އޮޕް-އެޑް: ވަށައިގެންވާ ދިވެހި މަސްކަނޑުތަކުގެ ރައްކާތެރިކަމަށް އިންޑިޔާގެ ދައުރު ވަރަށް ބޮޑު

ރާއްޖެ މިއޮންނަނީ އިންޑިޔާ ކަނޑުގެ މެދުގައެވެ. އިންޑިޔާގެ އެންމެ އަވަށްޓެރި އެއް ޤައުމުގެ ގޮތުގައެވެ. އެހެންކަމުން ރާއްޖެ ވަށައިގެންވާ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކު...

19 Oct 2020 | 04:07

ރާއްޖެ މިއޮންނަނީ އިންޑިޔާ ކަނޑުގެ މެދުގައެވެ. އިންޑިޔާގެ އެންމެ އަވަށްޓެރި އެއް ޤައުމުގެ ގޮތުގައެވެ. އެހެންކަމުން ރާއްޖެ ވަށައިގެންވާ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިޔާއިން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތް ގިނަވެފައި ބުރައެވެ. މި މަސައްކަތްތަކުގެ އެންމެ ބޮޑު ހިތްހަމަ ޖެހުމެއް އޮތީ ބޭރު ކަނޑާ ހަމައަށް ނުކުމެގެން މަސްވެރިކަންކުރާ ދިވެހި މަސްވެރިންނަށެވެ. މަސްވެރި އާއިލާތަކަށެވެ.

ދޭތެރެ ދޭތެރެއިން ބިދޭސީ ބޯޓުފަހަރު ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ތެރެއަށް ވަދެ، މަސްވެރިކަން ކުރާތީ ފެނެއެވެ. ލޭނާއި ދާއެޅުމެވެ. ދިވެހި މަސްވެރިން މިކަމާ އިންތިހާއަށް ކަންބޮޑުވެއެވެ. އެކަން މިހާރުގެ ސަރުކާރުން ރަނގަޅަށް ދަނެއެވެ.

"ރާއްޖޭގެ ވަށައިގެންވާ ކަނޑަކީ ރާއްޖޭގެ ސަލާމަތާ ގުޅިފައިވާ ވަސީލަތެއް،" ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެން އިންޑިޔާއަށް ކުރެއްވި ރަސްމީ ޒިޔާރަތެއްގައި އިންޑިޔާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ. "އިންޑިއަން އޯޝަންގެ އިކޮނޮމިކް،ޕޮލިޓުކަލް،އިކޮލޮޖިކަލްތަކުގެ ސީދާ އަސަރު ރާއްޖެއަށް ކުރޭ. މި ހަގީގަތް (ރައީސް) އިބްރާހިމް މުޙައްމަދު ސޯލިހު ދެކެވަޑައިގަންނަވާ."

މި ހަގީގަތް ދެމެހެއްޓުމަށްޓަކައި ރާޑަރުތައް ބަހައްޓާ ސާވިއަލަންސް ވަރުގަދަކުރީ އިންޑިޔާގެ ތަޖުރިބާއާއި ރޭވުންތެރިކަމާވެސް އެކީގައެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ރާޑަރުތައް ނިއްވާލާ ދިވެހި ކަނޑުތައް ހިތަކަށް ހުޅުވާލާފައި އޮތްއޮތުން ހުއްޓުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެކެވެ. މިކަމުގެ މޭސްތިރިއަކަށް ހުންނެވީ ދިވެހި ޚާރިޖީ ވަޒީރެވެ.

ނިމިދިޔަވެރިކަމުގައި ހީނަރުވެފައިވާ އިންޑިޔާ-ރާއްޖެ ގުޅުން ޝާހިދު ވަރުގަދަ ކުރައްވައި، އިންޑިޔާއާ ގާތްގުޅުމެއް ބާއްވަވަން ފެއްޓެވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މަސްކަނޑުތަކާއި އިގްތިސާދީ ސަރަހައްދުގެ ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އިންޑިޔާގެ މަސައްކަތްތައް ފުޅާކުރިއެވެ. މިކަމުގެ އެންމެ ބޮޑު ހިތްހަމަޖެހުމެއް އޮތީ ދިވެހި މަސްވެރިންނަށެވެ. ބޭރުކަނޑަށް މަސްވެރިކަމު ނުކުންނަ ކަނޑޫފޭރޭ މީހުންގެ ބިރެއް މިހާރަކު ނެތެވެ. ދާއަޅައިގެން މަސްހިފާ ބޯޓު ފަހަރުގެ ހަރަކާތްތައް ރާއްޖޭގެ ސަރަހައްދުން ފެއަށް ޖެހިއްޖެއެވެ. އައްސޭރި ފަށުގެ މަސްވެރިކަމަށް ހާއްސަކޮށްފައިވާ ބިދޭސީ ކުދި މަސްބޯޓު ފަހަރު ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރުން މަޑު ޖައްސުވައިފިއެވެ. އިންޑިޔާގެ އެހީތެރިކަމާއެކުގައެވެ.

"އިންޑިޔާއަކީ ދިވެހިންގެ ދާއިމީ އެކުވެރިއެއް. އަވަށްޓެރި ގާތް ރަހުމަތްތެރިއެއް. މަދަދުވެރިއެއް،" ޝާހިދު ވިދާޅުވެފައިވެއެވެ.

އިންޑިޔާކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަކީ ދިވެހިރާއްޖެއަށް އިންތިހާއަށް ބޭނުންތެރިކަމެކެވެ. އެކަމުގައި އިންޑިޔާއިން އެގެންދަނީ ދިވެހި ރާއްޖެއަށް ފައިދާވާނެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް އިންޑިއަށް އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ)ގެ އެންމެ މުހިއްމު އެއް މޭސްތިރިއަކީ ވެސް އިންޑިޔާއެވެ.

އެހެންކަމުން ވަސީލަތުގެ ގޮތުން މަދު، ކަނޑުގެ ސަރަހައްދު ބޮޑު މި ކުޑަކުޑަ ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑގެ ސަރަހައްދުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އިންޑިޔާގެ "ލޯ"ވަރަށް މުހިއްމެވެ. އެކަމުގެ ފައިދާ ދިވެހި މަސްވެރިންނަށާއި ދިވެހި ސަލާމަތީ ބާރުތަކަށް ސީދާގޮތުން ލިބޭނެއެވެ. ލިބެމުންވެސް އާދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް