ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އަމިއްލަ ފަރާތަކަށް ލިބުނު ގެއްލުމާ ގުޅިގެން 101،966.58 ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މެރީޑިއަމް ކުންފުންޏާ ދެކޮޅަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ގ. ފިލާވެލި ނަމަކަށް ކިޔާ ގޯތީގައި މެރީޑިއަމް އިން ހަދާފައިވާ ގުދަނުގައި ބަހައްޓާފައިވާ ތަކެއްޗާއި އަދި އެތަނުގައި މީހަކު ހުރިނަމަ އެމީހަކު ނެރެ ގުދަން ހުސް ކުރުމަށްފަހު ގުދަނުގެ ވެރި ފަރާތް ކަމަށްވާ ސައީދު މޫސާއަށް އެ ގުދަނުގެ ތަޅުދަނޑި ހަވާލުކުރުމަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމެއްގެ އިސްތިއުނާފީ އަޑު އެހުމުގެ ހުކުމެވެ.
ސިވިލް ކޯޓުގެ އެ އަމުރު މެރީީޑިއަމުން ވަނީ ހައިި ކޯޓުގައި ވަނީީ އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ އެ ހުކުމް ރަނގަޅު ކަމަށެވެ. ނަމަވެސް މެރީޑިއަމުން ވަނީ ހައި ކޯޓުގެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގެ އަޑު އެހުން އިއްޔެ ސުޕްރީމް ކޯޓުގައި ވަނީ ބާއްވައިފަ އެވެ.
ސުޕްރީމް ކޯޓުން، ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓަން ނިންމީ، މެރީޑިއަމުން އިސްތިއުނާފަށް ހުށަހެޅި ނުކުތާތަށް ފާހަގަ ކުރުމަށްފަހު އެވެ.
އެގޮތުން މެރީޑިއަމުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ގުދަނުގެ ތަޅުދަނޑި އެތަކެއް ފަހަރު ސައީދު މޫސާއަށް ހަވާލު ކުރަން އުޅުމުން ވެސް އޭނާ ތަޅުދަނޑިއާއި ހަވާލުވެފައި ނުވާ ކަމަށެވެ. އަދި އޭނާ ތަޅުދަނޑިއާ ހަވާލު ނުވުމަކީ ގުދަން ހަވާލު ކުރުމަށާއި، ގުދަން ބޭނުންކުރާ ދުވަސްތަކަށް ކުލި ދެއްކުމަށް މެރީޑިއަމަށް އޮތް ޒިންމާ ކެނޑިގެންދާނެ ހަލާތެއް ކަމަށް ވިޔަސް ސިވިލް ކޯޓުންނާއި ހައި ކޯޓުން އެ ހަލާތަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ.
ދެ ވަނަ އަށް މެރީޑިއަމުން ފާހަގަ ކުރި ނުކުތާއަކީ ސިވިލް ކޯޓުގެ ނިންމުމާ އެއްގޮތަށް ގުދަން ހުސްކޮށް ތަޅުދަނޑި ހަވާލުކުރަން އުޅުމުން، ތަޅުދަނޑި އާއި ހަވާލުވާނީ ކުއްޔަށް ދޭން ހުރި ފައިސާ ދިނުމުން ކަމަށް ބުނެ ތަޅުދަނޑިއާ ހަވާލުވާން ސައީދު މޫސާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ސައީދު މޫސާ ތަޅުދަނޑިއާ ހަވާލުވާން ދެކޮޅު ހެދިކަން ސާބިތު ކޮށްދިނުމަށް ހުށަހެޅި ހެއްކަށް ސިވިލް ކޯޓުންނާއި ހައި ކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
މެރީޑިއަމް ކުންފުނިން ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރި ކަމަށް ބުނާ ވާހަކަ ސައީދު މޫސާ ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ގުދަނުގެ ތަޅުދަނޑި ހަވާލުުކުރުމަށް މެރީޑިއަމުން އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ހެއްކަށް ސައީދު މޫސާގެ ފަރާތުން ހުށަހެޅީ ސިވިލް ކޯޓުގައި މައްސަލައާ ގުޅިގެން ހިގާފައިިވާ ގަޒިއްޔާތަކެެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ވެސް އިއްތިފާގުވަނީ، ސައީދު މޫސާ ތަޅުދަނޑިއާ ހަވާލުވާން އިންކާރުވި ކަމުގެ ހެކިން ތިބި ކަމަށް ބުނާ ބުން ފިޔަވައި އެހެން ހެއްކެއް މެރީޑިއަމަށް ދެއްކިފައިނުވާ ކަމަށެވެ.
ދެ ފަރާތުގެ ނުކުތާތަށް ފާހަގަ ކުރުމަށް ފަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު 20 ވަނަ ދުވަހު ސިވިިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ. އަދި އެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ. މިއީ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމެކެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުން މަޖިލިސްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރުު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސޫއުދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް