މިވަގުތު ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދަކީ 172 ބިލިއަން ރުފިޔާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ފައްޓަވައި ދެއްވަމުން ނަޝީދު ވިދާޅުވީ، ދަރަނީގެ ގޮތުގައި ހުރި ގިނަ ދަރަނި ތަކަކީ ގާނޫނާ އެއްގޮތަށް އުފެދިފައިވާ ދަރަނި ކަމަށެވެ. އަދި އެ ދަރަނި ހަތް ބާވަތަކަށް ފާހަގަކޮށް އޭގެ ތަފްސީލުު ވަނީ ދެއްވާފަ އެވެ.
ދަރަނި ބަހާފައިވާ ހަތް ބާވަތް
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ: 114 ގެރެންޓީއަކުން 41 ބިލިއަން ރުފިޔާ.
- ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 124 ލޯނަކުން 12.9 ބިލިއަން ރުފިޔާ.
- އެމްއެމްއޭ އިން ނަގާފައިވާ ލޯނާއި ނަގާފައިވާ ބޮންޑާއި އަދި ޓްރެޒަރީ ބިލު: 7.4 ބިލިއަން ރުފިޔާ.
- ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނު: 49 ލޯނަކުން ޖުމްލަ 13 ބިލިއަން ރުފިޔާ.
- ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތައް: 5.4 ބިލިއަން ރުފިޔާ.
- ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލް އަދި ބޮންޑު: 91.9 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާ ޑްރާފްޓް: 78 މިލިއަން ރުފިޔާ.
މި ދަރަނި ތަކުގެ ތެރެއިން ގާނޫނާ ހިލާފަށް އުފެދިފައިވަނީ ދެ ދަރަންޏެއް ފާހަގަ ކުރެވިފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދެ ދަރަންޏަކީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ދެމެދު އުފެދިފައިވާ ދަރަނި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެ ދެ ދަރަނީގެ ތަފްސީލު ހާމަކުރައްވާ ނަޝީދު ވިދާޅުވީ، އެއީ 2016 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހު ހިންގާފައިވާ އަމަލަކާއި، 2017 ވަނަ އަހަރުގެ ޖުލައ ި16 ވަނަ ދުވަހު ހިންގާފައިވާ އަމަލެއް ކަމަށެވެ.
ލޯނުތަށް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުގައި ކަމަށްވީ ނަމަވެސް، ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމި ބައެއް މަޝްރޫއުތަކަށް ފައިނޭސް ހޯދުމަށް 2017 ވަނަ އަހަރު ވިއްކި 250 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު، "ސަނީ ސައިޑް ބޮންޑު" ގެ އިންޓްރެސްޓް ރޭޓަކީ ހަތް ޕަސެންޓް ކަމަށާއި، 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭއިރު، އެ ބޮންޑު ރީ ޕްރޮފައިލް ކުރަންޖެހޭ ކަމަށް ދިރާސާ ރިޕޯޓާ ހަވާލާދީ ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ނަޝީދު ވިދާޅުވީ، ދައުލަތަށް ބުރަވެގެންދާނީ ދަރަނި އަނބުރާ ނުދެއްކުމުން ކަމަށާއި މިއަދު ދިމާވެގެން އުޅޭކަމަކީ 2021 ވަނަ އަހަރު އަނބުރާ ދައްކަން އޮތް އަދަދު ބޮޑުވުން ކަމަށެވެ.
ދިރާސާ ރިޕޯޓާ ހަވާލާދީ ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ނުކުޅެދިފައިވާ ގޮތުން، 2019 ވަނަ އަހަރު ދަރަނި ސާވިސް ކުރުމުގެ ހަރަދުގެ 70 ޕަސެންޓް އަދި 2020 ވަނަ އަހަރުގެ ދަރަނި ސާވިސް ކުރުމަށް އަންދާޒާ ކުރެވިފައިވާ އަދަދުގެ 66 ޕަސެންޓަކީ ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނި ސާވިސް ކުރުމުގެ ހަަރަދު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ޖުމްލަ ދަރަނި ސާވިސް ކުރުމަށް ދައުލަތުން ގެރެންޓީކޮށްފައިވާ ދަރަނީގެ ސާވިސް ކުރުންވެސް ހިމެނިގެން 2019 ވަނަ އަހަރު 10.2 ބިލިއަން ރުފިޔާ ހަރަދުކޮށް، 2020 ވަނަ އަހަރުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި މިވަގުތު ދައުލަތަށް އެންމެ ރިސްކު ބޮޑީ ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތައް ކަމަށް ވެސް ނަޝީދު އިތުރަށް ފާހަގަކުރި އެވެ. އާމްދަނީގެ ނިސްބަތުން ދަރަނި ސާވިސްކުރުމުގެ ހަރަދު އަހަރުން އަހަރަށް ބޮޑުވުމުން މިއަހަރު ދިމާވެފައިވާ މާލީ ދަތިތަކާއެކު، ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީ49 ޕަސެންޓް ދަށްވާނެކަމަށް ލަފާކުރެވޭތީ، އާމްދަނީގެ ނިސްބަތުން ދަރަނި ވަރަށް ބޮޑަށް އިތުރުވާނެކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މިއަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 10 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ފައިސާގެ ދަރަނި އިތުރުވުމެވެ. އަދި ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ދަރަނީގެ ސަބަބުން ދިމާވާ ގޮންޖެހުންތަށް ކުޑަކުރުމަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް ފިސްކަލް ޑެފިސިޓްވެސް ކުޑަކުރުމަށާއި ދެމެހެއްޓެނިވި މިންވަރެއްގައި ދަރަނި ބެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް