ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާކަށް ނޫޅެން: ނަޝީދު

އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުަށަހަޅާކަށް ނޫޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅ...

19 Nov 2020 | 07:59

އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުަށަހަޅާކަށް ނޫޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ފައްޔާޒުގެ މައްސަލަ ކުރިއަށް ގެންދާނީ މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި އެމްޑީޕީ ތެރެއިން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ބަހުސްތަށް ހިންގަން ޖެހޭނެ ކަމަށެވެ. އަދި އެއީ މުހިންމު ކަމެއް ކަމަށެވެ. އެގޮތަށް ބަހުސް ކުރެއްވުން މުހިންމު ވަނީ އެމްޑިޕީގައި ގައުމީ މަޖިލިސް އަކާިއ ހިންގާ ކޮމިޓީއެއްގެ އިތުރުން ކޮންގްރެސް އޮތުމުން ކަމަށެވެ. އެ ގުނަންތަކުން ބަހުސް ކުރެއްވުމަށްފަހު ނިންމަވާނީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ހަމަ އެ އުސޫލުން އެމްޑީޕީ ސްލޮޓުގައި ތިއްބެވި މިނިސްޓަރުންގެ މައްސަލަތަކުގައި ވެސް ބަހުސް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލިސްއަށް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ނޫޅުއްވާ ކަމަށް ނަޝީދު ވިދާޅުވިޔަސް އެމަނިކުފާނު ވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މެމްބަރުންގެ ސޮއި ވެސް ހޯދައިފަ އެވެ. ނަމަވެސް އެކަން މީޑިއާތަކަށް ތިލަވުމުން ނަޝީދު ވިދާޅުވީ މެމްބަރުންގެ ސޮއި ހޯދީ ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ކަމަށެވެ. ފަހުން ނަޝީދުގެ އެދުމުގެ މަތިން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއިކުރި ގިނަ މެމްބަރުން ވަނީ ސޮއި އަނބުރާ ގެންދަވައިފަ އެވެ.

ދާދިފަހުން އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނުސީދާ ގޮތެއްގައި ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ސަރުކާރުގެ ހުރިހާ ބާރުތަކެއް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ގެންދަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ކަމުގެ މައްސަލަ ފެންމަތިވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ފުރިހަމަ ތާއިދު ފައްޔާޒަށް އެބައޮތް ކަމަށެވެ. އަދި އިތުބާރު ގެއްލޭވަރުގެ ކަމެއް ފައްޔާޒު ނުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި އެވެ. ފައްޔާޒު ފާހަގަ ވެފައިވަނީ ރައީސް ސޯލިހު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ މިނިސްޓަރެއްގެ ގޮތުގަ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ފައްޔާޒު ވިދާޅުވެފައިވަނީ އޭނާ އިސްތިއުފާ ދެއްވާނީ ރައީސް ސޯލިހު އިސްތިއުފާ ދެއްވަން އެންގުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް