ދެހާސް ސަތާރަ ވަނަ އަހަރު އަނިޔާވެރިގޮތަކަށް މަރާލާފައިވާ ރ. މީދޫ ފެންފިޔާޒޫގެ މުހައްމަދު އަނަސް އަށް ދީފައިވަނީ އޭނާ ވަގުތުން މަރުވެދާނެ ފަދަ ހަމަލާތަކެއް ކަމަށް އަނަސްގެ ހަށިގަނޑު ބެއްލެވި އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. އިބްރާހިމް މޫމިން ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި އަނަސް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު ދެމުން ޑރ. މޫމިން ވިދާޅުވީ، އަނަސް އަށް ހަމަލާ ދިން ދުވަހުގެ ރޭ އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ އަށް ގެނައި އިރު ފުރާނަ ގެއްލޭ ފަދަ 24 ޒަހަމެއް ފެނުނު ކަމަށާއި އަނަސްގެ ނޭވާ ވެސް ނެތް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޑރ މޫމިން ވަނީ ވިދާޅުވެފަ އެވެ. އިތުރަށް ވިދާޅުވީ އަނަސްގެ ކޭހަށް އޭނާ އެޓެންޑްވި އިރު އޭޑީކޭ އެމަޖެންސީ ރޫމުގައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުން އެޓެންޑްވެ މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށާއި އޭރުވެސް އަނަސްގެ ވިންދާއި ހަރަކާތެއް ނެތް ކަމަށެވެ.
ދައުލަތުންނާއި ދިފާއުގެ ފަރާތުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރު ވިދާޅުވީ އަނަސް މަރުވި ކަމަށް ބޮޑަށް ބެލެވެނީ ހަށިގަނޑަށް ލިބުނު އަނިޔާތަކުގެ ސަބަބުން ލޭ މަދުވުމުން ކަމަށެވެ. އޮޓޮޕްސީ ގެންދިއުމަކީ އޭޑީކޭގައި އޮންނަ އުސޫލެއް ނޫން ކަން ފާހަގަ ކުރައްވައި ޑރ މޫމިން ވިދާޅުވީ މަރުވި ސީދާ ސަބަބު ދެނެގަތުމަށް ޖެހޭނީ ފޮރެންސިކް ތަހުލީލެއް ކުރުން މުހިންމު ކަމަށެވެ.
އަނަސްގެ މަރުވާ ދައުވާ އުފުލޭ ހަތް މީހުންގެ ތެރޭޭގައި ހިމެނޭ ލ. ގަމު، ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަށް ބޭނުންވާ ބޭސްފަރުވާ ނުލިބޭ ކަމުގެ ޝަކުވާާ އުފުލިއެވެ. އެހެންކަމުން އެ ކަން ކަށަވަރު ކުރަން މައްސަލަ ބެއްލެވި ގާޒީ އެންގެވިއެވެ. ޑޮކްޓަރގެ ހެކި ބަސް ނަގައި ދިފާއުގެ ފަރާތުން ފާހަގަކުރަން ޖެހޭ ކަންކަން ފާހަގަކުރުމަށް ފަހު މިއަދުގެ އަޑުއެހުންް ނިންމާލިއެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް