ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް: ކަންމަތި އެސްސީ އާއި އައުޓްރީފް އެސްސީ ފަސްބެލުމެއް ނެތި ކުރިޔަށް،

ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގައި އިއްޔެ ހަވީރާއި ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން އިއްޔެ ހަވީހު ކ...

19 Oct 2020 | 04:51

ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގައި އިއްޔެ ހަވީރާއި ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ.

އެގޮތުން އިއްޔެ ހަވީހު ކުޅުނު މެޗުގައި އައުޓްރީފް ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ކިލާ ބައްދަލުކުރި އިރު، މި މެޗު 4-5 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އައުޓްރީފް ސްޕޯޓްސް ކުލަބުންނެވެ. މިއީ މި މުބާރާތުގައި މި ޓީމު މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، މި ދެމެޗުންވެސް ވަނީ މޮޅުވެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗު އެޓީމު މޮޅުވެފައި ވާއިރު، އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިންނަކީ އަޙުމަދު ޞަބާޙު އާއި ޒައިދާން އަބްުދުﷲ ގެ އިތުރުން އަލީ ނާޝިދިއެވެ. އަޙުމަދު ޞަބާޙު އާއި ޒައިދާން އަބްުދުﷲ ވަނީ މި މެޗުގައި ކޮންމެ ކުޅުންތެރިޔަކު ވެސް ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑު ކިލާއިން މި މެޗުގައި ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު އައްސަދުގެ އިތުރުން ޒިދާން ނަސީރުއެވެ. އަޙުމަދު އައްސަދު ވަނީ މި މެޗުގައި 3 ލަނޑު ކާމިޔާބު ކޮށް ހެޓްރި ފުރިހަމަ ކޮށްފައެވެ.

މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 2 ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަމްބަރ 7 ޒައިދާން އަބުދުﷲ އެވެ.

ރޭގެ ކުޅެވުނު ފުރަތަމަ މެޗުގައި ގޯޅި ޖޭއާރު އާއި ސުޕަސްޓާރ ބައްދަލުކުރި އިރު، މި މެޗު 3-10 ލަނޑުން ކާމިޔާބު ކުރީ ގޯޅި ޖޭއާރު އެވެ. މިއީ މި ޓީމު މި މުބާރާތުގައި ކުޅުނު ދެވަނަ މެޗަށް ވާއިރު، މޮޅެއް ހޯދުނު ފުރަތަމަ މެޗެވެ. މި މެޗުގައި ގޯޅި އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ މުޙައްމަދު އަކުމަލް، އަލީ އަރުޝަދު، ޙަސަން ސާމިދް، ޙުސެއިން އަޒްމީ، މާޒިން އަހުމަދު އެވެ. މި މެޗުގައި އަލީ އަރުޝަދު ހަތަރު ލަނޑު ކާމިޔާބު ކުރިއިރު، މާޒިން ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ސުޕަސްޓާރ އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޔޫސުފް ނަޝީދު، މުޙައްމަދު ޖަމީލް އެވެ. މި މެޗުގައި މުޙައްމަދު ޖަމީލް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 4 ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަމްބަރ 16 އަލީ އަރުޝަދުއެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޑީޑީއެފް ދި ޖެނެރޭޝަން އާއި ޑޭންޖަރަސް ބޯއީސް އެވެ. މި މެޗު 3-4 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޑީޑީއެފް އެވެ. މިއީ މި މުބާރާތުގައި ޑީޑީއެފް ކުޅުނު ތިންވަނަ މެޗަށް ވާއިރު މި ތިން މެޗުވެސް އެޓީމުން ވަނީ ފަސޭހަ ކަމާއި އެކު މޮޅުވެފައެވެ. މި މެޗުގައި ޑީޑީއެފްގެ ލަނޑުތައް ކާމިޔާބު ކުރީ އަޙުމަދު އަޝްރަފް، އަލީ މާއިޝް އަދި ޔޫސުފް ޝިފާން އެވެ. މި މެޗުގައި އަޙުމަދު އަޝްރަފް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ޑޭންޖަރަސް ބޯއީސްގެ ލަނޑުތައް ކާމިޔާބު ކުރީ ހަސަން ފަރީދުއާއި ހުސެއިން ފައިސަލް އެވެ. ހަސަން ފަރީދު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 2 ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަމްބަރ 10 އަޙުމަދު އަޝްރަފް އެވެ. މިއީ މި ގާމު އޭނާ ހޯދާ ތިންވަނަ ފަހަރެވެ.

ރޭގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ކަންމަތީ ސްޕޯޓްސް ކުލަބާއި ޑީކޭއެންޒެޑް އެވެ. މިއިން ކޮންމެ ޓީމެއް ވެސް މިހާތަނަށް މި މުބާރާތުގައި ތިން މެޗު ވަނީ ކުޅެފައެވެ. މި ތިމް މެޗުންވެސް ތަފާތު ބޮޑުކޮށް ކަންމަތީ ސްޕޯޓްސް މޮޅުވެފައިވާއިރު، ޑީކޭއެންޒެޑް މޮޅުވެފައިވަނީ އެއްމެ މެޗަކުން ނެވެ. އަނެއް ދެމެޗުން ވެސް ވަނީ ބަލިވެފައެވެ.

ރޭގެ މެޗު ކަންމަތީ ސްޕޯޓްސް ކަުލަބުން ކާމިޔާބު ކުރީ 2-14 ގެ ބޮޑު ނަތީޖާއަކުންނެވެ.

މި މެޗު 2-14 ގެ ނަތީޖާއިން ކަންމަތި މޮޅުވިއިރު، އެޓީމުގެ ޖާޒީ ނަމްބަރ 9 އަލީ ހާފިޒް ( އައްޔަ ހާއްޕެ) ވަނީ މި މެޗުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މި މުބާރާތުގައި އަލީ ހާފިޒް ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 20 އަށް އަރާފައެވެ. މިވަގުތު މި މުބާރާތުގެ ލީޑިން ޓޮޕް ސްކޯރާ އަކީވެސް އަލީ ހާފިޒްއެވެ.

އަލީ ހާފިޒްގެ އިތުރުން ދެން ކަންމަތީ އެސްސީ އަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިބުރާހީމް އަސްވަދް އާއި މަލީހު މުޙައްމަދު އާއި އަނަސް އަދުނާންގެ އިތުރުން އަބްދުލް މަތީން އަލީއެވެ.

މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 10 ލަނޑު ކާމިޔާބު ކޮށްދިން ކަންމަތީ ސްޕޯޓްސް ކުލަބުގެ ޖާޒީ ނަމްބަރ 9 އަލީ ހާފިޒްއެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.

މިރޭވެސް މި މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ގޯޅި އެސްސީ އާއި އައުޓްރީފް އެސްސީ ބައްދަލުކުރާއިރު، 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޯޅި ޖޭއާރު އަދި ރޯޔަލް އެފްސީ އެވެ. އަދި މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ދޭންޖަރަސް ބޯއީސް އާއި ޔުނައިޓެޑް ކިލާ އެވެ. މި މެޗު ފަށާނީ މިރޭ 22:30 ގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް