ބޮޑެތި އިންވެސްޓުމެންޓް ދެން ރާއްޖޭ ނާންނާނެ: ޝިޔާމް

ބޭރު ގައުމުތަކުގެ ބޮޑެތި އިންވެސްޓުމެންޓުތަށް ދެން ރާއްޖެއަށް އައުމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހ...

19 Oct 2020 | 06:51

ބޭރު ގައުމުތަކުގެ ބޮޑެތި އިންވެސްޓުމެންޓުތަށް ދެން ރާއްޖެއަށް އައުމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމެންޓް ހިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ މާލީ އިންޓެލިޖެންސް ބެލެހެއްޓުމުގެ ޒިންމާތަށް އަވައްޓެރި އިންޑިއާ އާއި ހަވާލުކޮށްފައިވުމުން ދެން ރާއްޖެއަށް ބޮޑެތި އިންވެސްޓުމެންޓުތަށް ނާންނާނެ ކަމަށެވެ.

ޝިޔާމު އޭނާގެ ވާހަކަތަށް ކުރިއަށް ގެންދަވަނިކޮށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަންދު ހުސެއިން) ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، ރާއްޖޭގެ މާލީ ކަންކަން ބޭރު ގައުމެއްގެ މައްޗަށް ސަރުކާރުން ދޫކޮށްލާފައި ނުވާ ކަމަށާއި، ޝިޔާމު މަޖިލީހުގެ ތަޅުމުގައި ދައްކަވަމުން ގެންދަވަނީ ހަގީގަތާއި ހިލާފު ވާހަކަތެއް ކަމަށެވެ. މި ވާހަކަތަކަށް ބާރު އަޅުއްވާ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ޝަމީމްގެ ވާހަކައަށް ބާރުދީ ނަޝީދު ވިދާޅުވީ، އެކަމެއް އޮތް ގޮތަށް އޮތް މިންވަރަކަށް އެކަމެއްގެ ވާހަކަ ދެއްކުން ރަނގަޅުވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ކަންކަން އިންޑިއާއަށް ހަވާލުކުރި ކަމަށް ޝިޔާމް ވިދާޅުވުމުން އެއަށް ދިން ރައްދެއް ކަމަށް ބެލެވެ އެވެ.

"އިތުރު އެހެން ގައުމެއްގެ އިންވެސްޓްމެންޓެއް، ރަނގަޅު ހެޔޮވަރު އިންވެސްޓްމެންޓެއް އަންނާނެ ކަމަކަށް ދެން އަޅުގަނޑުމެން އުންމީދު ކަނޑާލައިގެން މިތިބީ، އެއީ ދިވެހިރާއްޖޭގެ މާލީ މުޝީރުކަން އެހެން ގައުމަކާ ހަވާލު ކުރީމަ" ޝިޔާމް ވިދާޅުވި އެވެ.

ޝަމީމުގެ ނިޒާމީ ނުކުތާއަށް ފަހު ޝިޔާމް އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، ސަރުކާރުން މާލީ ކަންކަން ކުރަމުން ގެންދަވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް މިހާރުވެސް ބަޖެޓުގެ ބޭރުން ހަރަދުތަކެއްކޮށް ހަރަދު ކުރަމުންދާ ކަމަށެވެ. އަދި އަހަރުގެ މިހާތަނަށް އައިރުވެސް ފިނޭސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ދިރާސާކުރަން ފޮނުވާފައި ނުވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓާއި ގުޅުންހުރި މަސައްކަތް ވެސް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް