ރާއްޖެއަށް ވަނީ ބޭރު ނުފޫޒުތަކުގެ ދައުވަތު ލިބިފަ: ވަހީދު

އެމަނިކުފާނުގެ ވެރިކަމުގައި ބޭރު ގައުމުތަކުން ރާއްޖޭގައި އަތްގަދަ ކޮށް ނުފޫޒު ފޯރުވައި އެފަދަ ހުށަހެޅުންތަށް ލިބުނު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. ގައުމީ ދުވަހާ ގުޅިގެން...

19 Oct 2020 | 05:54

އެމަނިކުފާނުގެ ވެރިކަމުގައި ބޭރު ގައުމުތަކުން ރާއްޖޭގައި އަތްގަދަ ކޮށް ނުފޫޒު ފޯރުވައި އެފަދަ ހުށަހެޅުންތަށް ލިބުނު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހާ ގުޅިގެން ރޭ ކޮންގްރެސް ކޯލިޝަންއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ، ޖިއޮގްރަފީ ގޮތުން ރާއްޖެ އަންނަ ސަރަހައްދުގެ ސަބަބުން ބާރުގަދަ ގައުމުތަކުން އަބަދު ވެސް ރާއްޖެއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވެސް ރާއްޖޭގައި ބޭރުގެ ގައުމުތަކުން ނުފޫޒު ގަދަ ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ. ވަހީދު ވިދާޅުވީ އެފަދަ ކޮންމެ ދައުވަތަކަށް އެމަނިކުފާނުގެ ސަރުކާރުން ވަނީ ދެކޮޅު ހަދާ ނޫނެކޭ ބުނެފައިވާ ކަމަށެވެ.

"ދުނިޔޭގެ ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު އަޅުގަނޑު ކައިރި ވިދާޅުވީ، ޓީވީއަށް މިއަދު އޭނާއާއެކީ އަރައި އިސްތިއުފާ ދެއްވާކަން އިއުލާން ކުރަައްވަން ހިނގާށޭ،" ވަހީދު ވިދާޅުވި އެވެ.

ޖަލްސާގައި ވާހަަކަ ދައްކަވަމުން ވަހީދު އިތުރަށް ވިދާޅުވީ، ނުފޫޒު ތަކުގެ ދައުވަތު ލިބުމުން އެކަމަށް އެދުވަހު އެއްބާރުލުން ދިންނަމަ ގައުމުގެ މިނިވަން ގެއްލޭނެ ކަމަށެވެ. އަދި ރާއްޖެއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ގައުމުތަކުގެ އެ މަސައްކަތް ހުއްޓުވައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ބޭރުގެ ގައުމުތަކުން ޔާމީނަށް ވަރަށް ބޮޑަށް ނަފްރަތު ކުރައްވާ ކަމަށެވެ.

މިހާރުގެ ސަރުކާރަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެ، ވަހީދު ވިދާޅުވީ، ކުރިން ބޭރުގެ ނުފޫޒުތަކަށް ޖާގަ ނެތް ނަމަވެސް މިހާރު އަލުން އެ ފުރުސަތުތަށް ހުޅުވި ގައުމުގައި ވަރަށް ބޮޑަށް ބޭރު ގައުމެއްގެ ނުފޫޒު އެބައޮތް ކަމަށެވެ. އަދި އެ ނުފޫޒު ހުއްޓުވަން ޖެހިފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ސީދާކޮށް ރާއްޖޭގައިި އޮތީ ކޮން ގައުމެއްގެ ނުފޫޒެއްކަން ވަހީދު ވިދާޅުނުވިޔަސް އެ މަނިކުފާނު ނިސްބަތްވާ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީއިން ގެންދަނީ ތަކުރާރުކޮށް ރާއްޖޭގައި އިންްޑިއާގެ ނުފޫޒު އޮތްކަމަށް ބުނަމުންނެވެ. ވާހިދަކީ ޕީޕީއެމް އާެއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަންގެ ހާއްސަ އެޑްވައިޒަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް