މިއަހަރުގެ ރެހެންދި އެވޯޑު، އަމީނާ އާއި ޝިފްޒާގެ އިތުރުން ފަސް ކަނބަލަކަށް

މިއަހަރުގެ ރެހެންދި އެވޯޑު ލިބޭ ކަނބަލުންގެ ނަންތައް ޖެންޑާ މިނިސްޓްރީން އާންމުކޮށްފި އެވެ. ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ...

19 Nov 2020 | 08:17

މިއަހަރުގެ ރެހެންދި އެވޯޑު ލިބޭ ކަނބަލުންގެ ނަންތައް ޖެންޑާ މިނިސްޓްރީން އާންމުކޮށްފި އެވެ.

ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ދެމުންދާ ހާއްސަ އެވޯޑެކެވެ.

މި އެވޯޑު ދެނީ ދެ ދާއިރާއަކުންނެވެ. އެއީ އިޖުތިމާއީ ދާއިރާ އާއި އަދާ ކުރާ ވަޒީފާ ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ އެވެ. މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެވޯޑު ލިބޭ ކަނބަލުން ހޮވަނީ ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާ ރެހެންދި އެވޯޑު ކޮމިޓީންނެވެ.

މިއަހަރު އެވޯޑު ލިބިފައިވަނީ:

  • ފާތިމަތު އިބްރާހިމް ކާނިމާގެ، ޅ.ހިންނަވަރު – އިޖުތިމާޢީ ދާއިރާ
  • އަލްއުސްތާޛާ މަރްޔަމް ޝުނާނާ ހ.ވެލަސްފަރުގެ – އިޖުތިމާޢީ ދާއިރާ
  • ޙައްވާ ލަތީފް ހުޅުމާލެ ފްލެޓް 10-3-01 – އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • އާމިނަތު އަމީނާ ހަނދުވަރީގެ، ލ.ކުނަހަންދޫ – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • ޝިފްޒާ މުޞްޠަފާ އާސާނު، ޏ.ފުވައްމުލައް – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • ޢާއިޝަތު ޙުސައިން މަނިކު ހ.ރީނދޫކޮކާގެ – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
  • މިންހާ ފާއިޒު ރަޝާދު ހުޅުމާލެ ފްލެޓް 99-1-02 – އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ

މީގެ ތެރެއިން އަމީނާ އަކީ ވީމީޑިއާގައި 13 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާރު ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރެކެވެ. އަދި ޝިފްޒާ އަކީ ވީމީޑިއާ 14 އަހަރު މަސައްކަތް ކުރައްވައި، ނޫސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.

މި އެވޯޑު ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުން ހިމެނެ އެވެ. އަދި ގައުމީ ހިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުންވެސް މި އެވޯޑު ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮންމެ އަހަރަކު މި އެވޯޑު ހަވާލުކުރަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގައެވެ. ނަމަވެސް، ކޯވިޑް–19އާ ގުޅިގެން މި އަހަރުގެ އެވޯޑް ދިނުމުގެ ޙަފްލާ ވަނީ ފަސްކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް