ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލިވިގެންވާ ގޮތް ބަދަލު ކުރުން އަދި ލަސްނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުު ވިދާޅުވީ، އެމަނިކުފާނު ފެންނަ ގޮތުގައި ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުން އަދި ލަހެއް ނުވެ އެވެ. އަދި އެއީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެކަން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މި ވެރިކަމުގައި ޖޭއެސްސީ އެކުލެވިފައިިވާ ގޮތް ބަދަލުކުރާނެ ކަމަށެވެ. މަޖިލިސް ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް ހުންނަވަނީ ޖޭއެސްސީގަ އެެވެ. އެކަމާ ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލިސް ރައީސާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޖޭއެސްސީގަިއ އިނުމަކީ ރަނގަޅު ކަމެއްތީ ނުވަތަ ނޫންތޯ ގާނޫނު އަސާސީއަށް 12 އަހަރު ވެގެންދާއިރު ނާޙަންވި ސަބަބެއް ނެތް ކަމަށެވެ. އަދި މިހާރު އެމަނިކުފާނު ހިމެނިވަަޑައިގަންނަވާ ޖޭއެސްސީއިން ކުރައްވަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު އޮތް ޖޭއެސްސީއިން ކުރާ ބައެއް މަސައްކަތްތަކާ މެދު ކަންބޮނޑުވުން ހުރި ނަމަވެސް ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުނުކޮށް ވާން ނެތް ކަމަށެވެ.
ޖޭއެސްސީ އާއި މެދު ބައެއް ބޭފުޅުން ކަންބޮނޑުވުންތަށް ހުރީ، ކުރިން ފަނޑިޔާރުންނާ ގުޅުން ބަދަހި ކުރި ވަރަށް މިހާރު ނުކުރެވޭތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަން ބޮނޑުވުންތަށް ހައްލު ކޮށްދެވެން ނުހުންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ގާނޫނޫ އަސާސީގައި މިހާރު އޮންނަ ގޮތުންނަމަ، ޖޭއެސްސީގައި މަޖިލީހުގެ ރައީސް، މަޖިލީހުގެ މެމްބަރެއް، އާންމުންގެ ތެރެއިން މަޖިލީހަށް ކަނޑައަޅާ މެމްބަރެއް، ރައީސް ޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރެއްގެ އިތުރުން ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރަކާއި ހައި ކޯޓުގެ ފަޑިޔާރެއް ޖޭއެސްސީގައި ހުންނަން ޖެހޭއިރު ދަށު ކޯޓެއްގެ ފަނޑިޔާރަކާއި، ސީއެސްސީގެ ރައީސް އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު ޖޭއެސްސީގައި ހުންނަވަން ޖެހެ އެވެ.
މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރުން ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރުން ލަސްވަމުންދާ ކަމަށް ބުނެ، ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރަން މަޖިލީހަށް އިސްލާހު ހުށަހަޅައިފަ އެވެ. އެ އިސްލާހު ބަލައިގަންނަން ފާސްވެފައި ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް