ގާސިމް އާއި އިތުރު ތިން ބޭފުޅަކު އެންއައިސީއަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޅ. ނައިފަރު، ނިކަގަސްދޮށުގޭ، ގާސިމް އަަބުދުލްކަރީމް އާއި އިތުރު ތިން ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން...

19 Oct 2020 | 09:31

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޅ. ނައިފަރު، ނިކަގަސްދޮށުގޭ، ގާސިމް އަަބުދުލްކަރީމް އާއި އިތުރު ތިން ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ބޭންކްގެ މުއާމަލާތްތަކުގެ ލިޔެކިއުންތައް ލީކްކޮށްލި މައްސަލާގައި ޖަލުގައި ބަންދުވި ގާސިމްއަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ 51 މެމްބަރުންގެ ވޯޓުންނެވެ. ގާސިމް އައްޔަން ކުރަން ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ގާސިމުގެ އިތުރުން އެއްއައިސީގެ މެމްބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފައިވަނީ، މ. ޕިސްތާގެ އައިމިނަތު ޝާދިޔާ، ގ. ދޫރެސްވިލާ އައިމިނަތު ޝިއުނާ އަދި ދަފްތަރު ނަމްބަރު 1188 ޝުއައިބް އަބްދުލް ރަހްމާން އެވެ.

މި މެމްބަރުންގެ ތެރޭގައި ހިމެނޭ ގާސިމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންއައިސީއަށް އައްޔަންކުރަން ފޮނުއްވި ނަންތަކުގެ ތެރެއިން ފާހަގަ ކޮށްލެވުނު ނަމެވެ.

އެންއައިސީއަށް އައްޔަން ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނައިފަރު ދައިރާއަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވުމުން އެމްޑީޕީގެ ޓިކެޓެއް ނުލިބެ އެވެ. ގާސިމަކީ އަބަދުވެސް އެމްޑީޕީއަށް ސަޕޯޓު ކުރައްވާ ބޭފުޅެކެވެ.

އެންއައިސީއަށް އަލުން މެމްބަރުން އައްޔަން މިކުރީ އެ ކޮމިޝަންގައި ތިއްބެވި ހަތަރު މެމްބަރުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވިއިރު ރައީސް ސޯލިހުއަށް ލަފާ ދެއްވަން މަޖިލީހުން އެ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ގެންދިޔައީ ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް