މިހާރު ފެށިގެން ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖްގައި ރޭވެސް ފޯރިގަދަ ތިން މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ގޯޅި ޖޫނިއަރ އާއި ޑީޑީއެފް ނިއު ޖެނެރޭޝަންއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ގޯޅި ޖޫނިއަރ އަދި ޑީޑީއެފް ނިއު ޖެނެރޭޝަން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ދެޓީމުންކުރެ ޓީމަކަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން ގްރޫޕް ބީގެ މިހާރުގެ ނަތީޖާ ތަކަށް ބަލާއިރު، މި ދެޓީމަށްވެސް ސެމީގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މިއިން ކޮންމެ ޓީމަކަށް ވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަދި ބާކީ ދެމެޗު އެބައޮތެވެ. މި ދެމެޗުން ރަނގަޅު ނަތީޖާތަކެއް ނެރެގެން ސެމީއަށް ދިއުމުގެ ހަނި ފުރުސަތެއް މި ދެޓީމަށްވެސް އަދި އެބައޮތެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޯޅި ޖޫނިއަރ ގެ ގޯލް ކީޕަރު ޒައިދާން އަޙުމަދު އެވެ. އޭނާ ވަނީ ރޭގެ މި މެޗުގައި ނުރައްކާތެރި ގިނަ ސޭވްތަކެއް ކޮށް ގޯޅި ޖޫނިއަރ ސަމާމަތް ކޮށްދީފައެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެމްވައިއާއި ފޯކަސްއެވެ. މި މެޗު 1-4 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެމްވައިއެވެ. މި މެޗަށް ބަލާއިރު، މި އީ އެމްވައި އެޓީމު މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އަނެއް ދެމެޗުން އެޓީމު ވަނީ ބަލިވެފައެވެ. އެމްވައި އަތުން ބަލިވި ފޯކަސް ވަނީ އެޓީމު މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. އެހެން ކަމުން ފޯކަސް އަށް މިހާރު ސެމީއަށް ދިއުމުގެ ފުރުސަތެއް ނެތެވެ. މި މެޗުގެ މޮޅު ކުޅުންޔެރިޔާގެ މަގާމަށް ހޮވިފައިވަނީ އެމްވައިގެ އަލީ އަކްރަމްއެވެ.
މި މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ އެފްސީ ޗެމްޕިއަންސް އާއި ލާމު ބްލޫސްއެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ލާމު ބްލޫސްއެވެ. މިއީ ލާމު ބްލޫސް މި މުބާރާތުގައި ހޯދި ތިންވަނަ މޮޅެވެ. އެޓީމު މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާއިރު، ރޭ ހޯދި މޮޅާއި އެކު ލާމު ބްލޫސް ވަނީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ލާމު ބްލޫސް އަކީ މިހާތަނަށް މި މުބާރާތުގެ ސެމީ ކަށަވަރު ވެފައިވާ ހަމައެކަނި ޓީމުކަން ފާހަގަކޮށްލަން ޖެހެއެވެ.
ލާމު ބްލޫސް އަތުން ބަލިވި އެފްސީ ޗެމްޕިއަންސް މިހާތަނަށް ތިން މެޗު ކުޅުނު އިރު، އެޓީމަށް އަދި ހޯދިފައިވަނީ އެންމެ މޮޅެކެވެ. ދެމެޗުން ބަލިވެފައިވާއިރު، އެޓީމަށް ގްރޫޕް ސްޓޭޖުގައި އަދި ބާކީ އެއްމެޗު އެބައޮތެވެ. އެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. މި މެޗުގެެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލާމު ބްލޫސްގެ މުޙައްމަދު އިސްމާއީލް އެވެ.
މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީކޭ އާއި އަކިރިކޮޅު އެފްސީއެވެ. މިރޭ 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކާލާމަންނައާއި ގޯޅި ޖޫނިއަރއެވެ. އަދި މިރޭ 22:30 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އެމްވައި އާއި ޑީޑީއެފް ދި ޖެނެރޭޝަންއެވެ.
މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާކް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް