ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނޭހާ ކައްކަރާއި މިއުޒީޝަން ރޯހަމް ޕްރީތް ސިންގްއަށް ދަރިއަކު ލިބެން އުޅޭކަމަށް ބެލެވެން ފަށައިފި އެވެ.
ކޯވިޑް-19 ގެ ލޮކްޑައުން ތެރޭގައި ލޯބީގެ ގޮތުން ގުޅުނު މި ދެ ތަރިން ކައިވެނި ކުރީ މިދިޔަ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ކައިވެނި ހަފްލާއަކަށް ވުރެ ބޮޑަށް މި ދެ ތަރިންގެ ކައިވެނި އާންމުން ސިފަ ކުރީ ދެއްކުން ތެރިކަމާއި ހެދުން ބަދަލު ކުރުމާއި އެކު އެމީހުންގެ ލަވައެއްގެ މަންޒަރުތަކެއް ނެގުމަށް ކުރި މަސައްކަތެއްގެ ގޮތުގައި އެވެ.
ދެ ތަރިން ހަނީމޫނަށް ދިޔައީ ޔޫއޭއީގެ ދުބާއީ އަށެވެ. ދެ މީހުންގެ ކައިވެންޏާއި ކައިވެނި ހަފްލާ އާއި ގުޅިގެން މީހުން ހިތުގައި އުފެދުނު ސުވާލުތަކާއި ދެއްކި ވާޙަކަ މިހާރު ވަނީ އެހެން ދިމާލަކަށް އަނބުރާލަން ޖެހިފައި އެވެ.
ނޭހާ އާއި ރޯހަން ގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ސަޕޯޓަރުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުން ގޮސް އިއްޔެ އިންސްޓަގްރާމަގައި ނޭހާ ހިއްސާ ކުރި ފޮޓޯއެއް ގައި ފެންނަނީ އޭނާ ބަނޑުބޮޑުވެފައި ހުއްޓައެވެ. ރޯހަން އާއި އެކު ހުރި އެ ފޮޓޯއަށް ރޯޙާން ކޮށްފައިވާ ކޮމެންޓެއްގައި ވަނީ ބަލައިގެން އުޅުމަށާއި މިހާރު އިތުރު އަޅާލުން ބޭނުންވާނެ ކަމަށް ބުނެފައި އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި ނޭހާގެ ބަނޑަށް މިހާރު ހަތަރު ވަރަކަށް މަސް ވެދާނެ އެވެ. ހެދުން މަތިން ބަނޑު ވަރަށް ރަނގަޅަށް އެނގެ އެވެ.
އެ ފޮޓޯއިން އޭނާގެ ކައިވެންޏަށް ވީ ދުވަހަށް ވުރެ ބަނޑު ބޮޑުކަން އެނގޭތީ އާންމުންގެ ފާޑު ކިޔުމާއި މަލާމާތުން ސޯޝަލް މީޑިއާ ވަނީ ފުރިފައި އެވެ. ނޭހާ ބަނޑުބޮޑުވިލެއް އަވަސް ކަމާއި، ކައިވެނި ކުރީ ބަނޑުބޮޑުވުމުންތޯ ދަނީ ސުވާލު ކުރަމުންނެވެ.
ނޭހާ އާއި ރޯހަންގެ ކައިވެނި އިއުލާނު ކުރީވެސް ހަމަ މިފަދަ ގޮތަކަށެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅުނުތާ ގިނަ ދުވަސް ނުވާކަން މީހުންނަށް އެނގުނީވެސް ކައިވެނި އިއުލާނު ކުރުމުން ނޫސްވެރިންގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާއި އެކު ނޭހާ މީޑިއާގައި ދިން އިންޓަވިއެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް