ނުވަ މަހަށް ފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ހޯރަފުށީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ. އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގެންނެވީ އެ ރަށު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށެވެ. ރައީސް ސޯލިހަށް ހޯރަފުށިން މަރުހަބާ ދ...

19 Nov 2020 | 08:42

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގެންނެވީ އެ ރަށު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށެވެ. ރައީސް ސޯލިހަށް ހޯރަފުށިން މަރުހަބާ ދެންނެވީ އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި އެ ރަށު ކައުންސިލް މެމްބަރުންނާއި ރަށު ރައްޔިތުންނެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

މިއީ ކޯވިޑް--19 ފެތުރެން ފެށި ފަހުން ރައީސް ސޯލިހު މިދިޔަ ނުވަ މަސް ތެރޭގައި އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުފުޅެވެ. މިދިޔަ އަންގާރަ ދުވަހު ކުރައްވަން ހަމަޖެހިފައި އޮތް މި ދަތުރުފުޅު މިއަދަށް ފަސް ކުރީ މޫސުން ގޯސްވުމުންނެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާތާ ހަފްތާއެއް ތެރޭގައި އެ ރަށަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ ބުނެފައި އެވެ. އަދި ހޯރަފުށީ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގު ހަނިމާދޫ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގަށްވުރެ ބޮޑު ނުވާނެ ކަމަށް ބުނެ އެވެ.

ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓުގެ މަސައްކަތް ނިންމާފައި މިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެވެ. ހޯރަފުށީ އެއާޕޯޓު އަޅާފައިވަނީ އެ ރަށު ދެކުނު ފަރާތު ފަޅުން ބައެއް ހިއްކައިގެންނެވެ.

ހޯރަފުށީ އެއާޕޯޓު ހަދާފައިވަނީ އެ ރަށުގެ ދެކުނު ފަރާތު ފަޅުގެ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެންނެވެ. އެ ރަށާއި އެއާޕޯޓު ގުޅުވާފައިވަނީ ތާރު އަޅައިގެން ހަދާފައިވާ މަގަކުންނެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައިވެ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ އެއާޕޯޓު މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް