ގެސްޓު ހައުސް ވިޔަފާރި ފެށުމުގެ ހުއްދަ ދޭން ފެށިފަހުން މިހާތަނަށް 29 ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ގެސްޓު ހައުސް ހިންގުން މަނާ ކުރީ މިދިޔަ މާޗްމަހުގެ ތެރޭގައި އެވެ. އަލުން މި ވިޔަފާރި ފެށުމުގެ ހުއްދަ ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
އަލުން ގެސްޓު ހައުސް ހިންގުމުގެ ހުއްދަ ދިން ފުރަތަމަ ދުވަހު 22 ގެސްޓު ހައުސްއެއްގައި ހިދުމަތް ދޭން ފަށާފައިވެ އެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް އިތުރު ހަތް ގެސްޓު ހައުސްއެއް ހިންގުމުގެ ހުއްދަ ވަނީ ދީފައި އެވެ.
ގެސްޓު ހައުސް އަލުން ހުޅުވުމުގެ ހުއްދަ ދެނީރަށު ކައުންސިލުން އެ ރަށަށް ޓޫރިސްޓުންނަށް ހުޅުވާލާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުންނެވެ. އަދި އޭގެ ފަހުން ގެސްޓް ހައުސްތަކުގައި އަމަލު ކުރަން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކަށް އެތަންތަން ފެތޭކަން ކަށަވަރު ކުރުމަށް ފަހު އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވާ ގޮތުގައި ގެސްޓު ހައުސްތައް ހުޅުވާލާފައިވާ ރަށްރަށުގައި އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އާންމުންނާއި ޓޫރިސްޓުންނާއި މުއާމަލާތް ކުރުން ވީހާވެސް މަދު ކުރަން ޖެހޭއިރު އާންމުން ދިރިއުޅޭ ގޭގެއަށް ޓޫރިސްޓުން ވަނުމަކީ މަނާކަމެކެވެ.
އެމަޖެންސީ ހާލަތުގައި ފިޔަވާ ޓޫރިސްޓު ގެސްޓު ހައުސް ހިންގާ ރަށްރަށުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންވާންޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް