މާާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލެއާ ނުކޮށް ގިނަދުވަސްވީ މުދަލުގެ ވެރިފަރާތުން މުދަލާ ހަވާލުވާން ވިޔަފާރި ބަދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެދިއްޖެ އެވެ.
އެމްޕީއެލްއިން ވަނީ ކްލެއާ ނުުކޮށް ގިނަ ދުވަސްވީ މުދާތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ.
އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި އެމްޕީއެލްއިން ބުނީ، ހަތް ދުވަސް ތެރޭގައި ކްލެއާ ނުކޮށް ގިނަ ދުވަސްވެފައި ހުރި މުދާތަކާ ވެރި ފަރާތުން ހަވާލުވާން އެދޭ ކަމަށެވެ. އަދި މުދަލާ ހަވާލުވާން ދިން މުއްދަތު ތެރޭގައި މުދަލާ ހަވާލު ނުވެއްޖެނަމަ، އެފަދަ މުދާތަކާއި މެދު އެމްޕީއެލްއިން އަމަލު ކުރަން ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލާނެ ކަމަށެވެ.
އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ހަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފަ ވަނީއެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލެއާ ކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވާ ކަމަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް