ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ

މިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކުރި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އޭގެ ކުރީ މަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެއްޖެ އެވެ. ޖެންޑާ މިނިސްޓްރީއިން މިއަދު ތަފާސްހިސާބ...

19 Nov 2020 | 06:12

މިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކުރި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އޭގެ ކުރީ މަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީއިން މިއަދު ތަފާސްހިސާބުތަށް ދައްކާގޮތުން  މިދިޔަ މަހު 257 މައްސަަލަ ހުށަހެޅި އިރު، އޮގަސްޓު މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވަނީ 238 މައްސަލަ އެވެ. އެގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ 135 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މި ބާވަތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުގެ މައްސަލަތަކެވެ. އެ ބާވަތުގެ 43 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ކުޑަކުދިިންނަށް ކުރާ އަނިޔާގެ ގޮތުގައި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި، ކުދިންނަށް ޖިންސީ ގޯނާކުރި 38 މައްސަލަ އެއް ހިމެނެ އެވެ. ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ އަކާއި ގެވެށި އަނިޔާގެ އަމަލު ކުރާތަން ފެނިގެން 15 މަައްސަލަ ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ. އަދި ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ ހުށަހެޅިއިރު ހައްގުތަކުން މަހުރޫމް ކުރުމުގެ ދެ މައްސަލަ ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން އިންޓަނެޓު މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ އަކާއި އަހުލާގާ ގުޅުންހުރި 12 މައްސަލައެއްގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުދިންގެ 9 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.

ތަފާސް ހިސާބުތަކަށް އިތުރަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 40 މައްސަލަ ޖެންޑާ އަށް ހުށަހަޅާފައިވާ ކަަމަށްވެ އެވެ. ނަފްސާނީ އަނިޔާގެ 11 މައްސަލަ އާއި ބިރުދެއްކުމުގެ ތިނެއް އަދި ޖިންސީ ހާނިއްކައިގެ ދެ މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.އަދި އާއިލީ މައްސަލަތަކުގެ 36 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރެއިން، ކުދިންނާ ބައްދަލު ނުކުރެވޭ 18 މައްސަލާއި ދަރިންނަށް ހަރަދު ނުދިނުމުގެ އަށް މައްސަލަ ހިމެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ބޭނުންވެގެން 16 މައްސަލަ ރިޕޯޓު ކުރި އެވެ. އަދި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ ހަތް މައްސަލަ ރިޕޯޓު ކުރި ކަމަށް ވެސް ހިސާބު ތަކުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް