އޭގެ ހަފުތާއެއް ފަހުން ފަހުދުގެ މަންމަމެން މެލޭޝިއާ އަށް ފުރައިފިއެވެ. ހަމަ އެދުވަހު ފަހުދު ސަރީފާގެ ގެއަށް ބަދަލުވިއެވެ. އެކަމާ ގޭގެ އެންމެން އިންތިހާއަށް އުފާކުރިއެވެ. ފަހުދުގެ ސަކަ މިޒާޖުގެ ސަބަބުން ގޭތެރޭގެ މާހައުލު އިތުރަށް އުފާވެރިވާނެ ކަމުގައި އެންމެނަށްވެސް ގަބޫލު ކުރެވުނެވެ. ޒާރާ ފިޔަވައެވެ. ޒާރާއަށް އެކަންވީ އިތުރަށް ވިސްނަންޖެހުނު ކަމެއް ކަމުގައެވެ. އެއްވެސް މީހަކު ޒާރާ ގާތު ފަހުދު އެގެއަށް ބަދަލުވާ ވާހަކަ ނުބުނީތީ ޒާރާ ކުޑަކޮށް ހިތްހަމަނުޖެހުނުވެސް މެއެވެ. އެހެންނަމަވެސް އެކަމަކީ އެމީހުންގެ އާއިލާގެ މަސްލަހަތު އޮތްކަމެއް ކަމަށް ވާތީ އެކަމާ އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އިމްރާން ބުނެދީފައިވާގޮތުގައި ސަރީފާއަކީ ހަމަ ފަހުދުގެ މަންމަ އެއްފަދަ މީހެކެވެ. އެހެންކަމުން ފަހުދަށް އިހްތިރާމް ކުރުމަކީ، އިމްރާންގެ އަތްންބެއްގެ ގޮތުން ޒާރާވެސް ކުރަން ޖެހޭނެ ކަމެއް ކަމުގައި އޭނާގެ އަމިއްލަ ނަފުސަށް ވިސްނާދިނެވެ. އަމިއްލަ ހިތަށް ވިސްނާދީގެން ހިތުގައިވާ ނުތަނަވަސްކަން ފިލުވާލެވޭތޯ ޒާރާ މަސައްކަތް ކުރިއެވެ.
ފަހުދު އެގެއަށް ބަދަލުވިތާ ދެތިންދުވަސް ފަހުން ނާޒިމާގެ ދެމަފިރިންނާ ޒައިދުވެސް މާލެ އައެވެ. އެމީހުން ގެނައީ ސަރީފާއެވެ. ވިހަންވާއިރަށް އަންނަން ބޭނުންކަމަށް ބުނެ ނާޒިމާ ގުޅާލެއް ގިނަކަމުންނެވެ. ނާޒިމާ އަކީ ޒާރާގެ ކާކުކަން ސަރީފާއަށް އެނގިފައި ނުވާ ހާލު، ޒާރާއަށް އެންގުމަކާނުލާ އެމީހުން ގެނައީ ޒާރާ ހިތް އުފާކޮށްދިނުމުގެ މަގްސަދުގައެވެ. ސަޕްރައިޒެއް ގެ ގޮތުގައެވެ. އެދެމަފިރިން ހިތުން ޒާރާއަށް އެންމެ ބޮޑު އުފަލެއް ލިބޭނީ މަންމަ އާއި ބައްޕަ ގާތުގައި ތިބުމުންނެވެ.
ނާޒިމާ އާއި ހާމިދު ތިބެން ހަމަޖެއްސީ ޒާރާމެން ދެމަފިރިން އުޅޭ އެޕާޓްމަންޓްގެ ކޮޓަރިއެކެވެ. ނާޒިމާ އާއި އެއްކޮށް އުޅެންޖެހުމުން ޒާރާގެ ހިތަށް މާޔޫސްކަން ލިބުނުނަމަވެސް، ބައްޕަ ގާތުގައި ހުރެވޭކަމުގެ ފޮނި އިހްސާސް ވުމުން ހިތްހަމަ ޖެހުނެވެ. ޒައިދަށް މާގިނަ ދުވަހަކު ހުރެވޭގޮތެއް ނުވިއެވެ. އޮފީހުން ޗުއްޓީ ނުލިބުމާއެކު، ފިހާރައިގެ ކަންތައްތައްވެސް ބަލަހައްޓަން ޖެހޭތީއެވެ. އެހެންކަމުން ދެތިން ދުވަހު މަޑުކުރުމަށްފަހު ޒައިދު ފުރައިގެން ދިޔައީއެވެ. ޒާރާ ވިހެއުމުން ބޭބީ ދެކިލަން އަންނާނެކަމުގައި ބުނެ ޒާރާ ހިތްހަމަޖައްސައިދީފައެވެ.
ނާޒިމާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެއީ ނާޒިމާއަށް އެފަދަ ފުރިހަމަ ބޮޑު ރީތި ގެއެއްގައި ދިރިއުޅެން ލިބުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ ދެތިންދުވަހު އޭނާގެ ކަމަކީ ގޭގެ އެތަން މިތަން ބެލުމެވެ. އެތަންތަނުގައި ހުރި ފަރުނީޗަރު ތަކާ ބެހޭގޮތުން އޭނާ އެތަކެއް ސުވާލެއް ހާމިދާ ވެސް ކޮށްފިއެވެ. ކޮން ގައުމެއްގެ އެއްޗިހިތޯއާއި އަދި އެތަކެތީގެ އަގު ގާތްގަނޑަކަށް ވާނެ ވަރާ ބެހޭގޮތުން އެތައް ފަހަރަކު ނާޒިމާ އަހައިފިއެވެ. ހާމިދު އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި ހާމިދު ބަލަނީ ގިނައިން ނާޒިމާއާ ދުރުން އުޅެވޭތޯއެވެ. ފެންނަ ހިސާބުގައި ހުރީވިއްޔާ އަބަދުވެސް ކޮންމެވެސް ހާސަރުތަކެއް ދަމާނެތީއެވެ. ފަތިސް ނަމާދުން ފައިބާގޮތަށް އޭނާ ވަގުތު ހޭދަކުރަނީ ޒާރާ އާއެކު ޓެރަސްގައެވެ. ނޫނީ ސިޓިން ރޫމުގައެވެ. ޒާރާއަށް އެކަމުގެ ސަބަބުން ހިތްހަމަޖެހުން ލިބެއެވެ. ރައްކާތެރިކަން އިހްސާސް ވޭމެއެވެ.
************
ޒާރާ ނަމާދުކޮށް ނިމިގެން މުސައްލަ ފަތްޖަހާލާފައި ބާއްވަމުން ގަޑިއަށް ބަލާލިއެވެ. ގަޑިން ހަވީރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. އަސުރު ނަމާދަށްފަހު ބައްޕަ ރައްޓެއްސަކާ ބައްދަލުކޮއްލަން ބޭރަށް ދާނެ ވާހަކަ އޮތީ ޒާރާގާތު ބުނެފައެވެ. ހަވީރުގެ ހިތްގައިމު ވަގުތު ކަމުގައި ވިޔަސް އެވަގުތު ދޮންމަންމަ އޮންނާނީ ނިދާފައެވެ. އެއީ ޒާރާއަށް އެނގޭ ކަމެކެވެ. ކޮންމެ ދުވަހަކު މެންދުރު ކެއުމަށްފަހު ނިދުން އެއީ ނާޒިމާގެ ދުވަސްވީ އާދައެކެވެ. ދެން ތެދުވާނީ އިރުއޮއްސުނީމައެވެ.
ޒާރާ ސިޓިންރޫމަށް ނިކުތީ ފޮތެއް ކިޔާލުމުގެ ބޭނުމުގައެވެ. އޭރު އިމްރާން ތައްޔާރުވަމުން ދިޔައީ ޖިމަށް ދާށެވެ.
ޒާރާ ސޯފާގައި އޮށޯވެލިއެވެ. ކިޔަން ގެންގުޅު ފޮތް ހުޅުވާލިއެވެ. މަޝްހޫރު ލިޔުންތެރިޔާ، އެލިޒަބަތު ފެންވިކްގެ ''ދަ ބޭބީ ކެއާ'' އެވެ. މިހާރަކަށް އައިސް އަބަދުވެސް އޭނާ ގިނައިން ކިޔަނީ ކުޑަކުދިން ގެންގުޅޭނެ ގޮތްބުނެދީފައި ހުންނަ ފޮތްތަކެވެ. ޒާރާ އަކީ ފޮތްކިޔައިގެން މައުލޫމާތު އެއްކުރަން ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.
''ދަނީ........ބަލައިގެން އުޅޭތި..... މަންމަ ގާތު ބުނެލާނަން އަންނަންދެން މިބައިގައި މަޑުކޮއްލާށޭ........އޯކޭތަ.....ބައްޕަވެސް އަންނާނެހެން ހީވަނީ އިރުކޮޅަކުން.......'' އިމްރާން ޒާރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން ޒާރާގެ މޫނަށް ބަލާލިއެވެ. އެއީ އިމްރާނުގެ އާދައެވެ. ކިތަންމެ އަވަސް އަވަހާ ގެއިން ނިކުތަސް ޒާރާ ގާތުގައި ބުނެފައި ނޫނީ އޭނާ ނުދާނެއެވެ.
''އެކަނިވިޔަސް އޯކޭއޭ.......އެންމެ ދޮޅުގަޑިރެއްނު........ އެހެންނޫނަސް އެކަންޏެއް ނޫނެއްނު.......'' އިމްރާންގެ އަތްތިލަ ގެންގޮސް ޒާރާގެ ބަޑުގައި ޖައްސާލަމުން ޒާރާ ހީލިއެވެ. އެވަގުތު ދަރިފުޅު ތޮޅެލިއެވެ. ނިކަން ގަދަޔަށެވެ. ދެމަފިރިންނަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ކުރެވުނު އިހްސާސް ކިތަންމެހާވެސް ފޮންޏެވެ.
''ހާދަވަރަށް ތިބަލަނީ........ތިހާވަރަށް ބަލާކަށް ނުވާނެ..........'' އިމްރާން ބަލާވަރުން ޒާރާ ލަދުގަތެވެ. ކިޔަން ގެންގުޅުނު ފޮތުން މޫނު ނިވާކޮށްލިއެވެ. ޒާރާގެ ލަދުވެތި ސިފައިގެ ސަބަބުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޒާރާގެ އެ ސިފަ އިމްރާނަށް ވަރަށް ކަމުދެއެވެ. އެހެންވެ ޒާރާއާ ސަމާސަކުރުމަކީ އިމްރާން ވަރަށް ގަޔާވާ ކަމެކެވެ.
''ބަލާ ފޫހި ނުވާނެ ދުވަހަކުވެސް........މިހާރު އަދި ކުރިޔަށްވުރެ މާ ރީތި....... މާ ފުރިހަމަ......'' އިމްރާންގެ ތައުރީފް އަޑުއެހުމަކީ ޒާރާގެ ހިތަށް ފިނިކަން ލިބޭ ކަމެކެވެ.
''ޒާރާ ތީ މަގޭ ނަސީބު......އަހަރެން މި ބަލާހާ ލޯބިން އެހެން އެއްވެސް މީހަކަށް ތިމޫނަކަށް ނުބެލޭނެ.......ޔަގީން.......އަހަރެންގެ ލޮލުން ޒާރާއަށް ތި މޫނު ބެލޭނަމަ އެނގޭނީ އަހަރެން ބަލަނީ ކިހާ ބަލާހިތުން، ކިހާ ލޯބިންކަން........ އެހެން މީހަކު ތި ހަށިގަނޑަށް، ލޮލުގެ ކުޑަކޮޅުން ބަލާލިޔަސް އަހަރެންގެ ހިތަށް ކިހާ ތަދުވާނެކަން ޒާރާއަށް އެނގޭތަ.........'' އިމްރާން ޒާރާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އަދި ކޮނޑުގައިވާ ދަބަސް ރަނގަޅުކޮށްލަމުން ބޭރަށް ނިކުތީ ޖިމަށް ދާގަޑި ކުޑަތަންވެފައިވާތީއެވެ. އިމްރާން ނިކުތުމުން ޒާރާ ސޯފާގައި ހަމަޖެހިލިއެވެ. ކިޔަން ގެންގުޅުނު ފޮތް މޭމަތީގައި ބާއްވާލިއެވެ. ލޯމަރާލިއެވެ. އެންމެފަހުން އިމްރާން ބުނެލި ދެތިން ޖުމްލަ ޒާރާގެ ކަންފަތާ ވަތްކެއް ނުވިއެވެ.
އިމްރާން އެބުނީ ތެދެކެވެ. އިމްރާން އަބަދުވެސް ޒާރާއަށް ބަލަނީ ލޯބިންނެވެ. ކައިވެންޏަށް މިހާދުވަސްވީއިރު އެންމެ ފަހަރަކުވެސް ލޯބި ނޫން އަސަރެއް އެބެލުމުން ޒާރާއަށް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އެންމެ ފަހުން އިމްރާން ބުނެލި ޖުމްލައިން ފަހުދުގެ މަތިން ހަނދާން ކުރަން ޒާރާއަށް މަޖުބޫރު ކުރުވައިފިއެވެ. ޒާރާއާ ދިމާއަށް ފަހުދު ބަލަނީ ތަފާތު ގޮތަކަށް ކަމުގައި ޒާރާއަށް ހީވަނީ ކީއްވެހެއްޔެވެ. އެ ބެލުމުގައި ހުރެގެންނުވާނެ ގޮތެއް ހުންނަހެން ޒާރާއަށް ހަމަ ހީވަނީއެވެ. އެއީ ފަހުދު އެހެންމީހުނާ ދިމާއަށްވެސް ބަލާގޮތް ބާވައެވެ. ޒާރާ އަކީ އިމްރާނުގެ އަންހެނުންނަށް ވީއިރު ނުބައި ނަޒަރަކުން ފަހުދު ޒާރާއަށް ބަލާފާނެބާއެވެ. ހުރިހާވެސް ކަމަކީ ޒާރާއަށް ކުރެވޭ ކުށްހީ އެއްކަމުގައި ޒާރާއަށް ގަބޫލުކުރެވުނެވެ.
******
''އަދި ޕުޑިންކޮޅެއް އަޅަންވާނެ......... އަވަސްކޮއްލާ......'' ޖީނާ ހެދިކާ ތަބަށް މޭޒުމަތީގައި ބެހެއްޓުމުން ސަރީފާ އެތަބަކުގައި ހުރި ތަކެއްޗަށް ބަލާލިއެވެ. ޖީނާ އަކީ ކެއްކުމުގެ މަސައްކަތް ކުރުމަށްޓަކައި އެގޭގައި ގެންގުޅޭ އިންޑިއާ އަންހެނެކެވެ.
ހޫނު މަސްރޮއްޓާ، ހަވާދުލީ ބިހުގެ އިތުރުން ކިރުބޯކިބަލާ ތަރުކާރީ ބިސްގަނޑެއް އެތަބަކުގައި އޮތެވެ. ހައްތަހާވެސް ޒާރާ އަށް މީރު އެއްޗިއްސެވެ. ހަވީރުސައި ޒާރާއަށް ސަރީފާ ގެންގޮސްދިނަސް އެހެން ހުރިހާ ވަގުތެއްގެ ކެއުން އޮންނަނީ އެންމެން އެކީގައި ސަރިފާމެންގެ އެޕާޓްމަންޓްގައެވެ. ޕުޑިންކޮޅު ތައްޓަކަށް އެޅުމަށްފަހު، ޖީނާ ތަބައްތެރޭގައި ތަށި ބެހެއްޓިއެވެ. އަވަސްއަވަހަށް ތަބައް ހިފައިގެން ސަރީފާ އެނބުރިލީ ލިފުޓާ ދިމާއަށް ދިއުމަށެވެ.
''ބޯއްތަ ހާދަ ސާމާނެއް........ދައްކަ.... ރަހަ ބަލާލަން.........'' ކޮޓަރިން ނިކުތް ފަހުދު ތަބަކާ ދިމާލަށް ބަލާލަމުން ކައިރިއަށް ޖެހިލިއެވެ.
''މީ ޒާރާއަށް....... މޭޒުމާތީގަ ހުންނާނެ ދޭބަލަ ކާލަން....'' ސަރީފާ ހިނިތުންވެލިއެވެ. އަދި ޖީނާ އަށް ގޮވާފައި ފަހުދަށް ކަޅުސައި އަޅައިދޭން ބުންޏެވެ. ފަހުދަށް މީރުވާނީ ކަޅުސައިކަން އެނގޭތީއެވެ.
''އެކަނި އިނދެ ކާން އަހަރެން ކިހާ ފޫހިވާކަން ހަމަރަނގަޅަށް އެނގޭނެ ބޯއްތައަށް........ އެބަޔަށް ގޮސް ސައިބޯނީ....... އިންމަ އާ އެކު.......'' ފަހުދު ބޭނުންވިގޮތް ހާމަކުރިއެވެ.
''އިމްރާން ހަމަ ދެންމެ އެދިޔައީ ޖިމަށް....... ފަހުދު ދަންޏާ އާދޭ........އިމްރާން ނެތަކަސް ސައިބޮވިދާނެ އެއްނު......'' ސަރީފާ ހިނގައިގަތެވެ.
ބެލް ޖަހާލުމާއެކު މާ ގިނައިރެއް ނުވެ ޒާރާ ދޮރު ހުޅުވާލިއެވެ. ބޭރުގައިހުރި ޒާރާގެ މައިދައިތަ ފެނުމުން ހިނިތުންވެލުމަށްފަހު އެއްވެސް ޚިޔާލެއް ފިކުރެއްނެތި އެތެރެއަށް ދާން ހިނގައިގަތެވެ.
''ފަހުދު މިއަދު މިބައިގަޔޯ ސައިބޯނީ...... ބޮޑާހާކާވަރުން ގޮވައިގެން މިއައީ........ ދަރިފުޅުވެސް ވާނެ ފަހުދުބެއާ ރައްޓެހިވާން........ ހަމަ މަންމަގެ ދަރިއެއްފަދަ ކުއްޖެއް ފަހުދަކީ........'' ސަރީފާގެ ފަހަތުން ވަދެގެން އައި ފަހުދުގެ މޫނަށް ޒާރާއަށް ބަލާލެވުނެވެ. އެއާއެކު އަވަސްވެގަތީ ބުރުގާއަޅަން އެތެރެއަށް ވަނުމަށެވެ.
''މަންމަ ބުނެލިނަމައެއްނު......'' ބުރުގާއަޅައިގެން ނިކުތް ޒާރާ، ސަރީފާއާއި ގާތްވެލަމުން މަޑުމަޑުން ބުނެލިއެވެ. ސަރީފާ ޖަވާބުގައި ހިނިތުންވެލިއެވެ.
''ދަރިފުޅު މާ ވަރަކަށްވިއްޔަ ތި ކަންތައް ބޮޑުވަނީ.......އެހާވަރުކަމެއް ނޫނޭ އެއީ...... އެ ހަމަ މަންމަގެ ދަރިއެއްފަދަ ކުއްޖެއް......ހަމަ މިގޭ ކުއްޖެއް........ '' ސަރީފާ ހެދިކާ ތަބައް މޭޒުމަތީގައި ބަހެއްޓިއެވެ. ޒާރާގެ މޫނަށް ނަޒަރު ހުއްޓާލުމާއެކު އެ މޫނުން މާޔޫސްކަމެއް ސަރީފާއަށް ފާހަގަކުރެވުނެވެ. ބުނެވުނު އެއްޗަކުން ޒާރާ ހިތްހަމަ ނުޖެހުނީ ބާވައެވެ. އެހެން ވާކަށް ސަރީފާ ބޭނުމެއް ނޫނެވެ.
''ދެން މިފަހަރު އެހެން އެވީ......މަންމަ ހިޔެއް ނުކުރަން ދަރިފުޅު .....ދެން ނުވާނެ އެހެނެއް........'' ވިސްނުމެއްގެ ތެރެއަށް ގެނބެމުން ދިޔަ ޒާރާ އަށް އޭނާގެ ސަބަބުން މަންމަ ހިތުގައި ޖެހިއްޖެ ކަން އިހްސާސްކުރެވުނެވެ. މަންމަ އެބުނީވެސް ތެދެކެވެ. ފަހުދަކީ ހަމަ ބޭބެއެއަފަދަ މީހެކެވެ. އާއިލާގެ މެންބަރެކެވެ. މަންމަ ގެ ދަރިއެއްފަދައިން ދެކޭ ކުއްޖެކެވެ. ވީ އިރު ޒާރާއަށް މި ވިސްނެނީ މާ ބޮޑަށެވެ. މާ ކަންތައްގަނޑު ބޮޑުކުރެވެނީއެވެ. ލޮލުގެ އެސްފިތައް ތަޅުވާލަމުން ޒާރާ މަސައްކަތްކުތީ އުދާސްވެފައިވާ އޭނާގެ ހިތަށް ހަމަޖެހުމެއް ހޯދާދޭށެވެ.
''ކޮބާ ...... ހާދަ ލަހޭ....... ފަހަރި އަވަސްކޮއްބަލަ....... ކާހިތުން މިހާރު ކެތްތެރިކަން ކޮޅުން ލައިފި.....ދެން ކެތެއްނުވާނެ.......'' ފަހުދު ކާމޭޒާ ދިމާއަށް ހިނގައިގަތެވެ. އޭނާ އައިސް ހުއްޓުނީ ޒާރާ އާ ނުހަނު ގާތުގައެވެ.
''ހާދި މީރުވަސް ދުވައޭ.......'' ޒާރާއާ ދިމާލަށް މޫނު އަނބުރާލަމުން ފަހުދެ ނޭވާ އެތެރެއަށް ދަމާލިއެވެ. ދެލޯމަރާލިއެވެ. މޭޒުމަތީގައި ތަށިތައް އެތުރުމުގެ މަސައްކަތުގައި އަވަދިނެތި ހުރި ސަރީފާއަށް އެމަންޒަރު ނުފެނުނު ކަމުގައިވިޔަސް ޒާރާއަށް ނުހަނު ސާފުކޮށް އެމަންޒަރު ފެނުނެވެ.
''ކެތްތެރިކަމެއްނެތް ކުއްޖެއްމީ.......ގައިމު ޑޮކްޓަރުންނަކީ ވަރަށް ކެތްތެރިބައެއް.......އަދިވެސް ހަމަ ކުރީގެ ސިޔާސަގޮތްގަނޑު މިސޮރު މިގެންގުޅެނީ........'' ސައިތައްޓަށް ހަކުރު އަޅަމުން ސަރީފާ ބަލާލީ ކުރިމަތީގައިހުރި ފަހުދުގެ މޫނަށެވެ.
''ޑޮކްޓަރުންނަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށްނު.......ޑޮކްޓަރުންގެ ވެސް ހުންނާނީ ހަމަ އެހެން އިންސާނުންގެ ހުންނަ ހިއްސުތައްވިއްޔާ....... އެހެންނޫނަސް ހައިވީމަ ކިހިނެތް ކެތްކުރާނީ...... އަތުޖެހޭހިސާބުގަ މީރު ކާއެއްޗެއް އޮއްވަ އެއްވެސް މީހަކަށް ކެތްކުރެވޭނެތަ...... އަޅެ ފަހަރި ކީކޭ ބުނަނީ މިކަމާ......ފަހަރިއަށް ކެތް ވާނެތަ....... އަހަރެން މި ކެތްކުރާގޮތަށް.......'' ފަހުދު މޭގައި އަތް ޖައްސާލަމުން ޒާރާއާ އަދިވެސް ގާތަށް ޖެހިލިއެވެ. އޭނާގެ ތޫނު ނަޒަރު ޒާރާގެ މޫނަށް އަމާޒު ވެއްޖެއެވެ. އެ ބެލުމުގައި ދަހިވެތިކަމެއް އެކުލެވިފައިވާހެން ޒާރާއަށް ހީވިއެވެ. އެހާ ގާތުގައި ހުރެގެން އެގޮތަށް ބަލަން ފެށުމުން ޒާރާގެ ހިތް އަވަސްވާން ފެށިއެވެ. އެވަގުތު ނުވަވަނަ މަހުގެ ފަހު ދުވަސްތައް ގުނަމުންދާ ދަރިފުޅު، އާދަޔާ ޚިލާފަށް ބަނޑުން ތޮޅެޅިއެވެ. ސިހުން ލިބޭ ވަރަށެވެ. ތަދު އިހްސާސްވާ ވަރަށެވެ. ޒާރާއަށް ބޭއިޚްތިޔާރުގައި މޭޒުގައި އެއްއަތުން ހިފަހައްޓާލާފައި ގުދުވެވުނެވެ. ބަނޑުގައި އަނެއްއަތުން ފިރުމަމުން ކުކުރާލެވުނެވެ. އަނގައިން ބޭރުވެގެން ދިޔަ ''އާހް'' ގެ އަޑާއެކު އެންމެންގެ ސަމާލުކަން ޒާރާއަށް ހުއްޓުނެވެ. ކައިރީގައި ހުރި ފަހުދު އަވަސް އަވަހަށް ޒާރާއޭނާގެ ގަޔާލާ ހިފަހައްޓާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް