ފައިނުގައި ސިފައިން ހިންގި ނިޔަމި ކޯސް ނިންމާލައިފި

އެމްއެންޑީއެފް ކޯސްޓްގާޑުން އެމްއެންޑީއެފް ނޮދަން އޭރިއާ، ރ.ފައިނުގައި ހިންގި ނިޔަމިކަމުގެ ކޯސް ނިންމާލައިފިއެވެ. މި ކޯސް ނިންމުމުގެ ގޮތުން ރޭ ރ.ފައިނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޯހ...

19 Oct 2017 | 06:37

އެމްއެންޑީއެފް ކޯސްޓްގާޑުން އެމްއެންޑީއެފް ނޮދަން އޭރިއާ، ރ.ފައިނުގައި ހިންގި ނިޔަމިކަމުގެ ކޯސް ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ރޭ ރ.ފައިނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޯހުން ފާސްވި ފަރާތްތަކަަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ ކޯހުގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިމަހު 14 ފެށިގެން މިމަހު 17 އަށް ރ.ފައިނުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 37 ފަރާތެއް ބައިވެރިވެފައިވެއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގާ މި ކޯހުގައި، 30 ގަޑިއިރުގެ ކުލާސްތަކެއް ވަނީ ނަގައިދީފައެވެ. އަދި މި ކޯހުގައި ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ، ސީ، ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އުނގަންނައިދީފައިވެއެވެ.

މި ކޯހުގައި އުނގަންނައި ދީފައިވާ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނެއެވެ.

މިކޯހުގައި ކިޔަވާދެއްވާފައިވަނީ ނެވިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ. ރ.ފައިނުގައި ހިންގި ނިޔަމިކަމުގެ ކޯހަކީ ރ.ފައިނު ކައުންސިލްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ކޯހެކެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދާއި ރ.ފައިނު ކައުންސިލް މެމްބަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރުންނާއި ކޯހުގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

ރ.ފައިނުގައި ހިންގުުނު ނިޔަކަމުގެ ކޯހަކީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި 48 ވަނަ ނިޔަމިކަމުގެ ކޯހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް