާ މީހުންނަށް ހަގީގަތް އޮޅޭ ވަރަށް ޕްރޮޑަކްޝަން ޓީމުން އެ ދެމީހުންގެ ކައިވެނި އެ ޝޯ ތެރޭގައި ޕްރޮމޯޓު ކުރި އެވެ.
އެގޮތުން ދެ ފަރާތު އާއިލާ ޝޯއަށް ގެންގޮސްފައިވެ އެވެ. އަދި ދެ އާއިލާ ނޭހާ އާއި އަދިތިޔާގެ ކައިވެންޏަށް ގަބޫލު ކަމަށް ޝޯގައި ލައިވްކޮށް ބުނެފައިވެ އެވެ.
އެކަމަކު ފަހުން ވަނީ އެ ދެމީހުންގެ އެފަދަ އެއްވެސް ގުޅުމެއް ނެތް ކަން ހާމަކޮށް އެެއީ ޕްރޮމޯޝަނަކަށް ކުރި ކަމެއް ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް