އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަކްރަމް އީސީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންނީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއްކޮށް އީސީގެ މުވައްޒިފަކު މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައެއް ދިރާސާ ކުރުމަށްފަހު އެވެ.
އީސީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އަކްރަމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީގައި އަކްރަމް ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަގާމުން ވަކިކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ސިޓިގައި އަކްރަމް ރައީސް ސޯލިހުއަށް ދަންނަވާފައިވަނީ، އީސީއަކީ މިނިވަން މުއައްސަސާއަކަށް ވުމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ އިތުބާރު އޭނާއަށް ނެތުމުން މަގާމުގައި އިތުރަށް ހުންނަވަން ބޭނުންނުވާ ކަމަށެވެ.
އިތުރަށް އެ ސިޓީގައި އަކްރަމް ރައީސް ސޯލިހުގެ ކައިރީގައި ދަންނަވާފައިވަނީ އޭނާއާ ދެކޮޅަށް މިނިވަން މުއައްސަސާތަކުން ބަލަމުންދާ މައްސަލައާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ހެއްކާއެކު ކޮމިޓީއާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އޭނާއަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައަކީ އެއްވެސް ހަގީގަތެއް ނެތް މައްސަލައެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް