ރާއްޖެއަށް އޮންނަ ޑިމާންޑު ބޮޑުވެ އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދަނީ އެމިރޭޓްސް އާއި ގަތަރު އެއާވޭސްއިންނެވެ. މި ދެ އެއާލައިނުންވެސް ދަނީ ރާއްޖޭގެ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރަމުންނެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިއްޔެއިން ފެށިގެން އެމިރޭޓްސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު ހަތަރު ދަތުރު ކުރަން ފަށާފައިވާ ކަމަށެވެ. ހަތަރު ފްލައިޓުގެ ޖާގައިގެ އަދަދު 1،400 އަށްވުރެ އިތުރު ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
މިއީ ބޯޑަރު އަލުން ހުޅުވި ފަހުން އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން ދަތުރުތަކުގެ އަދަދު ދުވާލަކު ތިން ފްލައިޓަށް އިތުރު ކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
އެ އެއާލައިނުން ބުނީ ދަތުރުތަކުގެ އަދަދު އިތުރު ކުރަމުން ދަނީ ރާއްޖޭގެ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބަލައިގެން ކަމަށެވެ.
މިއީ ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމުގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުތަކަށްވުރެ ފްލައިޓުގެ އަދަދު އިތުރު އަދަދެކެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރިން އާންމުކޮށް އެމިރޭޓްސްއިން ރާއްޖެއަށް ކުރަނީ ދުވާލަކު ތިން ދަތުރެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ގަތަރު އެއާވޭސް އިން ވެސް ވަނީ ރާއްޖެއަށް ދުވާލަކު ދެ ދަތުރު ކުރަން ފަށާފައި އެވެ. އޭގެ ކުރިން ކުރަމުން އައީ ދުވާލަކު ދަތުރެކެވެ.
އަލުން ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް ޓޫރިސްޓުންގެ އަދަދު ދަނީ އެއް މަހުން އަނެއް މަހަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އަށްވުރެ އިތުރު ކަމަށް އެމްއޭސީއެލްއިން ކުރިން ބުނެފައިވެ އެވެ.
މިހާރު ރާއްޖެއަށް 22 އެއާލައިނަކުން ދަނީ ޝެޑިއުލް ދަތުރުތައް ކުރެ އެވެ. އަދި މި މަހުގެ ތެރޭގައި އިިތުރު އެއާލައިންތަކެއްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް