ޔޫއެފާ ނޭޝަންސް ލީގު: އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރުން ޖާގަ ހޯދައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން އިޓަލީ އާއި ބެލްޖިއަމް ޖާގަ ހޯދައިފި އެވެ. އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރުން ޖާގަ ހޯދިއިރު، މީގެ ކުރިން...

19 Nov 2020 | 04:25

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން އިޓަލީ އާއި ބެލްޖިއަމް ޖާގަ ހޯދައިފި އެވެ.

އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރުން ޖާގަ ހޯދިއިރު، މީގެ ކުރިން ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ފްރާންސް އަދި ސްޕެއިން އެވެ.

އިޓަލީ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައި މިވަނީ މުބާރާތުގެ އޭ ކެޓަގަރީގައި ހިމެނޭ ހަތަރު ގްރޫޕްގެ ތެރެއިން ގްރޫޕް އެކެއްގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕްގެ އެއްވަނަ އިޓަލީން ކަށަވަރުކޮށްފައިވަނީ ރޭ ބޮސްނިއާ އާ ވާދަކޮށް އެ ގައުމުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގައި އިޓަލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އިޓަލީން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 22 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑްރޭ ބަލޯޓީ އެވެ. ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ޑޮމެނިކޯ ބެރާޑީ އެވެ.

އިޓަލީ ހިމެނޭ ގްރޫޕުން އެ ޓީމާ އެންމެ ގާތުން ވާދަކޮށްފައިވަނީ މަޝްހޫރު ނެދަލޭންޑްސް އެވެ. ރޭ ޕޯލެންޑާ ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފައިވާއިރު ނެދަލޭންޑްސް ފައިނަލް ބުރަށް ކޮލިފައި ނުވެ ދިޔައީ އެންމެ ޕޮއިންޓެއް މަދުވެގެންނެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުން ބެލްޖިއަމް ޖާގަ ހޯދީ ރޭ ޑެންމާކާ ވާދަކޮށް ކުޅުނު މެޗު 2-4 އިން ކާމިޔާބުކޮށް ގްރޫޕް ދޭއްގެ އެއްވަނަ ހޯދައިގެންނެވެ. ރޭގެ މެޗުގައި ބެލްޖިއަމުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ ރޮމޭލޫ ލުކާކޫ އެވެ. އަނެއް ދެ ގޯލް ޖަހައިދީފައިވަނީ ޓީލްސްމަން އާއި ކެވިން ޑި ބްރޭނާ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގެ ކުޅުން އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް