ބިންތައް ޕްލޭން ކުރުމުގެ ބިލް ދިރާސާކުރަން ތިން ކޮމިޓީއެއްގެ ބޮޑު ކޮމިޓީއަކަށް

ރާއްޖޭގެ ރަށްތަކުގެ ބިނާވެށި ޕްލޭން ކުރުމުގެ ބިލްް ރައްޔިތުންގެ މަޖިލީހުން ތަޅުމުން ބަލައިގަނެ ފާސްކޮށް މަޖިލީހުގައި ހިމެނޭ ތިން ކޮމިޓީއެއް ގުޅިގެން އެކުލަވާލާ ބޮޑު ކޮމިޓީއަކަށް އެ ބިލް ފާސްކުރަން ފޮނ...

19 Oct 2020 | 10:27

ރާއްޖޭގެ ރަށްތަކުގެ ބިނާވެށި ޕްލޭން ކުރުމުގެ ބިލްް ރައްޔިތުންގެ މަޖިލީހުން ތަޅުމުން ބަލައިގަނެ ފާސްކޮށް މަޖިލީހުގައި ހިމެނޭ ތިން ކޮމިޓީއެއް ގުޅިގެން އެކުލަވާލާ ބޮޑު ކޮމިޓީއަކަށް އެ ބިލް ފާސްކުރަން ފޮނުވައިފި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހެޅުއްވި ބިނާވެރި ޕްލޭން ކުރުމުގެ ބިލް މަޖިލީހުގެ ތަޅުމުން ބަލައިގަތީ50 މެމްބަރުންގެ ވޯޓުންނެވެ. އޭރު އަފީފް ހުންނެވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާށެވެ. މި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. މި ބިލް ދިރާސާކުރަން ފޮނުވަން ހަމަޖެހިފައި ވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖްގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީ ގުޅިގެން އުފައްދާ ޖޮއިންޓް ކޮމިޓީއަށެވެ.

ބިނާވެށި ޕްލޭން ކުރުމުގެ ބިލްގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ބިންތައް ބޭނުން ކުރާނެ ގޮތް ކަނޑައަޅައި ތަރައްގީ ކުރުމުގައި އިދާރީ ދާއިރާތައް ލާމަރުޒީކޮށް ތަރައްގީ ކުރުމަށް މަގުފަހިވާނެ ގޮތަކަށް ސިޓީ އާއި ރަށްރަށުގެ ބިން ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުމެވެ.

އެ ބިލްގެ މައިގަނޑު ބޭނުމަކީ ސިނާއީ މަސައްކަތްތަކާ ގުޅޭ ގޮތުން ބިން ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުމާއި، ބިން ތަރައްގީ ކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ބިން ތަރައްގީ ކުރާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ގާނޫނީ ނިޒާމެއް ގާއިމު ކުރުމެވެ.

އެ ބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބިންތަކުގެ ޕްލޭންތައް އެކުލަވާލުމާއި ޕްލޭނިން ސިޔާސަތުތައް ކަނޑައެޅުމަށް ޕްލޭނިން މިނިސްޓަރަށް ލަފާ ދިނުމަށް އެ މިނިސްޓްރީގެ ދަށުގައި "ނޭޝަނަލް ޕްލޭނިން އޮތޯރިޓީ" ގެ ނަމުގައި އޮތޯރިޓީއެއް އުފައްދަން ޖެހެ އެވެ. ބިލްގައިވާ ގޮތުން "ނޭޝަނަލް ޕްލޭނިން އޮތޯރިޓީ" އަކީ މިހާރު ވެސް ޕްލޭނިން މިނިސްޓްރީގެ ދަށުގައިވާ ލޭންޑް ޔޫސް ޕްލޭންގެ ޑިޕާޓްމަންޓް އެ އޮތޯރިޓީ އެވެ. ބިލް ގާނޫނަކަށްވުމާއެކު، އެ ޑިޕާޓްމަންޓްގައިވާ އެންމެހާ މުވައްޒަފުންނާއި ވަސީލަތްތައް އާ އޮތޯރިޓިއަށް ބަދަލުވެގެންދާނެ އެވެ.

ޕްލޭނިން އޮތޯރިޓީގައި މިނިސްޓަރަށް ލަފާ ދިނުމަށް ޕްލޭނިން އެސެސްމަންޓް ކޮމިޓީއެއް ވެސް ބިލްގައިވާ ގޮތުގެ މަތިން އެކުލަވާލަން ޖެހޭނެ އެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލަވާލަން ޖެހޭ އެ ކޮމިޓީއަށް މެންބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޓީގެ މެންބަރު ކަމުގައި މެންބަރަކަށް ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަކަށް ކަމަށް ބިލްގައިވަނީ ބުނެފަ އެވެ.

ކޮމިޓީގައި ތިބޭނެ މެންބަރުންނަކީ މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ފިޒިކަލް ޕްލޭނިން ނުވަތަ އާބަން ޕްލޭނިން ދާއިރާގެ ބޭފުޅަކާއި، އާކިޓެކްޗާ ނުވަތަ ސިވިލް އިންޖިނިއަރިން ދާއިރާގެ ބޭފުޅަކާއި، ތިމާވެށި ނުވަތަ ސަސްޓެނައިބިލިޓީގެ ދާއިރަގެ ބޭފުޅަކާއި، ހެރިޓޭކް ނުވަތަ ކޮންސަވޭޝަންގެ ދާއިރާގެ ބޭފުޅެކެވެ. އިގްތިސާދު ނުވަތަ މާލީ ދާއިރާގެ ބޭފުޅަކާއި، ރިއަލް އެސްޓޭޓް މެނޭޖްމަންޓް އެންޑް ވެލުއޭޝަންގެ ދާއިރާގެ ބޭފުޅަކާއި، ބޯހިޔާވަހިކަން ނުވަތަ އިޖްތިމާއީ ދާއިރާގެ އިިމްލުގެ ދާއިރާގެ ބޭފުޅަކާއި، ޕްލޭނިން ދާއިރާ ތަމްސީލު ކުރާ އަމިއްލަ ޖަމިއްޔާގެ މެންބަރެއް ވެސް ކޮމިޓީގައި ތިބެން ޖެހޭނެ ކަމަށް ބިލްގައިވަނީ ބުނެފަ އެވެ.

އެ ބިލްގައި އިތުރަށް ވާގޮތުން ޕްލޭނިން އިދާރާތަކުގެ ގޮތުގައި ބަލަނީ ޕްލޭނިން މިނިސްޓްރީ އާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި މީހުން އާބާދު ކުރުމުގެ މަޝްރޫއުތައް ޕްލޭން ކުރާ އިދާރާތަކާއި ސިނާއީ މަޝްރޫތައް އެކުލަވާލާ އިދާރާތަކާއި ފަތުރުވެރިކަމާއި އިގްތިސާދީ ހާއްސަ ސަރަހައްދުތައް ތަރައްގީ ކުރުމަށް އެކުލަވާލާ އިދާރާތަކެވެ. އެ އިދާރާތަކުން ހަތަރު ބާވަތެއްގެ އާބަން ޑިވެލޮޕްމަންޓްގެ ޕްލޭނިން  އެކުލަވާލަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

އެ ހަތަރު ބާވަތްތަކަކީ:-

1- ރީޖަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން- މިއީ ރާއްޖެ ލާމަރުކަޒީ ގޮތުން ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތުގެ ދަށުން ކަނޑައެޅޭ ސަރަހައްދުތަކަކަށް ތައްޔާރު ކުރާ ޕްލޭންތައް

2- ސިޓީ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން- މިއީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށް ނުވަތަ ސަރަހައްދަކަށް ލޭންޑް ޔޫސް ޕްލޭން ހިމެނޭ ގޮތުން ތައްޔާރު ކުރާ ޕްލޭންތައް

3- އައިލެންޑް ޑިވެލޮޕްމަންޓް މާސްޓް ޕްލޭން- މިއީ މީހުން ދިރިއުޅޭ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކާއި އެ ރަށްރަށުގެ އިހްތިސާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން ހިމަނައި ތައްޔާރު ކުރާ ޕްލޭންތައް

4-އާބަން ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން- މިއީ ވަކި މަޝްރޫއެއް ނުވަތަ ވަކި ހާއްސަ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސަރަހައްދަކަށް ތައްޔާރު ކުރާ ޕްލޭންތައް

މީގެ އިތުރުން ބިލްގައިވާ ގޮތުން އެ ބިލް ގާނޫނަކަށްވުން، ގާނޫނާ ހިލާފުވާ ފަރާތްތަށް ޖޫރިމަނާ ކުރެވޭނެ އެވެ.

އެގޮތުން ގާނޫނާ ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ 15،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ޕްލޭނިން އޮތޯރިޓީއަށް ލިބޭނެ އެވެ. ގާނޫނީ ޝަހްސެއްނަމަ 30،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ގާނޫނާ ހިލާފު އަމަލެއް ތަކުރާރުކޮށްފި ނަމަ، އަމިއްލަ ފަރުދެއް 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ. އަދި ގާނޫނީ ޝަހްސެއްނަމަ 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.

މީގެ އިތުރުން ރަށްރަށުންނާއި ސިޓީތަކުން ބިންތަށް ބޭނުން ކުރާނެ ގޮތުގެ ޕްލޭންތަށް ޕްލޭނިން އޮތޯރިޓީއަށް ފޮނުވަން ޖެހޭނެ އެވެ. އަދި އެ ބިންތަކުގައި މަސައްކަތް ކުރެވޭނީ ޕްލޭނިން އޮތޯރިޓީއިން އެގޮތަކަށް އެބިން ބޭނުން ކުރެވޭނެ ކަމަށް ފާސް ކުރުމުނެވެ. އެއަށްވުރެ ކުރިން އެ ބިމެއްގައި މަސައްކަތެއް ކޮށްގެން ނުވާނެ އެވެ. މީގެ އިތުރުން އަމިއްލަ ފަރާތަކުން ނުވަތަ ކުންފުންޏަކުން ބިމެއް ބޭނުން ކުރަން ބޭނުންވާ ނަމަ އެ ކަމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެ އެވެ. އެއީ ރަށެއް ނުވަތަ ސިޓީއެއް ނަމަ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ. އެހެން ހާއްސަ ސަރަހައްދެއް ނަމަ އޮތޯރިޓީއަށެވެ. ހުއްދަ ދިނުމުން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި އެ ޕްލޭންއެއް ވެސް ފޮނުވަން ޖެހޭނެ ކަމަށް ބިލްގަައި ވަނީ ބުނެފަ އެވެ.

ސާޅީސް އަށް ސަފުހާގެ އެ ބިލުގައި އިތުރަށްވާ ގޮތުންނަމަ މީހުން އާބާދު ކުރުމުގެ މަޝްރޫއުތައް ޕްލޭން ކުރާ އިދާރާތަކާއި، ސިނާއީ މަޝްރޫއުތައް އެކުލަވާލާ އިދާރާތަކާއި، ފަތުރުވެރިކަމާއި އިގްތިސާދީ ހާއްސަ ސަރައްހަދުތައް ތަރައްގީ ކުރުމަށް އެކުލަވާލާ އިދާރާތަކުން ތައްޔާރު ކުރާ ޕްލޭންތައް ވެސް ޕްލޭނިން އޮތޯރިޓީއަށް އެ ޕްލޭނެއް ފާސްކުރަން ފޮނުވަން ޖެހެ އެވެ.

އަދި ހަމައެއާއެކު ރާއްޖޭގައި ހަރަކާތްތެރިވާ އާބަން ޕްލޭނިންގެ ފަންނުވެރިން އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ. ބިލްގައިވާ ގޮތުން ޕްލޭނިންގެ މަސައްކަތްތައް ހަވާލުކޮށް އެ މަސައްކަތްތައް ކުރެވޭނީ ހަމައެކަނި ޕްލޭނިން އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް