މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހިންގާ ޚާއްޞަ ޕުރޮގުރާމު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިފްތިތާޙުކޮށްދެއްވައިފި އެވެ.
ނައިބު ރައީސް މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވާފައިވަނީ މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބައެއް ކަމަށާއި، އެއީ މުޖުތަމަޢުގެ ޤަދަރާއި ލޯތްބާއި އިޙުތިރާމު ލިބިފައިވާ ބައެއްކަމަށެވެ.
އެހެންކަމުން، މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމަޢުގެ ފަރުދުންނަށް ރިވެތި އަޚުލާޤު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި، މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އިހުނަށްވުރެ އިސް ދައުރެއް އަދާކުރުމަށް އެ މަނިކުފާނު އިމާމުންނާއި މުދިމުންނަށް ގޮވާލެއްވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ތަފާތު ޕްރޮގުރާމުތައް ހިންގަމުންދާކަމުގައި ވަނީ ހާމަކުރައްވާފަ އެވެ.
ކޮންމެ ފަރުދަކު ވެސް ބޭނުންވާ ދާއިރާއަކުން ތަޢުލީމު އުނގެނި، ތަމްރީނު ހޯދައި، ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމުގައި ވިދާޅުވެ، މި ސިޔާސަތުގެ ބޭނުމަކީ، ކޮންމެ ޒުވާނަކީ ވެސް، ބޭނުންތެރި، މަސައްކަތްތެރި، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި، އަދި ވަކިން ޚާއްޞަކޮށް އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ މީހެއްގެ ގޮތުގައި ބިނާކުރުން ކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިއަދު ޤައުމަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މި ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ކަމުގައި އޮތް ފަރުދީ ޒިންމާގެ މަތިން ހަނދުމަކޮށްދެއްވާ އެ މަނިކުފާނު ވަނީ، ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދަށް ބޯލަނބާ، ސާފުތާރިހުކަމާއި އިޖުތިމާޢީ ގައިދުރުކަމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފަ އެވެ.
ނައިބު ރައީސް ވަނީ މިފަދަ ޕްރޮގުރާމެއް އިފްތިތާޙުކުރި ކަމަށްޓަކައި އިސްލާމިކް މިނިސްޓްރީ އަދި އިސްލާމިކް ޔުނިވަރސިޓީގެ އިސްވެރިންނާއި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، މި ޕްރޮގުރާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އިމާމުންނާއި މުދިމުންނަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަށް ޚާއްޞަކޮށްގެން ހިލޭ ކުރިއަށްގެންދާ މި ޕުރޮގުރާމުގައި 384 ފަރާތުން ވަނީ ބައިވެރިވެފަ އެވެ.
މިއަދު ބޭއްވި ރައްމިސްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ޕްރޮގުރާމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް