ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިވާއިރު، މި ވަޒީފާއަށް އެދި ހުށަހަޅާ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 31 ގެ 15:00 ގެ ނިޔަލަށެވެ.
ވަޒީފާއަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގެ ރިޝެޕްޝަނަށް ހުށައެޅުމަށް ވެސް އެފަރާތުން އެދެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް،
ގްރޭޑް 10 ނިންމާފައިވުން
މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން
ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި ހުރުން
އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުން
ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން،
ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުން،
އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ މިންގަނޑުތަކުގެ ތެރޭގައި ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.
މި ވަޒީފާއަށް އެދި ފޯމު ހުށަހަޅާނީ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތުގެ ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކުގައެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 އިން 15:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގެ ރިޝެޕްޝަނުންނެވެ..
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް