ޢައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމާ ގުޅޭ ދެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.
މި ދަޢުވާ އާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑުއެހުމެއް ބާއްވަނީ މާދަމާ ހެނދުނު 10:30 އަށެވެ.
މި މަހުގެ 11 ވަނަ ދުވަހުވެސް އާޒިމާގެ މި ދެ ދައުވާއާ ގުޅިގެން އަޑުއެހުމެއް ބާއްވާފައިވާ އިރު، އެ އަޑުއެހުމުގައި އާޒިމާ ވަނީ އަލުން އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފަ އެވެ.
ކުރިން މި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް، މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި، އާޒިމާއާއި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން އަލުން މި މައްސަލަ އިބްތިދާއީ އަޑުއެހުމުން ފެށިގެން ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށް އާޒިމާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.
ނަމަވެސް މި މައްސަލައަކީ، މީގެ ކުރިން އިބްތިދާއީ އަޑުއެހުންތަކެއް ބާއްވާފައިވާ، އަދި ގޮތްތަކެއް ނިންމާފައިވާ މައްސަލައެއް ކަމަށާއި މިހާރު މިމައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުވެސް މިމައްސަލަ ކުރިން ނިންމާފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މައްސަލައެއް ކަމަށް ތަކުރާރުކޮށް ދައުލަތުގެ ގާނޫނީ ވަކީލު ވަނީ ވިދާޅުވެފަ އެވެ.
ދިފާއުގައި ދައުލަތުގެ ވަކީލުން ޝަރީއަތަށް ހުށަހަޅާފައިވާ ނުކުތާތަކަށް ވުރެ އިތުރު ވާހަކަތައް ދިފާއީ ދެ ވަކީލުންނާއި އަދި ދައުވާ ރައްދުވާ އާޒިމާ ވެސް ދައްކަވަމުން ގެންދަވާނަމަ ދައުލަތަށް ވެސް ރައްދު ދިނުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފަ އެވެ. އަދި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އެކަނި ރިޔާއަތްކޮށް މި މައްސަލައަށް ގޮތެއް ގާޒީ ނިންމަވާނަމަ މި އަޑުއެހުންތައް ބޭއްވުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް