ގޯލްޑެން ފުޓްސަލް ޗެލެންޖް އަންނަ އަހަރު އޮގަސްޓް މަހަށް ތާވަލް ކޮށްފި

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖް އަންނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ. މި މުބާރާތް އެންމެ ފަހުން ...

19 Dec 2020 | 04:16

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖް އަންނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގައެވެ. މި އަހަރުގެ މުބާރާތް ބާއްވަން ކުރިން ތާވަލް ކުރިނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅީގެން މިއަހަރު މި މުބާރާތް ނުބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ. އަންނަ އަހަރު އޮގަސްޓް މަހުގެ 13 ވަނަ ދުވަހު މި މުބާރާތް ބޭއްވުމަށް ތާވަލް ކޮށްފައިވާއިރު، އިއްޔެއިން ފެށިގެން ގޯލްޑެން ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަސް އެދި ހުށައަޅާފައިވާ ރަށްތަކަށް އަންނަ އަހަރުގެ މުބާރާތުން ފުރުސަތުދޭން ވަނީ ހަމަޖައްސާފައެވެ.

2015 ވަނަ އަހަރު ފެށި މި މުބާރާތް ކާމިޔާބު ކަމާއި އެކު މި މުބާރާތް ކުރިޔައްދާއިރު، މިހާތަނަށް ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ފަސް މުބާރާތެއް ވަނީ ކާމިޔާބުކަމާއި އެކު ނިންމާލާފައެވެ. އެގޮތުން މިހާތަނަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަށް ބަލާއިރު، ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބ. ހިތާދޫއެވެ. 2016 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ތ. ތިމަރަފުއްޓެވެ. 2017 ވަނަ އަހަރުގެ ޗެމްޕިއަންކަން މާލެ މާފަންނު ޓީމު ހޯދިއިރު 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ މާލެ ހެންވޭރެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ތ.ތިމަރަފުށްޓެވެ. ތިމަރަފުށިން ވަނީ ގޯލްޑެބް ފުޓްސަލް ޗެލެންޖް ދެ މުބާރާތް މިހާތަނަށް ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބެނީ ރާއްޖޭގެ ކޮންމެ ރަށަކުން ޓީމަކަށެވެ. ނަމަވެސް ފުވައްމުލައް ސިޓީ އާއި ގްރޭޓާ މާލޭ ސަރަހައްދުން ކޮންމެ އަވަށަކުން ޓީމަކަށް ބައިވެރިވެވޭނެ އެވެ. މުބާރާތުގައި އެންމެ ފުރަތަމަ ކުޅެނީ އަތޮޅު ބުރާއި ޒޯން ބުރުގެ މެޗުތަކެވެ. އަށް ޒޯނުން ހޮވޭ 16 ޓީމާ އެކު މުބާރާތް ކުރިއަށް ގެންދަނީ ނޮކްއައުޓް އުސޫލުންނެވެ.

ފުރަތަމަ ތިން އަހަރު މާލޭގެ ވެލި ދަނޑުގައި މި މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް މިދިޔަ އަހަރު މުބާރާތް ބާއްވާފައިވަނީ ހުޅުމާލޭ ރެހެންދި ސްކޫލްގެ ޓާފް ދަނޑުތަކުގަ އެވެ. ކުރިއަށް އޮތް އަހަރު ވެސް އެ ދަނޑުތަކުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ވީ އެންމެ އަވަހަކަށް ރަށްތަކުން މުބާރާތުގައި ރަޖިސްޓްރީ ކުރުމަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

އިއްޔެއިން ފެށިގެން މި މުބާރާތުގައި ބައިވެރިވުމަށް އަލުން ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9994470 ނަންބަރަށް ގުޅުމަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް