"އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021 "ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަށް ލިބިވަޑައިގެންފި އެވެ.
މިއީ އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
މި އެވޯޑަކީ އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާރ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަރސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފަ އެވެ.
މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ 3 އަހަރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި، އެނަރޖީ ސެކްޓަރގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުރިއާއި އަޅާބަލާއިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައިގެންގޮސްފައިވާ ސްޕީޑާއި ގުޅިގެން ނެވެ.
އެގޮތުން 2019ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި، މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ވަނީ ލިބިފަ އެވެ.
ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީ.އެމް.ޑީ.އޭ އިން ދޭ "ސީޖީ އެފޯޓްސް އެވޯޑް" ވަނީ ސްޓެލްކޯއަށް ލިބިފަ އެވެ. އަދި ކުންފުނީގެ ކޯޕަރޭޓް ގަވަރނެންސް ރަނގަޅު ކުރުމުގެ ގޮތުން، ދެފުށްފެންނަ ސިޔާސަތުތަކެއް ކުންފުނީގެ އެތެރޭގައި ގާއިމްކޮށް، ބޯޑު ޑިރެކްޓަރުން ހިމެނޭގޮތަށް ކުންފުނީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، މަސްލަހަތު ފުށޫއަރާފަދަ ކަންކަމުން އެކަހެރިވުމަށް އަންނަނީ މަސައްކަތް ކުރަމުން ނެެވެ.
މީގެ އިތުރުން ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިންގ ނިޒާމެއް ގާއިމް ކުރުމާއި ކޮވިޑުގެ ހާލަތުގައި ކުންފުނީގެ ޚިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ޚިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ބޭނުންކުރަން ކުރަމުން އަންނަ މަސައްކަތްތައް ހިމެނެ އެވެ.
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިންގ ސޯލާ ޕޮޑް ތައާރަފްކުރުމާއި، ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން ވެސް ހިމެނެ އެވެ. އަދި މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕް ހުޅުވުން ހިމެނެ އެވެ.
މީގެ އިތުރުން ތެލަށް ބަރޯސާވާމިންވަރު ކުޑަ ކުރުމަށް މާލެއާއި، ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުމާއި ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ޖަނަރޭޓަރުގެ ސްޕެއަރ ގެނެސް "ސްޓެވޯ"ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރުން ވެސް ހިމެނެ އެވެ.
ހަމަމިއާއެެކު ތިމާވެއްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ބޭނުންކުރުން މަނާކުރުމާއި، އެތަކެތީގެ ބަދަލުގައި ބޭނުން ކުރާނެ ފުޅިއާއި، ޓޯޓްބޭގް ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުވައިދިނުން ވެސް ހިމެނެ އެވެ. އަދި މީހުން ބިނާކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއްކޮށް، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑާއި، "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް 2020 ވަނަ އަހަރު ސްޓެލްކޯއަށް ވަނީ ލިބިފަ އެވެ.
މީގެ އިތުރުން، އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން ގެންދާ ޚިދުމަތްތަކާއި، އަންހެނުން ބާރުވެރިކުރުވައި، ކަރަންޓުގެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ، ހިންގާ ތަފާތު ޕްރޮގްރާމްތަކާއި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯއިން ފަހިކޮށްދީފައިވާ ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.
މި އެވޯޑް ލިބުމާއި ގުޅިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށްވެވޭނީ މަސައްކަތުގެ މާހައުލުގައި، ތަފާތުދައްކާ، ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި، ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.
"ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ" މުޣުނީ ވިދާޅުވި އެވެ.
އޭޝިއާސް މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް މުޣުނީއަށް ލިބިވަޑައިގެންފައިވާއިރު، މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑްވެސް ލިބިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް