މިހާތަނަށް 10 އަތޮޅެއްގައި 182 ގެސްޓު ހައުސް ހުޅުފައިފި

ކޯވިޑް-19 އާއި ގުޅިގެން ގެސްޓު ހައުސްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވަން ހުއްދަ ދިން ފަހުން މިހާތަނަށް 182 ގެސްޓު ހައުސްއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ. ކޯވިޑްގެ ހާލަތުގައި ހިންގުމަށް ...

19 Dec 2020 | 11:15

ކޯވިޑް-19 އާއި ގުޅިގެން ގެސްޓު ހައުސްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވަން ހުއްދަ ދިން ފަހުން މިހާތަނަށް 182 ގެސްޓު ހައުސްއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ކޯވިޑްގެ ހާލަތުގައި ހިންގުމަށް އެކުލަވާލާފައިވާ ގަވައިދުތަކާއި އެގޮތަށް އިންތިޒާމް ހަމަޖެއްސުމުން އޮޕަރޭޝަންސް ފެށުމުގެ ހުއްދަ ދޭ ޓޫރިސްޓު ފެސިލިޓީތަކުގެ ލިސްޓު ޓޫރިޒަމް މިނިސްޓްރީން ދަނީ ގަވައިދުން އާންމު ކުރަމުންނެވެ. ގެސްޓް ހައުސްތައް ބަންދު ކުރުމަށް ފަހު އަތޮޅު ތެރޭގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހު ދޭން ފެށި އިރު މާލޭ ސިޓީގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފެށީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ރާއްޖޭގެ 10 އަތޮޅެއްގައި ގެސްޓު ހައުސްތައް ވަނީ ހުޅުވާފައި އެވެ. ގެސްޓު ހައުސް ހުޅުވާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ، ނ، ބ، ކ، އއ، ވ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނެ އެވެ.

މިހާތަނަށް އެންމެ ގިނަ ގެސްޓު ހައުސް ހުޅުވީ ކ. އަތޮޅުގައި އެވެ. އެއީ 81 ގެސްޓު ހައުސް އެވެ. ދެން އެންމެ ގިނައިން ގެސްޓު ހައުސް ހުޅުވާފައިވަނީ އއ. އަތޮޅުގައި 48 ގެސްޓު ހައުސް އެވެ.

ޖުލައި މަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 458 ފެސިލިޓީއަކުން ޓޫރިސްޓުންނަށް އަންނަނީ ހިދުމަތް ދެމުންނެވެ. މިއީ 39،193 އެނދެވެ. އޭގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކުގެ އިތުރުން 138 ރިސޯޓާއި 129 ސަފާރީ އާއި ނުވަ ހޮޓަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް