ކުރީގެ ނައިބު ރައީސް ރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރި މައްސަލަ ކޯޓުން ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި ދައުލަތުން ބުނެފި އެވެ.
ޖަމީލު ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރީ 2015 ވަނަ އަހަރު އެވެ. އޭނާ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. މަގާމުން ވަކިކުރީ އޭރުގެ އިދިކޮޅާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށެވެ.
މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑު އެހުން މިއަދު ސްޕްރީމް ކޯޓުގައި ވަނީ ބާއްވައިފަ އެވެ. އަޑު އެހުމުގައި ދައުލަތުން ބުނީ، މަޖިލީހުގެ ނިންމުންތަކުގެ ސައްހަކަން ބެލުމުގެ އިހުތިޔާރު ކޯޓަށް ނޯންނަ ކަމަށެވެ. ދައުލަތުން އެހެން ބުނުމަށްފަހު އެއަށް ބާރު ދެއްވަމުން ބުނީ، އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސަކު ވަކިކުރަން ނިންމާ ނިންމުމަކާ މެދު ސުވާލު އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވިޔަސް، ނައިބު ރައީސަކު ވަކި ކުރުމާ ގުޅިގެން އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ނެތް ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ފަހު ބަސް ބުނަނީ ސުޕްރީމް ކޯޓުގައި ކަމަށް 2017 ވަނަ އަހަރު އެ ކޯޓުން ނިންމިޔަސް އެއީ ގޯސް ނިންމުމެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. 2017 ވަނަ އަހަރު ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދި އެދިފައިނުވާ ބައެއް ކަންތައްތައް ވެސް އެ ހުކުމުގައި ކަނޑައަޅާފައި އެބައޮތް ކަމަށް އިތުރަށް ދައުލަތުން ބުންޏެވެ. އަދި ކޯޓުތަކަށް ވެސް ގާނޫނުއަސާސީން ނުދޭ ބާރެއް ބޭނުން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ނިންމާފައިވާ ކަމަށާއި އެހެންވެ، ކުރީގެ ނިންމުމާ ސުޕްރީމް ކޯޓުން މިހާރު ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ކަމުގެ ހުންނެވި މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ވަކިކުރި މައްސަލައިގައި ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމުގައި ހުކުމުގައި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނެރުއްވި ތަފާތުވި ރައުޔު ވެސް ދައުލަތުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެ ހުކުމުގައި ވަނީ މަޖިލީހުން ނިންމާ އެފަދަ ނިންމުމެއް ކޯޓަކަށް ނުބެލޭނެ ކަމަށެވެ.
އަދި ޖަމީލު ހުށަހެޅުއްވި މައްސަލަ ކޯޓުުން ބެލޭނެ ކަމަށް ނިންމިޔަސް އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ކޮން ކޯޓަކުން ކަމާއިމެދު ސުވާލު އުފެދޭނެ ކަމަށެވެ. ސަބަބެއް ކަމަށް ދައުލަތުން ބުނީ، ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބޭ ދުސްތޫރީ މައްސަލަތައް ފިޔަވައި އެހެން ބާވަތުގެ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓަށް ފުރަތަމަ މަރުހަލާގައި ނުބެލޭނެ ކަމަށް ދާދިފަހުން އެ ކޯޓުން ނިންމާފައި އޮތުން ކަމަށެވެ.
މުއިއްޒު އެހެން ވިދާޅުވަމުން މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ އަދި ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ދުސްތޫރީ މައްސަލަތަކުގައި ދައުވާ ރައްދު ވާނީ އަބަދުވެސް ދައުލަތަށް ކަމަށް ދާދިފަހުން އެ ކޯޓުން ނިންމި މައްސަލައެއްގައި ކަނޑައަޅާފައިވާނެ ކަމަށެވެ. އެހެންވެ، އޭޖީ އޮފީހަށް އެ މައްސަލާގައި ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވުމުން މުއިއްޒު ވިދާޅުވީ، އޭނާގެ މުވައްކިލު ޖަމީލު މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާކަން ހިމަނާފައިވާއިރު، މުއިއްޒު ވިދާޅުވީ ޖަމީލް ވަކިކުރި ސަބަބުތަކުގެ ތެރޭގައި މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ހިމަނާފައިވާއިރު، ނައިބު ރައީސާ ޒިންމާތައް ހަވާލު ކުރައްވަނީ ރަައީސް ކަމަށްވާތީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ވިދާޅުވެވޭނީ ވެސް ރައީސަށް ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ މުވައްކިލު ޖަމީލާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެދުގައި ހިތްހަމަނުޖެހުމެއް އޮތް ކަމަށް ޔާމީން ނެރުއްވި ބަޔާނަކުން ނުވަތަ އެ ނޫން ގޮތަކަށް ވެސް ހާމަ ކުރައްވާފައި ނުވުމުން ޖަމީލް މަސްއޫލިއްޔަތު އަދާ ނުކުރެއްވި ކަމަށް މަޖިލީހަށް ނުނިންމޭނެ ކަމަށެވެ.
ނައިބު ރައީސްގެ މަގާމުން ޖަމީލު ވަކިކުރަން މަޖިލީހުން ނިންމީ އިންސާފުގެ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މަޖިލީހުގެ ގަވާއިދު 30 މިނެޓް ތެރޭގައި އިސްލާހުކޮށް، ކޮމެޓީގައި ޖަވާބުދާރީވާން ފުރުސަތު ނުދޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރި ކަން ފާހަގަ ކުރެއްވި އެވެ.އިތުބާރު ނެތްކަމުގެ މައްސަލަ ހިނގިއިރު ޖަމީލް ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށްވުމުން އޭނާއަށް މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވޭތީ ވަކީލެއް ނުވަތަ ލިޔުމުން ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭ ކަމަށާއި ޖަމީލް އަމިއްލަ އަށް ހާޒިރުވެ ވަޑައިނުގަންނަވަނީސް ޖަވާބުދާރީވާން ފުރުސަތު ނުދެއްވޭނެ ކަމަށް މަޖިލީހުން އިއުލާނު ކުރިކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެ ހުރިހާ ކަމެއް ފާހަގަ ކުރުމަށްފަހު މުއިއްޒު ފަނޑިޔާރުންގެ ބެންޗުގައި އެދުނީ ޖަމީލު މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި އެކަމުގެ ސަބަުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށެވެ.
ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި ފަނޑިޔާރުންގެ ބެންޗުން ދައުލަތަށާއި މުއިއްޒަށް ސުވާލުތަކެއް ކުރެވުމަށްފހު ނިންމީ ދެން އޮންނަ އަޑު އެހުމުގައި އެ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކުގެ ތެރޭގައި ޖަމީލު ހުށަހެޅި މައްސަލަ ދުސްތޫރި މައްސަލައަކަށް ވަނީ ކިހިނެއް ކަމާއި، އަދި ގާނޫނާއި ހިލާފަށް އެފަދަ ކަމެއްގައި މަޖިލީހުން އަމަލުކޮށްފި ނަމަ ދެން އޮތް ހައްލަކީ ކޮބައިކަމުގެ އިތުރުން ދުސްތޫރީ މައްސަލައެއްގެ ތެރެއިން ބަދަލު ހޯދޭނީ ކިހިނެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
ޖަމީލު މަގާމުން ވަކިކުރި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް